މި މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި އަޅުވާ އެޓާނަލް ޕިކްޗާސްގެ ފިލްމް "އަމާނާތް" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

މި ފިލްމަކީ ނޮވެމްބަރު 4، 1998 ގައި ރިލީޒްކޮށް، އާންމުންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމެކެވެ. އަދި 2007 ގައި ބޭއްވި ތިން ވަނަ ގައުމީ ފިލްމް އެވޯޑްސްގައި "އަމާނާތް" ވަނީ 12 އެވޯޑް އުފުލާލައިފަ އެވެ.

މި ފިލްމަކީ "ދެރިޔާ" ގެ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ޕްރޮޑިއުސްކޮށް، މަހުދީ އަހުމަދު ޑަރެކްޓްކޮށްފައިވާ ފިލްމެކެވެ.

ޓެޑް ބުނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ރެއިން "އަމާނާތު" ގެ ފަސް ޝޯ އޮލިމްޕަހުގައި ދައްކާނެ ކަމަށެވެ. ފިލްމުގެ ޓިކެޓް ވިއްކަނީ 100ރ. އެވެ.

މި ފިލްމް މާލެ އާއި ބައެއް ރަށްރަށުގައި ވެސް ދައްކާނެ އެވެ.

"ސާދަ ފެބްރުއަރީގައި މާލެއާ އެކު ބައެއް ރަށްރަށުގައި ފިލްމް އަޅުވާނެ. ވަރަށް ގިނަ ރަށްރަށުން އެބަހުރި ފިލްމް އަޅުވައި ދޭން ރެކްއެސްޓްކޮށްފައި،" ޓެޑް ބުންޏެވެ. "އެހެންވެ ވީހާ ވެސް ގިނަ ރަށެއްގައި ދެއްކުން ޓާގެޓަކީ."

"ފިލްމް އަލުން ބަލަން ބޭނުންވެގެން މީތި ސްކްރީންކޮށް ދިނުމަށް ގިނަ ބަޔަކު އެދެމުން އަންނާތީ ފިލްމް މިހާ ޒަމާންކޮށްފައި ވެސް އަޅުވަން ނިންމީ،"

"ދެރިޔާ" އިން ވިދާލި އަލީ ހާލިދާއި ޖަމްޝީދާ އަހުމަދު އަދި ފާތުމަތު ރަމީޒާގެ އިތުރުން، ތިން ކުޑަކުއްޖަކު މުހިއްމު ރޯލްތައް ކުޅެފައިވާ "އަމާނާތް" އަކީ 1983 ގައި ޝޭކަރު ކަޕޫރު ޑައިރެކްޓް ކުރި "މާސޫމް" އަސްލަކަށް ބަލައިގެން ހަދައިފައިވާ ފިލްމެވެ.

ފިލްމް ބިނާކޮށްފައި ވަނީ އެރިކް ސޭގަލް ލިޔެފައިވާ ވާހަކަ "މޭން، ވުމަން އެންޑް ޗައިލްޑް" އަށެވެ.

ޓެޑް ބުނީ 19 އަހަރު ފަހުން "އަމާނާތް" ސްކްރީނަށް ގެންނަން ނިންމީ، ފިލްމް ބަލަން ވަރަށް ގިނަ ބަޔަކު އެދެމުންދާތީ ކަމަށެވެ.

"މި ފިލްމް ނުބަލާ ވަރަށް ގިނަ ބަޔަކު ވެސް އެބަތިބި. އަދި ބެލި މީހުންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު އަލުން ބަލަން ބޭނުންވެގެން މީތި ސްކްރީންކޮށް ދިނުމަށް އެދެމުން އަންނާތީ ފިލްމް މިހާ ޒަމާންކޮށްފައި ވެސް އަޅުވަން ނިންމީ،" އޭނާ ބުންޏެވެ.

ޓެޑް ބުނީ "އަމާނާތް" އަލުން ސްކްރީނަށް ގެންނަ އިރު، އެއްވެސް އުނިއިތުރެއް ގެނެސްފައި ނުހުންނާނެ ކަމަށެވެ.

"އެކަމަކު މީގެ ކުލަ ރީތިކޮށްފައި ހުންނާނީ. އަދި ސައުންޑް ވެސް ކުރިއަށް ވުރެ މާ ރަނގަޅު ވާނެ،" އޭނާ ބުންޏެވެ. "މިހާރު މިހަދާ ފިލްމްތަކަށް ވުރެ ކޮލިޓީގެ ގޮތުން ގައިމު ވެސް އަމާނާތަށްކޮށްފައި ހުރި މަސައްކަތްތައް ދެރައެއް ނުވާނެ."