މި އަހަރު ވޯލްޑް ކަޕް ކުރިއަށްދާ ދުވަަސްވަރު، އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކުރިއަށްދާ ދުވަސްވަރު، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) ން ހިންގާ ހަރުކަށި ރެއިޑްތައް މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަރިހުގައި ފީފާއިން އެދިއްޖެ އެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނަޑާ، ތިން ގައުމެއްގައި އެއްފަހަރާ ބާއްވާ ފުރަތަމަ ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗުތައް ކުޅޭ އެއް ގައުމަކީ އެމެރިކާ އެވެ.

ޖެނުއަރީ 2025 ގައި ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޓްރަމްޕް ގެންދަވަނީ އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅޭ މީހުން ގައުމުން ބޭރުކުރުމުގެ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަވަމުންނެވެ. މި މަސައްކަތުގެ ތެރޭގައި އެމެރިކާގެ އެކި ސިޓީތަކުގައި ހިނގި ކުރިމަތިލުންތަކުގައި އާންމު ރައްޔިތުން މަރުވެ، ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ވަނީ ހިނގާފަ އެވެ.

ވޯލްޑް ކަޕަށް އެމެރިކާ އަށް ދަތުރުކުރުން، ބައެއް ގައުމުތަކުގެ ސަޕޯޓަރުންނަށް މަނަލެވެ. އަދި ބައެއް އެހެން ގައުމުތަކުގެ ސަޕޯޓަރުން އެމެރިކާ އަށް ދަތުރުކުރާނަމަ، ގިނަ އަދަދެއްގެ ފައިސާ ވެސް ޑިޕޮސިޓްގައި ބަހައްޓަންޖެހޭ ގޮތަށް ވަނީ ނިންމާފަ އެވެ. 

މި މައްސަލައިގައި ފީފާގެ އިސްވެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. ވަކިން ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން ވަނީ، ވޯލްޑް ކަޕް ބަލަންދާ ސަޕޯޓަރުންނަށް އިމިގްރޭޝަން އެންފޯސް އިދާރާގެ ހަރަކާތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިދިޔަ އަހަރު ބޭއްވި ކްލަބް ވޯލްޑް ކަޕްގެ ތެރޭގައި ވެސް ސްޓޭޑިއަމްތަކުން އިމިގްރޭޝަން އޮފިސަރުން ފެނުނު ކަމަށް ބުނެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ޝަކުވާ ހުށަހަޅާފައިވެ އެވެ. ނަމަވެސް، އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ބުނެފައި ވަނީ އެއީ ހަގީގަތާ ހިލާފު ނުރައްކާތެރި ވާހަކައެއް ކަމަށެވެ. އައިސީއީގެ މައިގަނޑު ދައުރަކީ މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ކަމަށް ބުންޏެވެ.

މުބާރާތް، ކުރިއަށްދާ 39 ދުވަހުގެ ތެރޭގައި ރެއިޑްތައް މެދުކަނޑާލުމަކީ ފީފާގެ އަމާޒެވެ. ފީފާގެ ރައީސް އިންފަންޓީނޯ އާއި ޓްރަމްޕާއި ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުންދާކަމަށް، ދި އެތުލެޓިކުން ރިޕޯޓް ކުރި އެވެ.

އިންފަންޓީނޯ ވަނީ ޓްރަމްޕްގެ ރެލީތަކާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. ނިއުޔޯކްގެ ޓްރަމްޕް ޓަވަރުގައި ފީފާގެ އޮފީހެއް ވެސް ވަނީ ހުޅުވާފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ޓްރަމްޕަށް ފީފާގެ ފުރަތަމަ "ޕީސް ޕްރައިޒް" ވެސް ވަނީ އަރުވާފަ އެވެ.

ފީފާގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި، މި ރެއިޑްތައް ހުއްޓާލުމަކީ "ފީފާ ޔުނައިޓްސް ދަ ވޯލްޑް" ޝިއާރުގެ ދަށުން ދެ ފަރާތަށް ވެސް ލިބޭނެ ރަނގަޅު ކާމިޔާބީއެކެވެ. ނަމަވެސް އިމިގްރޭޝަނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅޭ ޓްރަމްޕްގެ ސަރުކާރުން މިފަދަ ހުށަހެޅުމަކަށް އިޖާބަދޭނެތޯ އަދި އޮތީ ސުވާލު އުފެދިފަ އެވެ.