އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޅުގައި ތާއީދުކުރައްވައި، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމުގެ އުސޫލާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވުމުން މައްސަލަ ބަލައި އެ ހުރިހާ ތުހުމަތުތަކުން އޭނާ ބަރީއަވެފައިވާ ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ން ނިންމައިފި އެވެ.
އިންފަންޓީނޯ އާއި ޓްރަމްޕާ ދެމެދު އޮތް ގުޅުމާ ހެދި އިންފަންޓީނޯ އަށް ވަނީ ފަޑުކިޔުން އަމާޒުވެފަ އެވެ.
ދުނިޔޭގެ ސުލްހައިގެ އިނާމު ނުވަތަ ނޮބެލް ޕީސް ޕްރައިޒް އެވޯޑުން ޓްރަމްޕް ކެޓިތާ ގިނަ ދުވަސްތަކެއް ނުވެ އިންފަންޓީނޯ ވަނީ "ފީފާ ޕީސް ޕްރައިޒް" ނުވަތަ ސުލްހައިގެ އެވޯޑުގެ ނަމުގައި އެވޯޑެއް ތައަރަފުކޮށް އެ އެވޯޑް ފުރަތަމަ ޝަރަފު މިދިޔަ ޑިސެމްބަރު މަހު ޓްރަމްޕަށް ދެއްވާފަ އެވެ.
އިންފަންޓީނޯ އާއި ފީފާގެ މި އަމަލުތަކުގެ ސަބަބުން ސިޔާސީގޮތުން އޭނާ އާއި އެ އިދާރާ ވަކި އަތަކަށް ބުރަވެފައިވާ ކަމަށް ބުނެ އޭނާގެ މައްސަލަ ބަލަން ފީފާގެ އެތިކްސް ކޮމިޓީ އަށް ވެސް ހުށަހެޅި އެވެ.
އިންފަންޓީނޯގެ އަމަލުތަކާ ބެހޭގޮތުން އައިއޯސީގެ ރައީސް ކާރސްޓީ ކޮވެންޓްރީއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އޮލިމްޕިކް ޗާޓަރުގައިވާ ގޮތުން ސިޔާސީ އަދި ވިޔަފާރީގެ މަސްލަހަތުތަކުން އެ އިދާރާގެ މެންބަރުން އެއްކިބާވާންޖެހޭނެ ކަމަށެވެ.
އޭނާ އެހެން ވިދާޅުވިތާ 24 ގަޑިއރު ވެސް ނުވަނީސް މި މައްސަލައިގެ އަވަސް މުރާޖާއަކަށް ފަހު އައިއޯސީން ނިންމީ އެ އިދާރާގެ މެންބަރު އިންފަންޓީނޯ އުސޫލުތަކާ ހިލާފުވެފައި ނުވާ ކަމަށެވެ.
ޓްރަމްޕް އެކުލަވާލި ގާޒާ ޕީސް ބޯޑް ލޯންޗުކުރުމުގެ ހަފުލާގައި ވެސް މިދިޔަ ބުރާސްފަތަި ދުވަހު އިންފަންޓީނޯ ބައިވެރިވެ ވަޑައިގަތެވެ.
އައިއޯސީގެ ސްޕޯކްޕާސަން ދި އެތުލެޓިކަށް ވިދާޅުވީ، ފީފާއިން މިހާރު ފަލަސްތީނުގެ ގާޒާގައި ފުޓްބޯޅަ މެދުވެރިކޮށް އުމރާނީ ވަސަލަތްތަކަށާއި ތައުލީމު ކުރިއެރުވުމުގެ ބޮޑު މަޝްރޫއަކަށް އެހީތެރިވަމުންދާ ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ކުޅިވަރު ފެޑެރޭޝަނެއްގެ ދުއުރާ ގުޅޭ ކަމެއް ކަމަށް ސްޕޯކްޕާސަން ވިދާޅުވި އެވެ.
އެހެންވެ އިންފަންޓީނޯގެ އަމަލުތަކަކީ އެފަދަ ތަރައްގީގެ މަސައްކަތްތަކާ ގުޅުންހުރި ކަންކަން ކަމަށް އެ ކޮމިޓީން ގަބޫލުކުރާ ކަމަށް އައިއޯސީގެ ތަރުޖަމާނު ވިދާޅުވި އެވެ.