ރަޝިއާ ސަސްޕެންޑް ކުރި ގޮތަށް އިޒްރޭލް ވެސް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް ގޮވާލަމުންދާ އަޑުތައް އިތުރުވެފައިވާ ދުވަސްވރެއްގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ އެވެ. 

ފެބްރުއަރީ 2022 ގައި ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، ޔޫއެފާ އާއި ފީފާއިން ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ރަޝިއާ ސަސްޕެންޑް ކޮށްފަ އެވެ. 

އެ ސަސްޕެންޝަނުގައި ރަޝިއާއިން އޮންނަތާ ހަތަރު އަހަރު ވަނީ އެވެ. 

އިޒްރޭލުން އިސްވެ ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންގެންދާ "ގަތުލްއާމް" އަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް ފީފާއިން އިޒްރޭލް ސަސްޕެންޑެއް ނުކުރެ އެވެ. 

އިޒްރޭލަށް ފިޔަވަޅު އެޅުމަށް ފަލަސްތީނުގެ އެފްއޭއިން ހުށަހަޅާފައިވާ ހުށަހެޅުން ވެސް ކުރިއަށް ހިނގާގޮތެއް ނުވެ އެވެ. 

މައްސަލައިގައި އިންފަންޓީނޯގެ ރާގު މިހާރު ވަނީ ބަދަލުވެފަ އެވެ. މި މަހު ކުރީކޮޅު ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުގައި އިންފަންޓީނޯ ވިދާޅުވީ ގައުމުތަކުގެ ވެރިން ކުރާ ކަންތަތަކާ ހެދި އެ ގައުމެއް ފުޓްބޯޅައިން ސަސްޕެންޑްކޮށްގެން ލިބުނު ފައިދާއެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމުތައް ފުޓްބޯޅައިން ސަސްޕެންޑް ކުރުމަށް ފީފާގައި އޮތް ގަވާއިދު ވެސް ބަދަލު ކުރަން ޖެހެ އެވެ.  

"ސިޔާސީ ވެރިން ކުރާ ކަންތައްތަކެއްގެ ސަބަބުން، ފުޓްބޯޅަ ކުޅުމުން އެއްވެސް ގައުމެއް ދުވަހަކުވެސް ސަސްޕެންޑް ނުވަތަ އެކަހެރިކޮށް މަނާކޮށްގެން ނުވާނެކަމަށް އަޅުގަނޑުމެންގެ ގަވާއިދުތަކުގައި ހިމަނައި ކަނޑައަޅަން ޖެހޭ،" އިންފަންޓީނޯ ވިދާޅުވި އެވެ.

ރަޝިއާގެ ސަސްޕެންޝަނަށް އިޝާރާތްކޮށް ފީފާގެ ރައީސް ވިދާޅުވީ، އެފަދަ ސަސްޕެންޝަނުގެ ސަބަބުން އެ މައްސަލަތަކަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އުފެދެނީ އިތުރު ބައިބައިވުންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ ސަސްޕެންޝަން އުވާލުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް އޭނާ ކުރާނެ ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ. 

"ހަމަ ޔަގީނުންވެސް އައަހަރެމެން އެކަން ކުރަން ޖެހޭ،" ރަޝިއާގެ ސަސްޕެންޝަން އުވާލަން ޖެހޭ ކަމަށް އިންފަންޓީނޯ ވާހަކަ ދެއްކި އެވެ. "ސަބަބަކީ މި ސަސްޕެންޝަންގެ ސަބަބުން ހާސިލުވި އެއްވެސް ކަމެއް ނެތް. އޭގެ ބަދަލުގައި އިތުރުވީ މާޔޫސްކަމާއި ނަފުރަތު."