ކުވޭތު ސިޓީ (އޮގަސްޓް 2) - އަންނަ ހުކުރު ދުވަހު ބްރެޒިލްގައި ފަށާ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ސަސްޕެންޑްކޮށްފައިވާ ކުވޭތުގެ ދިދައިގެ ބަދަލުގައި އޮލިމްޕިކް ދިދަ އުފުލަން ކުވޭތުގެ ޝޫޓަރު ފަހައިދު އަލް ދީދާނީ ދެކޮޅު ހަދައިފި އެވެ.

ކުވޭތު ސަރުކާރުގެ ނުފޫޒު އެ ގައުމުގެ ފުޓްބޯޅަ އިދާރާ އާއި އޮލިމްޕިކް ކޮމިޓީ އަށް ފޯރުވާތީ އިންޓަނޭޝަނަލް އޮޮލިމްޕިކް ކޮމިޓީ (އައިއޯސީ) އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ އެ ގައުމު ސަސްޕެންޑްކޮށްފަ އެވެ.

ކުވޭތު ސަސްޕެންޑްކޮށްފައިވުމުން އައިއޯސީން ކުވޭތުގެ އެތުލީޓުންނަށް މިފަހަރުގެ އޮލިމްޕިކްސްގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމީ ވަކި ގައުމަކަށް ނިސްބަތްނުވާ އެތުލީޓުންގެ ގޮތުގަ އެވެ.

ކުވޭތު މީޑިއާ އަށް އަލްދީދާނީ ދިން އިންޓަވިއުއެއްގައި ބުނީ އެތުލީޓުން ބޭނުންވަނީ ކުވޭތުގެ ނަމުގައި އޮލިމްޕިކްސްގައި ވާދަކުރުމަށް ކަމަށެވެ.

"އަހަންނަކީ މިލިޓަރީ މީހެއް. ކުވޭތުގެ ދިދައިގެ ބަދަލުގައި އޮލިމްޕިކްސް ދިދަ އުފުލަން އަހަރެން ބޭނުމެއް ނޫން. ކުވޭތުގެ ހުރިހާ އެތުލީޓުން ވެސް ބޭނުންވަނީ އޮލިމްޕިކްސްގައި ގައުމު ތަމްސީލުކުރަން،" ޓްރެޕް ޝޫޓިން އިން 2000 ވަނަ އަހަރުގެ ސިޑްނީ އޮލިމްޕިކްސް އާއި 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ލޯ މެޑަލް ހޯދި އަލްދީދާނީ ބުންޏެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ކުވޭތުގެ އަށް އެތުލީޓުން ވާދަކުރާނެ އެވެ.

ސަރުކާރުގެ ނުފޫޒުގެ ސަބަބުން، 2007 ވަނަ އަހަރުގެ ފަހުން ފީފާ އާއި އައިއޯސީން ވަނީ ކުވޭތު ތިން ފަހަރެއްގެ މަތިން ސަސްޕެންޑް ކޮށްފަ އެވެ. ކުވޭތު ސަރުކާރުން އަންނަނީ ސަސްޕެންޝަނުން ސަލާމަތްވުމުގެ ގޮތުން އެ ގައުމުގެ އޮލިމްޕިކް ކޮމިޓީ އާއި ކުވޭތު ފުޓްބޯޅަ އިދާރާއާ އެކު މަޝްވަރާ ކުރަމުންނެވެ.

ކުވޭތު ސަރުކާރުން ވަނީ އައިއޯސީން މިދިޔަ އޮކްޓޫބަރު މަހު އެ ގައުމަށް ދިން ސަސްޕެންޝަންގެ ސަަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސްވިޒަލެންޑް ކޯޓެއްގައި އައިއޯސީއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ. ކުވޭތު ސަރުކާރުން ދައުވާކުރީ ސަސްޕެންޝަނުގެ ސަބަބުން އެ ގައުމަށް ލިބުނު ބަދަލެއްގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދިނުމަށެވެ. ނަމަވެސް ސްވިޒަލެންޑުގެ ކޯޓުން ވަނީ މި މައްސަލަ ބަލައިނުގަންނަން ނިންމައިފަ އެވެ.