ރިއޯ ޑި ޖެނީރޯ، ބްރެޒިލް (އޮގަސްޓް 2) - އެތުލީޓުން މަނާ ބޭހަށް ޓެސްޓް ކުރުމަށް މިހާރު ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން ގެންގުޅޭ އުސޫލަށް ބަދަލުގެންނަން ޖެހޭ ކަަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބަޗް ވިދާޅުވެއްޖެެ އެވެ.
އައިއޯސީން ބުނީ ވާޑާ އިން މިހާރު މަނާ ބޭހަށް ޓެސްޓް ކުރުމަށް ގެންގުޅޭ އުސޫލު އެންމެ ރަނގަޅު ނޫން ކަމަށާއި ގިނަ އެތުލީޓުންނަށް މަކަރު ހެދުމުގެ ފުރުސަތު މިހާރު ގެންގުޅޭ ސިސްޓަމްގެ ތެރެއިން ލިބޭ ކަމަށެވެ.
ވާޑާ އިން ދާދި ފަހުން އާންމުކުރި ރިޕޯޓްގެ ސަބަބުން އައިއޯސީން ވަނީ ރަޝިއާގެ 100 ވުރެން ގިނަ އެތުލީޓުން އަންނަ ހުކުރު ދުވަހު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ފަށާ އޮލިމްޕިކްސް އަށް ސަސްޕެންޑް ކޮށްފަ އެވެ. ވާޑާގެ ރިޕޯޓްގައިވާ ގޮތުން ރަޝިއާގެ ގިނަ އެތުލީޓުން ވަނީ މަނާ ބޭހަށް ކުރާ ޓެސްޓުތަކަށް މަކަރު ހަދައިފަ އެވެ.
އައިއޯސީގެ ރައީސް ބަޗް ވިދާޅުވީ ވާޑާއިން ކުޅުންތެރިން މަނާ ބޭހަށް ޓެސްޓް ކުރަން ގެންގުޅޭ ސިސްޓަމް މުރާޖާކުރާނެ ކަމަށެވެ.
"ވާޑާގެ ސިސްޓަމްގައި މައްސަލަ އުޅޭކަން މިހާރު ގަބޫލުކުރަން ޖެހިއްޖެ. މަކަރު ހަދާ އެތުލީޓުންނަށް ކުޅިވަރުގައި އެއްވެސް ޖާގައެއް ނޯންނާނެ. ކުޅިވަރުތައް އެންމެ އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތަކަށް އައިއޯސީން މަރުހަބާ ކިޔަން،" ބަޗް ވިދާޅުވި އެވެ.
ރަޝިއާގެ ގިނަ އެތުލީޓުން މަނާބޭހަށް ކުރާ ޓެސްޓްތަކަށް ފާއިތުވި އަހަރުތަކުގައި މަކަރު ހަދާފައިވާކަން ޔަގީންވުމުން ވާޑާ އިން ވަނީ މި ފަހަރުގެ އޮލިމްޕިކްސް އިން ރަޝިއާގެ ހުރިހާ އެތުލީޓުން ސަސްޕެންޑް ކުރުމަށް އައިއޯސީ އަށް ލަފާދީފަ އެވެ. ނަމަވެސް އައިއޯސީން ނިންމީ ހަމައެކަނި މަނާބޭހަށް ޕޮޒިޓިވްވެފައިވާ އެތުލީޓުން ސަސްޕެންޑް ކުރުމަށެވެ.
އައިއޯސީން ވަނީ ވަކިވަކި ކުޅިވަރު ފެޑެރޭޝަންތަކުން ބޭނުންނަމަ ރަޝިއާ ސަސްޕެންޑް ކުރުމުގެ އިހުތިޔާރު ދީފަ އެވެ. މިހާތަނަށް އެކި ކުޅިވަރު ފެޑެރޭޝަންތަކުން ވަނީ 250 އަށް ވުރެން އެތުލީޓުން މި ފަހަރުގެ އޮލިމްޕިކްސްގައި ބައިވެރިވުމުގެ ފުރުސަތު ދީފަ އެވެ. ރަޝިއާފެ އެތުލީޓުންނަށް ފުރުސަތު ނުދޭން ނިންމީ އެތުލެޓިކްސް އާއި ވެއިޓްލިފްޓިން ފެޑެރޭޝަނުންނެވެ.