ފީފާގެ ބޮޑެތި ނިންމުންތައް ނިންމާ އުސޫލުތައް މުރާޖައާކުރުމަށްޓަކައި، އެ އިދާރާގެ ހިންގުން މިނިވަން ފަރާތަކުން އޮޑިޓްކުރުމުގެ މަޝްވަރާތަކަށް ތައްޔާރަށް ހުރިކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފި އެވެ.

ފީފާގެ މެމްބަރު ގައުމުތަކަށް ފޮނުއްވި ސިޓީއެއްގައި، އިންފަންޓީނޯ ބުނެފައި ވަނީ ފީފާއަށް އިސްލާހު ގެނައުމަށް، އެ އިދާރާއިން ބޭރުގެ މިނިވަން ފަރާތަކުން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެ އިދާރާގެ ހިންގާ ކޮމިޓީގެ ކިބައިން އެދޭނެ ކަމަށެވެ. 

"ފުރަތަމަ ކަމަކަށް، ފީފާގެ މިހާރުގެ ހިންގުމުގެ އުސޫލުތައް މިނިވަން ބޭރުގެ ފަރާތަކުން މުރާޖައާކޮށް، އިސްލާހުކުރަންވީ ކަންކަން ހުށަހެޅުމަށް ކައުންސިލުގައި އެދޭނަން،" ފީފާގެ 211 މެންބަރު ގައުމަށް ވަކިވަކިން ފޮނުވި ސިޓީގައި އިންފަންޓީނޯ ބުނެފައިވާ ކަމަށް ރޮއިޓާސްއިން ބުންޏެވެ. 

އޭނާ ބުނީ ބައްރުތަކުގެ ކޮންފެޑެރޭޝަންތަކާއި މެމްބަރު އެސޯސިއޭޝަންތަކާ އެކު މަޝްވަރާކޮށް، ފީފާގެ ނިންމުންތައް ނިންމުމުގެ ބާރުތައް ބެހިފައިހުރި ގޮތަށް އަލުން މުރާޖާކުރުމުގައި ރިއާޔަތް ކުރާނެ ކަމަށެވެ. އަދި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް ހޯދާނެ ކަމަށްވެސް ބުންޏެވެ.

"އަހަރެން ގަބޫލުކުރަން ފުރިހަމަ މައުލޫމާތު ނުލިބި އޮތުމުގެ ސަބަބުން ކަންބޮޑުވުންތަކެއް އުފެދި، ގޮތްތަކެއް ނިންމާފައިވާ ކަމުގެ އިހުސާސް ކުރެވުނުކަން. ނަމަވެސް އެއީ އަދި ނިންމި ނިންމުމެއް ނޫން،" އިންފަންޓީނޯގެ ސިޓީގައި ބުނެފައިވެ އެވެ. 

"އެއްވެސް އެސޯސިއޭޝަނަކާމެދު ފީފާއިން އަމަލުކުރާގޮތް، އެ އެސޯސިއޭޝަނަކުން ނަގާ ސިޔާސީ ނުވަތަ އިދާރީ މައްސަލަތަކުގެ ހިޔާލަށް ބަލައި ތަފާތެއް ނުކުރާނެ،" ވަކި ގައުމަކަށް ފިޔަވަޅު އަޅާފާނެކަމުގެ ބިރަށް އިޝާރާތްކޮށް އިންފަންޓީނޯ ބުންޏެވެ.

އަންނަ މަހު 15 ގައި ބާއްވާ ފީފާ ކައުންސިލް ބައްދަލުވުމުގައި މި އިސްލާހީ ހުށަހެޅުންތަކާމެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ބުންޏެވެ. 

މި މަޝްވަރާތަކަށް އިންފަންޓީނޯ އެއްބަސްވީ ފީފާގެ އިންވެސްޓްމަންޓް ޕްލޭނެއްގެ ދަށުން ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ މުބާރާތްތަކުގެ ވިޔާފާރި ރައިޓްސްގެ 20 ޕަސަންޓް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލަން އުޅުނު މައްސަލައިގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވުމުންނެވެ. އެ ޕްލޭން މިހާރު ވަނީ އުވާލާފަ އެވެ.