ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، އެހެން ފަހަރުތަކާ ތަފާތުކޮށް މިއަހަރުގެ އިސްލާމިކް ފެއާ މިއަދު ހަވީރު ހުޅުވައިފި އެވެ.

އިސްލާމް ދީނާއި އިސްލާމީ ތާރީޚާ ގުޅޭ މައުލޫމާތު ފޯރުކޮށް ދިނުމަށް 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އައި އިސްލާމިކް ފެއާ މިދިޔަ އަހަރާއި 2014 ގައި ނުބާއްވަ އެވެ. މިއަދު އެ ފެއާ ހުޅުވިއިރު އެހެން ފަހަރުތަކާ ކޮންމެވެސް ވަރަކަށް ތަފާތުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ފެއާ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އެހެން އަހަރުތަކުގައި އެ ފެއާގައި ހިމެނުނީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތުގައި ހިމެނޭ ކަންކަމުގެ މައުލޫމާތު ނަމަވެސް މި އަހަރުގެ ފެއާގައި އެހެން އިދާރާތައް ވެސް ބައިވެރިވާ ކަމަށެވެ.

"މިއަހަރުގެ ފެއާގައި ދައްކުވައިދެނީ ރާއްޖޭގައި މިވަގުތު ތައުލީމާއި ތަރުބިއްޔަތާއި ސަގަފާތާއި ދީން ކުރިއެރުވުމަށް މިވަގުތު މަސައްކަތް ކުރަމުންދާ ހުރިހާ އަމިއްލަ ޖަމްއިއްޔާތަކާއި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ހިންގޭ ފެއާއެއް،" ޒިޔާދު ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި މި ފެއާ ސަރަހައްދީ ފެންވަރުގައި ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ފެއާ ހުޅުއްވައި ދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. ފެއާ ހުޅުއްވައި ދެއްވުމަށް ފަހު މިނިސްޓަރު އާދަމް ވިދާޅުވީ ސިޔާސީ ކަންކަމުގައި ދިވެހިންގެ ވިސްނުމާއި ފިކުރު ތަފާތު ވިޔަސް އިސްލާމް ދީނަށް ގެއްލުންވާ ފަދަ ކަންކަމަށް ޖާގަ ދޭން އެއްވެސް ދިވެއްސަކު ބޭނުންނުވާ ކަމަށެވެ. ދީނީ ބައެއް ކަންކަމުގައި ހުންނަ ޚިޔާލު ތަފާތުވުންތަކަށް މި ފެއާގެ ސަބަބުން ހައްލު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޚިޔާލު ތަފާތުވާ ކަންކަމުގައި އިތުރަށް ދިރާސާކޮށްލެއްވުމަށް ވެސް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ،" އާދަމް ވިދާޅުވި އެވެ.

މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ހަވީރު އިސްލާމީ މަރުކަޒު މައިދާނުގައި ކުރިއަށް ގެންދާ ފެއާގައި 30 ސްޓޯލް ހިމެނެ އެވެ.