މަނަފަރު ރިސޯޓާ އެކު އެއްބަސްވުމެއްގެ ދަށުން، މަންޓާއެއާ އިން ހއ. ހޯރަފުއްޓަށް ޗާޓަރު ފްލައިޓް ދަތުރުތަކެއް އިއްޔެ ފަށައިފި އެވެ.
އެ އެއްބަސްވުމުގެ ދަށުން މަންޓާއެއާއިން ހޯރަފުއްޓަށް ކޮންމެ ދުވަހަކު ދެ ފްލައިޓް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މަންޓާއެއާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުން އެންމެ ފަހުން ތައާރަފްކުރި 18 މީހުންގެ ޖާގައިގެ ބީޗްކްރާފްޓް 1900ޑީ އެއާކްރާފްޓެވެ.
ހޯރަފުއްޓަށް އިއްޔެ ކުރި ފުރަތަމަ ދަތުރުގެ ފަސިންޖަރުންނަށް ހާއްސަކޮށް އެ އެއާޕޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގޮސްފަ އެވެ. އޭގެތެރޭގައި، ބޮޑު ބެރު ޖެހުމާއި، ކައުންސިލާއި ރީޖަނަލްސް އެއާޕޯޓްސް ގުޅިގެން ކުރިއަށް ދިޔަ ހަފްލާއަކާއި ހާއްސަ މަލާފަތް ފާހަކޮށްލެވެ އެވެ.
"އަޅުގަނޑުމެންނަށް ޔަގީން މި ދަތުރުތަކާ އެކު މަނަފާރު ރިސޯޓުގެ އިތުރުން، ހޯރަފުއްޓަށާއި، ކައިރި ރަށްތަކުގައި ދިރިއުޅޭ މީހުންނަށާއި އަދި ވިޔަފާރިތަކަށް ގިނަ މަގުތަކެއް ފަހިވެގެން ދާނެ،" މަންޓާއެއާގެ ސީއީއޯ މުހަންމަދު ހަލީލް ވިދާޅުވި އެވެ.
އެ އެއާލައިންގެ މާކެޓިން މެނޭޖަރު މޫބީން ޖަލީލް ވިދާޅުވީ އެ ރަށަށް ބާއްވާ ޗާޓަރު ފްލައިޓްތަކުގައި ޖާގަ ހުންނަ ވަރަކުން އާންމުންނަށް ވެސް ދަތުރު ކުރެވޭނެ ކަމަށެވެ.
"މަނަފަރު ރިސޯޓުން ވެސް ބޭނުން ވަނީ ޗާޓަރު ފްލައިޓްތަކުގައި އިތުރު ޖާގަ ހުރި ނަމަ އާންމުންނަށް ދޭން. އެ ދަތުރުތަކުގެ ސަބަބުން އާންމުންނަށް ވެސް ފައިދާތަކެއް ކުރަން،" މޫބީން ވިދާޅުވި އެވެ.