ދުނިޔޭގެ ކުޅިވަރުގެ އެންމެ ބޮޑު ދެ އިދާރާ ކަމަށްވާ ފީފާ އާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ން، ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއާ މެދު އެޅި ހަރުކަށި ފިޔަވަޅުތަކާއި، މިހާރު އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ގެންގުޅޭ މަޑުމައިތިރި ސިޔާސަތުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް އެ ދެ އިދާރާ އަށް ދަނީ އަމާޒުވަމުންނެވެ.
ރަޝިއާއިން ޔޫކްރޭނަށް އަރައިގަތީ 2022 ގެ ބެއިޖިން ވިންޓާ އޮލިމްޕިކްސް ނިމުނުތާ ހަތަރު ދުވަސް ފަހުންނެވެ. އެވެ. އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނަށް ހަމަލާ ދޭން ފެށީ 2026 ގެ މިލާން-ކޯޓިނާ ވިންޓާ އޮލިމްޕިކްސް ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ގައުމުތަކުގެ ދިދަތައް ތިރިކުރިތާ ހަ ދުވަސް ފަހުންނެވެ.
ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، ރަޝިއާ އާއި އެ ގައުމަށް އެންމެ ބޮޑަށް ވާގިވެރިވާ ބެލަރޫސް ކުޅިވަރުގެ ދަނޑުން ބޭރުކޮށްލަން ފުޓްބޯޅަ އިދާރާތައް ކަމަށްވާ ފީފާ އާއި ޔުއެފާ އަދި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ނެގީ އެންމެ ހަތަރު ދުވަހެވެ.
"ރަޝިއާ ސަރުކާރާއި އެ ގައުމަށް ވާގިވެރިވާ ބެލަރޫސް ސަރުކާރުން ވަނީ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައި،" އޮލިމްޕިކްސް ތަމްސީލުކުރާ ހުރިހާ ކުޅިވަރަކުން އެ ދެ ގައުމު ސަސްޕެންޑް ކުރަން ނިންމިކަން ހާމަކޮށް އައިއޯސީން ފެބްރުއަރީ 2022 ގައި ނެރުނު ބަޔާނުގައި ބުނެފައި އޮތެވެ.
މިފަހަރު، އައިއޯސީން ހަމައެކަނި ގޮވާލީ އިޓަލީގައި ބާއްވާ ޕެރަލިމްޕިކްސްއަށް ދަތުރުކުރާ އެތުލީޓުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ހާއްސަކޮށް "ހަނގުރާމައިގެ އަސަރު ކުރާ ސަރަހައްދުގެ އެތުލީޓުން އިޓަލީ އަށް ރައްކާތެރިކަމާ އެކު ދަތުރު ކުރެވޭނެ އިންތިޒާމު" ހަމަޖައްސައި ދިނުމަށެވެ.
ފީފާގެ ސެކްރެޓަރީ ޖެނެރަލް މަތިއަސް ގްރާފްސްޓްރޯމް ވިދާޅުވީ އޭނާ ބަލަހައްޓާ އިދާރާއިން "ހާލަތު ބަލަމުން ދާ" ކަމަށެވެ.
ފްރާންސްގެ އީއެމްލިޔޯން ބިޒްނަސް ސްކޫލްގައި ސްޕޯޓްސް ޖިއޯޕޮލިޓިކްސް ދާއިރާގެ ދިރާސާތައް ކުރައްވާ ޕްރޮފެސާ ސައިމަން ޗެޑްވިކް ވިދާޅުވީ، ރަޝިއާ އަށް އެޅި ފަދަ ފިޔަވަޅެއް އެމެރިކާ އަށް އަޅން މަޝްވަރާތަކެއް ހިނގާފައިވާކަން ނުފެންނަ ކަމަށެވެ.
"ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން ފީފާގެ މުބާރާތްތަކުން ރަޝިއާ ސަސްޕެންޑްކުރި ގޮތް ބައެއް އޮބްޒާވަރުން ފާހަގަ ކުރޭ. ނަމަވެސް އެމެރިކާއާ މެދު އެފަދަ ފިޔަވަޅެއް އެޅުމާ ބެހޭ އެއްވެސް މަޝްވަރާއެއް ހިނގާފައިވާ ކަމަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
ތެދެކެވެ. ރަޝިއާގެ ހަނގުރާމައިގެ މަގުސަދުގެ ތެރޭގައި ޔޫކްރޭންގެ ބިމުގެ ސަރަހައްދެއް ހޯދުން ހިމެނެ އެވެ. އެކަމަކު އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އިރާނުގެ ބިމު ސަހައްދެއް ހޯދުމުގެ މަގްސަދެއް ނެތެވެ. އެކަމަކު މުޅި އިރާނުގެ ކޮންޓްރޯލް އެމެރިކާ އާއި އިޒްރޭލަށް އޮންނަ ގޮތަކަށް އެ ގައުމުގެ މަސްރަހު ބަދަލު ކުރުމުގެ މަގުސަދު މި ހަނގުރާމައިގައި އެބައޮތެވެ.
ފީފާއިން އުޅެނީ ރެކެން
ޖޫން، ޖުލައިގައި ވޯލްޑް ކަޕް އެކުއެކީގައި ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމުަކީ އެމެރިކާ އެވެ. ފުރަތަމަ ފަހަރަށް 48 ޓީމަށް ފުރުސަތު ދީގެން ބާއްވާ މުބާރާތް އެމެރިކާއާ ނުލައި ކުރިއަށް ގެންދިއުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ.
ނަމަވެސް، 2022 ވަނަ އަހަރު ޕޮލެންޑާ ދެކޮޅަށް ކުޅެން އޮތް ޔޫރަޕްގެ ވޯލްޑް ކޮލިފައިން ޕްލޭއޮފް މެޗުގެ ކުރިން ރަޝިޔާ ބޭރުކޮށްލުމުން މައްސަލައެއް ހައްލުވި އެވެ.
ވޯލްޑް ކަޕް 2018 ބޭއްވި ރަޝިއާއިން ޔޫރަޕްގެ ކޮލިފައިން ފެށި ނަމަވެސް، ސަރުކާރުން ވާގިވެރިވެގެން ޑޯޕިންގް ބޭނުންކުރި ކަމަށް ބުނެ ހިންގި ދިގު ތަހުގީގަށް ފަހު، ގަތަރުގައި 2022 ގައި ބޭއްވި މުބާރާތަށް އެ ގައުމު ސަސްޕެންޑް ކުރި އެވެ. އެކަން މަތިކޮށް ރަޝިޔާ ބޭރުކޮށްލުމުން ފީފާއަށް ކުރިމަތިވެދާނެ ލަދުވެތި ހާލަތަކުން ސަލާމަތްވުމުގެ ފުރުސަތު އޭރު ލިބުނެވެ.
ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް ފެންނަ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިހާރު ފެންނަނީ ހަމަހިމޭން ކޮށެވެ. މައްސަލައާ ބެހޭގޮތުން އެއްޗެއް ބުނަން ބޭނުން ނުވެ އޭނާ އެކަހެރި ވެލީ އެވެ.
ފްރާންސްގެ ރެންސް ޔުނިވަސިޓީގެ ގެ ސްޕޯޓްސް މެނޭޖްމަންޓް އަދި ޖިއޯޕޮލިޓިކްސް ޕްރޮފެސަރު ޕިމް ވާޝޫރެން އޭއެފްޕީއަށް ވިދާޅުވީ މައްސަލައާ ބެހޭގޮތުން ފީފާގެ ވެރިން އެއްޗެއް ނުބުނަމަކީ ރެކުން ކަމަށެވެ.
"މިއީ ސާފުކޮށް ކަންކަމުން ރެކުން" އޭނާ ވިދާޅުވި އެވެ.
ވާޝޫރެން ވިދާޅުވި ގޮތުގައި އިންފަންޓީނޯ އާއި އައިއޯސީގެ ވެރިޔާ ކާސްޓީ ކޮވެންޓްރީ ދައްކަވަނީ ސިޔާސީ ހަގީގަތުގެ ކުރިމަތީގައި "ޕްރެގްމެޓިޒަމް" ނުވަތަ އުސޫލަށް ބެލުމުގެ ބަދަލުގައި، އެ ވަގުތަކު އޮތް ހާލަތެއްގައި ލިބޭނެ ފައިދާއަށް ބަލައިގެން ކަންކަން ކުރުމަށެވެ.
"އައިއޯސީ އަށް 2022 ގައި ސިޔާސީ ޕްރެޝަރު އޮތީ ރަޝިއާ އަދަބު ދޭން މަޖުބޫރު ވާ މިންވަރަށް،" ވާޝޫރެން ވިދާޅުވި އެވެ.
"ނަމަވެސް މިއަދު އެމެރިކާ އެކަހެރި ކޮށްލައި އެގައުމާ ދެކޮޅުވުމުގެ ގާބިލުކަމެއް އެ އިދާރާތަކުގައި ނެތް."
މި އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ގައުމަކީ ވެސް އެމެރިކާ އެވެ.
"ކުޅިވަރުގެ ހުރިހާ ބޮޑެތި ނިންމުންތަކެއް ނިންމުމުގެ ބާރު އޮތީ ހަމައެކަނީ ވަކި ބައެއްގެ އަތްމަތީގައި. ކުޅިވަރު މިއޮތީ އެމެރިކާގެ އަތްމަތީގައި. އަދި އެއީ (އެމެރިކާ އަށް ވާގިވެރިވާ) ގަލްފުގެ އެކުވެރި ގައުމުތަކުގެ ފައިސާގެ އެހީތެރިކަމާ އެކު،" ވާޝޫރެން ވިދާޅުވި އެވެ.
ކުޅިވަރުގެ އިދާރާތަކާ ގާތް ގުޅުމެއް ބާއްވާ ފަރާތަކުން އޭއެފްޕީއަށް ދިން އިންޓަވިއުތަކުގައި ބުނެފައި ވަނީ މިއީ ހަގީގަތުގައިވެސް ދަށު ދަރަޖައިގެ ކަމެކެވެ.
"ނަމަވެސް އޭނާ [އިންފަންޓީނޯ] ވިސްނުން ރަނގަޅު ވިއްޔާ. އެއީ އޭނާ ބޭނުންވަނީ ވޯލްޑް ކަޕް އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް،" އޭއެފްޕީއާ ވާހަކަ ދެއްކި އެހެން އޮފިޝަލަކު ބުނެފައިވާ ކަމަށް އެ އެޖެންސީން ރިޕޯޓްކޮށްފައި ވެއެވެ.
އެމެރިކާގެ ސަރުކާރާ ދުރުމިނެއް ބެހެއްޓޭތޯ، އައިއޯސީން މަސައްކަތް ކުރެ އެވެ. އޭގެ ބަދަލުގައި އިންފަންޓީނޯ ދަނީ އެމެރިކާގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން އޭނާ ވަނީ ފީފާއިން މުޅިން އަލަށް ޕީސް ޕްރައިޒްގެ ނަމުގައި އެވޯޑެއް ތައާރަފުކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެ އެވޯޑް އަރުވާފަ އެވެ. އެއީ މަޝްހޫރު ނޮބެލް ޕީސް ޕްރައިޒް ޓްރަޕް ނުލިބި ކެޓިފަހުން ފީފާއިން ތައާރަފު ކުރި އެވޯޑެވެ.
އުސޫލުތައް ފުނޑުފުނޑުވެފައި
އދ. މެދުވެރިކޮށް އެންމެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުނު އެއް ގައުމަކީ އިރާނެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އަޅާފައިވާ މި ހުރަސްތަކުގެ ސަބަބުން އެ ގައުމު އޮތީ އިގްތިސޯދީ ގޮތުން އެކަހެރިވެފަ އެވެ.
އިރާނުން ވޯލްޑް ކަޕަށް ކޮލިފައިވެފައި އޮތް ނަމަވެސް، އެ ގައުމަށް މުބާރާތް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.
"މިކަމާ ދެކޮޅު ހަދާނީ ކޮން ގައުމުތަކެއްކަން ބުނަން ދަތި،" ކުރިން ވާހަކަ ދެއްކި ޗެޑްވިކް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކުޅިވަރުގައި އިރާނަކީ ދުނިޔޭގެ ނިސްބަތުން ފާހަގަ ކުރެވޭ ގައުމެއް ނޫންނެވެ. އެހެންކަމުން ވިޔަފާރި އާއި އިގްތިސޯދީ އަދި ސިޔާސީ ނަޒަރަކުން ބަލިޔަސް އީރާނު ބޭރުކޮށްލުމަކީ މާ ބޮޑު ކަންބޮޑުވުމެއް އުފެދޭނެ ކަމެއް ނޫން ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.
"(އެމެރިކާ އާ ދެކޮޅު ގައުމެއް މުބާރާތުން ބޭރުކޮށްލުމަކީ ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަރުކާރުން ބޭނުންވާ ތަސައްވުރާއި އުސޫލުތައް ދެއްކުމަށް ލިބޭނެ ފުރުސަތެއް،" ޗެޑްވިކް ވިދާޅުވިއެވެ.
އިރާނުގެ އެންމެ ބާރުގަދަ އެކުވެރިންގެ ފަރާތުން ލިބޭ އެހީތެރިކަން ކުޑައެވެ. ރަޝިއާގެ އެތުލީޓުންނަށް ޕެރަލިމްޕިކްސްގައި އަލުން އެގައުމުގެ ދިދަ ބޭނުންކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެގައުމުން މިހާރު އިސްކަންދެނީ އެގައުމަށް އަޅާފައިވާ އަދަބުތައް އުވާލުމަށެވެ. ޗައިނާއަކީ ދުނިޔޭގެ ފުޓްބޯޅައިގައި ނުފޫޒު ކުޑަ ގައުމެކެވެ. އަދި 2022 ގެ ގޭމްސްއަށް ފަހު އޮލިމްޕިކްސްއާ ގުޅޭ ކަންކަމުގައި އެގައުމުން ގެންގުޅެނީ މަޑުމައިތިރި ސިޔާސަތެކެވެ.
ވާޝޫރެން ވިދާޅުވި ގޮތުގައި ކަންކަމުގައި އެންމެން އެއްބަސްވާ އުސޫލެއް ހޯދުމަށް ޓްރަމްޕް ދެކޮޅު ހަދަމުންދާތީ، ބައިނަލްއަގްވާމީ އެހެން އިދާރާތަކެކޭ އެއްފަދައިން ކުޅިވަރު އިދާރާތައް ވެސް އޮތީ މަޅިއެއްގައި ބެދިފަ އެވެ.
"ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ އަސާސްތައް މިދަނީ ފުނޑުފުނޑުވަމުން. ކުޅިވަރަކީ މި ބޮޑު ނިޒާމު ފުނޑުފުނޑުވުމުގެ އެއްބައި. އދ. ގެ އިދާރާތަކެކޭ އެއްފަދައިން އައިއޯސީ ވެސް މިވަނީ ހަގީގަތާ މުޅިން ދުރުވެފައެވެ،" ވާޝޫރެން ވިދާޅުވިއެވެ. - (އޭއެފްޕީ)