ރައީސް މައުމޫނުގެ ވެރިކަމުގައި ނުފޫޒު ގަދަ އަދި އޭރުގެ އިދިކޮޅު ފަރާތްތަކުގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވި އެއް ބޭފުޅާ އިލްޔާސް އިބުރާހީމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފުކުރައްވައިިފި އެވެ.

ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބުރާހީމްގެ ބޭބޭފުޅު އިލްޔާސްއަކީ މައުމޫގެ ވެރިކަމުގައި ޓްރޭޑް މިނިސްޓަރުކަމާއި އެޓޯލްސް މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަމާއި ޑިފެންސް މިނިސްޓަރުގެ ނައިބުކަން ކުރެއްވި ބޭފުޅެކެެވެ.

އިލްޔާސަށް ތައުރީފުކުރައްވައި ނަޝީދު ކުރެއްވި ޓްވީޓްގައި ނަޝީދު ވިދާޅުވީ އެއީ "ދިވެހި ދައުލަތަށް ވަފާތެރި، ހިދުމަތްތެރި ބޭފުޅެއް" ކަމަށެވެ. އަދި ދުރު ވިސްނޭ ބޭފުޅެއްގެ ގޮތުގައި ވެސް ސިފަކުރެއްވި އެވެ.

އެކަމަކު ނަޝީދުގެ ތައުރީފް މި ގޮތަށް އައިއިރު، ރާއްޖޭގައި ހިންގި ކޮރަޕްޝަންގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ 1990ގެ އެފްޕީއައިޑީގެ ހިޔާނާތުގައި، ނަޝީދާއި އޭރު ނެރުނު "ސަންގު" ނޫހުގެ އަމާޒަކަށް ވީ އިލްޔާސެވެ. ސަންގުގެ ރިޕޯޓަރެއްގެ ގޮތުން އެސްޓީއޯގެ ޕްރެސް ކޮންފަރެންސެއްގައި ސީދާ އިލްޔާސް އަށް އަމާޒުކުރައްވައި، އެތައް ތުހުމަތެއްގެ ސުވާލު ނަޝީދު ކުރެއްވި އެވެ.

އޭރު ސަރުކާރުގެ މަސް ކުންފުނި ކަމަށް ވާ އެފްޕީއައިޑީ ހިންގަމުން ގެންދިޔައީ އެސްޓީއޯ އިންނެވެ. ޓްރޭޑް މިނިސްޓަރުގެ އިތުރުން އެސްޓީއޯގެ އިސް ވެރިޔަކަށް ވެސް ހުންނެވީ އިލްޔާސް އެވެ.

"ސަންގު"ން ފަޅާއަރުވާލި އެފްޕީއައިޑީގެ ހިޔާނާތާ އެކު އިލްޔާސް، އޭރުގެ އެއާ މޯލްޑިވްސްގެ ކުޑަ ފްލައިޓެއްގައި ރާއްޖެ ދޫކުރައްވައި ބޭރަށް ވަޑައިގަތެވެ. އަދި އެއީ "ފިއްލެވުމެއް" ކަމަށް ބަލައި، ރައީސް މައުމޫން ވަނީ ސަރުކާރުގެ ހުރިހާ މަގާމަކުން އިލްޔާސް ވަކިކުރައްވައިފަ އެވެ.

ހިތްހެޔޮ، އަދި ވަރަށް ބޮޑު ހިންގުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންނެވި އިލްޔާސްއާ ދެކޮޅަށް އެފްޕީއައިޑީގެ މައްސަލައެއްގައި ދައުވާކޮށްފައެއް ނުވެ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހިންގި އެފްޕީއައިޑީގެ ތަހުގީގީ ރިޕޯޓް، އާންމުކޮށްފައެއް ނުވެ އެވެ. އެ ރިޕޯޓް ހާމަކުރަން ނަޝީދުގެ ސަރުކާރުން ވެސް ދެކޮޅުހެދި އެވެ.

އެމްއެމްޕީއާރުސީގެ 80 މިލިއަން ޑޮލަރުގެ ހިޔާނާތް ފަޅާއެރުމުން، އެފްޕީއައިޑީގެ މައްސަލަ، ބައެއް މީހުންގެ ނަޒަރުގައި މިހާރު ވަނީ "ކުޑަވެފަ" އެވެ.

އެފްޕީއައިޑީގެ މައްސަލަގަނޑަށް ފަހު އިލްޔާސް 1991 ގައި އެނބުރި ވަޑައިގަތުމުން ލިބިވަޑައިގަތީ އެޓޯލްސް މިނިސްޓަރުކަމެވެ. އެކަމަކު 1993 ގެ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ މަޖިލިހުގެ ސިއްރު ވޯޓަކުން ހޮވާ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށް އަޑިއަޑިން އޭނާ ކުރެއްވި މަސައްކަތް ފަޅާއެރުމުން، އަނެއްކާވެސް ރާއްޖެ ދޫކުރައްވައި ވަޑައިގަތެވެ. އެފަހަރު މަޖިލިހުގެ ސިއްރު ވޯޓުން މައުމޫން ސަލާމަތްވެވަޑައިގަތީ ކިރިޔާ އެވެ.

ތިން ވަނަ ފަހަރަށް މައުމޫންގެ ކެބިނެޓުން އިލްޔާސަށް ފުރުސަތު ލިބިވަޑައިގަތީ 1998 ގަ އެވެ. އޭގެ ފަހުން އިލްޔާސް ވަނީ ރައްޔިތުންގެ މަޖިލިހުގެ މާލޭގެ މެމްބަރުކަމާއި (އެފަހަރު އިލްޔާސާ އެކު އަނެއް ގޮނޑި ކާމިޔާބުކުރެއްވީ ނަޝީދު އެވެ.) އޭގެ ފަހުން ލ. އަތޮޅުގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

އިލްޔާސަށް ތައުރީފުކުރެއްވި ނަޝީދުގެ ޓުވީޓާ ގުޅިގެން ސޯޝަލް މީޑިއާގެ ބައެއް ބައިވެރިން ގެންދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެކަކު ބުނެފައި ވަނީ "ދެތިން އަހަރެއްގެ ތެރޭގައި ރައީސް ޔާމީނު އަރިހުގައި އިންނަވައިގެން ވެސް މަނިކުފާނު ހަަމަ މިހެން ވިދާޅުވެދާނެކަމަށް އިހުސާސްވާ" ކަމަށެވެ.

"ރައީސް ނަޝީދަށް މިހާރު ދެން ހަމަ ކޮންމެ މީހަކު ވެސް އޯކޭ ވަނީތޯ؟" އެހެން މީހަކު ސުވާލުކުރި އެވެ.

ރައީސް ޔާމީނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދިޔަ މަސައްކަތަށް އިލްޔާސް އެހީތެރިވެވަޑައިގަންނަވާ ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް މިހާރު ރާއްޖެއިން ބޭރުގައި އާންމުކޮށް ދިރިއުޅުއްވާ އިލްޔާސް އިދިކޮޅު ހަރަކާތްތަކުގައި ސީދާ ގޮތެއްގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އިލްޔާސް އާއި ޔާމީނަކީ، މައުމޫންގެ ކެބިނެޓްގައި ވެސް ދުރު އަދި ދެކޮޅުވެރި ބޭފުޅުންނެވެ.