ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ވެސް، ފީފާގެ އިންތިހާބުގައި، މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ވާދަކުރައްވާނެކަމަށް އެ އިދާރާއިން ބުނެފި އެވެ. 

އިޒްރޭލާ ގުޅޭ މައްސަލަތަކުގައި އޭނާ ފަހަތުފަޔަށް ބުރަވެފައިވުމުން ވެސް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔަފާރީ ޕްރޮޖެކްޓްގެ ބައިތައް ވިއްކައިގެން 20 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފީފާ އަށް ހޯދުމުގެ ނަމުގައި އިއުލާން ކުރި ޕްލޭނާ ހެދި ވެސް އޭނާ އަށް ވަނީ ޕްރެޝަރަށް ވެއްޓިފަ އެވެ. 

ފީފާ ފޯވާޑް އެންޓަޕްރައިޒަސްގެ ނަމުގައި އިއުލާން ކުރި އެ ޕްލޭން އާންމުކުރުމުގައ ގޯސްތަކެއް ހެދިފައިވާކަމަށް އެއްބަސްވެ، އޭނާ ފަހުން އެ ޕްރޮޖެކްޓް އަނބުރައި ގެންދިޔަ އެވެ. އަދި މައާފަށް ވެސް އެދުނެވެ. ނަމަވެސް އޭނާ އަށް އޮތް ޕްރެޝަރު ކުޑައެއް ނުވި އެވެ. 

އޭނާއާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަށް ވެސް ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިން ވަނީ ނިންމާފަ އެވެ. 

އަންނަ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާގެ އިންތިހާބީ ކޮންގްރެސްގައި، ހަތަރުވަނަ ދައުރަކަށް އިންފަންޓީނޯ ހޮވިވަޑައިގެންފިނަމަ، އެ ވާނީ އޭނާގެ ފުރިހަމަ ހަތަރު އަހަރުގެ ފަހު ދައުރަށެވެ.

ކުރިން ބެލެވިފައި އޮތީ އިންތިހާބުގައި އޭނާއާ ވާދަކުރައްވާނެ ކެންޑިޑޭޓަކު ނުވާނެ ކަމަށެވެ. 

އެކަމަކު އީއެސްޕީއެން ބުނި ގޮތުގައި އިންފަންޓީނޯއާ ވާދަކުރައްވާނެ ކަމަށް ބެލެވެނީ އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާގެ ރައީސް ވިކްޓާ މޮންޓަގްލިއާނީ އެވެ. ކެނަޑާގެ ވިޔާފާރިވެރިޔާ ވަނީ އިންފަންޓީނޯއާ ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް، ވިދާޅުވެފަ އެވެ. 

އިންފަންޓީނޯ އަށް ތާއީދު ކުރާނެކަން ވަކިވަކި ގައުމުތަކުންނާއި އެފްރިކާގެ ފުޓްބޯޅަ އިދާރާ ކާފްއިން ވަނީ އިއުލާން ކޮށްފަ އެވެ.

އިންތިހާބުގައި ވާދަކުރައްވަން، ލިޔެކިޔުން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ ނޮވެމްބަރު 18 ވަނަ ދުވަހެވެ.