އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި، މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރަން އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާގެ (ކޮންކާކަފް) ގެ ރައީސް ވިކްޓާ މޮންޓަގްލިއާނީ ތައްޔާރުވަމުންދާކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކެނެޑާގެ ވިޔާފާރިވެރިޔާ، މިކަމާ ބެހޭގޮތުން ވަކި އެއްޗެއް ނުބުނެ އެވެ. ރޮއިޓާސްއިން ބުނި ގޮތުގައި އިންތިހާބުގައި މޮންޓަގްލިއާނީ ވާދަކުރާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ރޮއިޓާސްގެ ނޫސްވެރިން ވަނީ އެކަމާ ބެހޭގޮތުން ކޮންކާކަފްގެ ބަހެއް ހޯދަން ވެސް މުއަމާލާތް ކޮށްފަ އެވެ. އެކަމަކު އެކަމާ ބެހޭގޮތުން ކަށަވަރުކަން ނުލިބެ އެވެ.
އިންފަންޓީނޯއާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް، ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔާފާރީގެ ޕްރޮޖެކްޓްގެ ބައިން ހިއްސާ ވިއްކަން އިއުލާން ކުރުމުން އޭނާ އަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތި ވެފަ އެވެ.
އިނގިރޭސިވިލާތުގެ އެފްއޭ އާއި ވޭލްސްގެ އެފްއޭއިން ވަނީ އިންފަންޓީނޯ އަށް ކުރާ ތާއީދު އަނބުރައި ގެންގޮސްފަ އެވެ. ޔޫއެފާއިން ވެސް ބުނެފައި ވަނީ އިންފަންޓީނޯއާ މެދު އެ އިދާރާގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށެވެ.
މުބާރާތްތަކުގެ ވިޔާފާރީ ޕްރޮޖެކްޓް ބައިން ހިއްސާވިއްކަން، ފީފާއިން އިއުލާން ކުރުމުން މޮންޓަގްލިއާނީ ރިޔާސަތު ނަލަހައްޓަވާ ކޮންކާކަފްން ވެސް ވަނީ އެކަމާ ދެކޮޅު ހަދާކަން އިއުލާން ކޮށްފަ އެވެ.
ފީފާގެ ރައީސްކަމަށް ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން، އޭޕްރީލް މަހު އިންފަންޓީނޯ އިއުލާން ކުރި އެވެ. އިންތިހާބީ ކޮންގްރެސް އޮންނާނީ އަންނަ މާޗް މަހު މޮރޮކޯގައި ބާއްވާ ކޮންގްރެސްގަ އެވެ.