ވިކްޓަރީ ސްޕޯޓްސް ކްލަބުން ބާސްކެޓްބޯޅަ ޓީމު މެނޭޖު ކުރުން ހުއްޓާލުމުން، އޭރު އެ ކްލަބަށް ކުޅުނު ކުޅުންތެރިންނާ އެކު އިލްޔާސް އިބްރާހިމް (އިއްލެ) ހެދީ ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުގެ ނަމުގައި ބާސްކެޓްބޯޅަ އަށް ހާއްސަ ކްލަބަކެވެ.

ކޯ ފައުންޑަރެއްގެ ގޮތުގައި އޭނާ ވެސް ހުރެގެން އުފެއްދި ޓީރެކްސް ރާއްޖޭގެ ބާސްކެޓްގެ ބޮޑު ބާރަކަށް ހަދައިދިނެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބުގެ ގޮތުގައި ޓީރެކްސް ކުރި ދަތުރުގައި ހިއްސާ ވުމަށް ފަހު އިއްލެ ވަނީ އެ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ. ނަމަވެސް ވަކި ސަބަބެއް ހާމަކުރަން އޭނާ އަދި ބޭނުމެއް ނުވެ އެވެ.

ކްލަބުގެ ފައުންޑަރެއްގެ ގޮތުގައި، ކުޅުންތެރިޔެއްގެ ގޮތުގައި، ކޯޗެއްގެ ގޮތުގައި އަދި ފަހުން ހެޑް ކޯޗެއްގެ ގޮތުގައި އިއްލެ އަދާ ކުރި ދައުރު ނިމިގެން ދިޔައީ އެވެ. ކުރިއަށް ހުރި މުބާރާތްތަކުގައި އޭނާ ޓީރެކްސްއަކުން ނުވަތަ އެހެން ކްލަބަކުން ވެސް ނުފެންނާނެ އެވެ.

"މިއީ ވަރަށް އިމޯޝަނަލް ވަގުތު ކޮޅެއް،" ޓީރެކްސްއާ ވަކިވުން އިއްލެ ސިފަ ކުރީ މިހެންނެވެ. "ވަރަށް ބައިވަރު މަސައްކަތް ކުރެވުނު. ވަރަށް ގިނަ ކާމިޔާބުތަކެއްގައި ހިއްސާ ވެވުނު."

ގައުމީ ފުޓްބޯޅަ ޓީމަށާއި ގައުމީ ބާސްކެޓްބޯޅަ ޓީމަށް ވެސް ކުޅުނު އިއްލެ އަކީ ދެ ކުޅިވަރުގައި ވެސް ހިޓެކެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އަހަރުތަކުގައި އިއްލެގެ ހިއްސާ އޮތެވެ. ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ދެކުނު ކޮރެއާގެ ޓީމާ ދެކޮޅަށް 2004 ގައި ރާއްޖެ ކުޅެ ލަނޑެއް ނުޖެހި އެއްވަރު ކުރި މެޗުގައި ދިވެހި ޓީމުގެ ސެންޓަ ފޯވަޑަކީ އިއްލެ އެވެ. ޖެހިގެން އައި އަހަރު ރާއްޖޭގެ ކްލަބު ފުޓްބޯޅައިގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބު ކަމުގައިވާ، އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ނިއު ރޭޑިއަންޓު ދަތުރު ކުރިއިރު އެ ޓީމުގައި ވެސް އިއްލެ ހިއްސާވި އެވެ.

އިއްލެ ޓީރެކްސްގެ ކުޅުންތެރިންނާއެކު --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
އިއްލެ ޓީރެކްސްގެ ކުޅުންތެރިންނާއެކު --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ބާސްކެޓްބޯޅަ އަށް މުޅިން ހުސްވީ 2007 ގަ އެވެ. ބާސްކެޓްގައި ވިކްޓަރީން ހޯދި ކާމިޔާބުތަކުގައި ޓީމުގެ ލީޑަރަކީ އޭނާ އެވެ. ގައުމީ ކުޅިވަރު މަޖިލީހުގެ މިހާރުގެ ރައީސް އިބްރާހިމް ނާހިދު އާއި އެމްބީއޭގެ މިދިޔަ ދައުރުގެ ނައިބު ރައީސް ހަސަން އިސްމާއީލް އާއި އޭރުގެ ސީނިއާ ބައެއް ކުޅުންތެރިން ގުޅިގެން އުފެއްދި ޓީރެކްސްގައި މަސައްކަތް ކުރީ އިއްލެގެ އަމިއްލަ ކްލަބެއްގެ ގޮތުގަ އެވެ.

"ޓީރެކްސްގައި އަދާކުރީ ކޯޗެއްގެ ދައުރު އެކަންޏެއް ނޫން. ކްލަބު މެނޭޖު ކުރުމާއި ހިންގުމުގެ މަސައްކަތާއެއްކޮށް އުޅެވުނީ."

ޓީރެކްސްއާ ވަކިވުމަކީ، އިއްލެގެ ބާސްކެޓްބޯޅައިގެ ކެރިއާ ނިމުމެއް ނޫނެވެ. ޓީރެކްސްއާ ދުރަށް ޖެހިލިޔަސް ބާސްކެޓްގެ ކޯޗެއްގެ ގޮތުގައި ކޮންމެވެސް ލެވަލްއެއްގައި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އޭނާ ދެ އެވެ. އެމްބީއޭގެ ޑިވެލޮޕްމެންޓު މަގާމަކުން އިއްލެ ފެނުން ކައިރި އެވެ.

"މިވަގުތު އަދި އެއްވެސް ކަމެއް ފައިނަލެއް ނުވޭ،" ގައުމީ ބާސްކެޓް ޓީމުގެ ކުރީގެ ކެޕްޓަންކަން ވެސް ކުރި އިއްލެ ބުންޏެވެ. "ކްލަބުގެ ކޯޗެއްގެ ގޮތުގައި ނުފެނުނަސް ބާސްކެޓްގެ މަސައްކަތްތަކާ ދުރަކަށް ނުދަން. ހާއްސަކޮށް ޑިވެލޮޕްމެންޓް މަސައްކަތްތަކުގައި އުޅޭނަން."

ޓީރެކްސް އިން ބުނީ އިއްލެ އެ ޓީމަށް ކޮށްދިން ހިދުމަތް ފާހަގަ ކުރާ ކަމަށެވެ. އަދި އާ ކޯޗު ވަރަށް އަވަހަށް އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.