ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 17) - އިންޑޮނީޝިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ކުވޭތުގެ އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުސަތުދޭން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފި އެވެ.

ކުވޭތު ސަރުކާރުން އެ ގައުމުގެ ފުޓްބޯޅަ އިދާރާ އާއި އޮލިމްޕިކް ކޮމިޓީ އަށް ނުފޫޒު ފޯރުވާތީ އިންޓަނޭޝަނަލް އޮޮލިމްޕިކް ކޮމިޓީ (އައިއޯސީ) އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ 2015 ވަނަ އަހަރު އެ ގައުމު ސަސްޕެންޑްކޮށްފަ އެވެ. މިއީ 2010 ގެ ފަހުން އެ ގައުމަށް ސަސްޕެންޝަން އައި ދެ ވަނަ ފަހަރެވެ.

އައިއޯސީން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކުވޭތުގެ ސަރުކާރާ އެކު ބާއްވާފައިވާ ބައްދަލުވުމަށް ފަހު އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަަށާއި އެހެން ކަމުން އެތުލީޓުންނަށް މި ފަހަރުގެ އޭޝިއަން ގޭމްސްގައި އަމިއްލަ ގައުމު ތަމްސީލްކުރުމުގެ ފުރުސަތު ދިނީ ކަމަށެވެ. އެންމެ ބޮޑަށް ވިސްނި އެއް ކަމަަކީ ކުވޭތުގެ އެތުލީޓުންނަށް ލިބޭނެ ގެއްލުން ކުޑަކުރުން ކަމަށް އައިއޯސީން ބުނެ އެވެ. އެ ގައުމުން ވަނީ 40 މީހުންގެ ކޮންޓިންޖެންޓެއް ގޭމްސް އަށް ފޮނުވައިފަ އެވެ.

ވަގުތީ ލުޔެއް ދިން ނަމަވެސް ސަސްޕެންޝަން ދިން ސަބަބަށް އެއްކޮށް ހައްލެއް ލިބެންދެން ބައެއް ކަހަލަ ދަތިތަކެއް ހުންނާނެ ކަމަށް އައިއޯސީން ބުނެ އެވެ. އަދި އެކަންކަމާ ބެހޭގޮތުން ހައްލެއް ހޯދުމާއި ކުވޭތު ސަސްޕެންޝަނާ މެދު ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމާ ބެހޭގޮތުން އަންނަ އޮކްޓޫބަރު މަހު ކުރީކޮޅުގައި އާޖެންޓީނާގައި އޮންނަ އައިއޯސީގެ އެގްޒެކްޓިވް ބޯޑުގެ ބައްދަލުވުމުގައި ގޮތެއް ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކުވޭތު ސަރުކާރުން ވަނީ އައިއޯސީން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ ގައުމަށް ދިން ސަސްޕެންޝަންގެ ސަަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސްވިޒަލެންޑް ކޯޓެއްގައި އައިއޯސީއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ. ކުވޭތު ސަރުކާރުން ދައުވާކުރީ ސަސްޕެންޝަނުގެ ސަބަބުން އެ ގައުމަށް ލިބުނު ބަދަލެއްގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދިނުމަށެވެ. ނަމަވެސް ސްވިޒަލެންޑުގެ ކޯޓުން ވަނީ މި މައްސަލަ ބަލައިނުގަންނަން ނިންމައިފަ އެވެ. އެއާ އެކު ކުވޭތު ސަރުކާރުން ނިންމީ މައްސަލައިގައި ހައްލެއް ހޯދަން އައިއޯސީއާ މަޝްވަރާކުރުމަށެވެ.

ސަސްޕެންޝަން އޮތުމުގެ ސަބަބުން 2016 ވަނަ އަހަރު ބްރެޒިލްގައި އޮތް އޮލިމްޕިކްސްގައި ކުވޭތުގެ އެތުލީޓުން ވާދަކުރީ ވަކި ގައުމަކަށް ނިސްބަތްނުވާ އެތުލީޓެއްގެ ގޮތުގަ އެވެ. އެ ފަހަރު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކުވޭތުގެ ދިދައިގެ ބަދަލުގައި އޮލިމްޕިކް ދިދަ އުފުލަން ކުވޭތުގެ ޝޫޓަރު ފަހައިދު އަލް ދީދާނީ ވަނީ ދެކޮޅު ހަދައިފަ އެވެ.