ބޯންމައުތު، އިންގްލެންޑް (ޑިސެމްބަރު 14) - ބޯންމައުތަށް ކުޅޭ އިންގްލެންޑް މިޑްފީލްޑަރު ޖެކް ވިލްޝަޔާ އަކީ ކުޅުނު ކޮންމެ ޓީމެއްގައި ވެސް ތަފާތު ދެއްކޭ ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިޔެއްކަމަށް އެ ޓީމުގެ ކޯޗު އެޑީ ހޯވް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު ވަނީ 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. އަދި އަމިއްލަ ދަނޑުގައި ދާދި ފަހުން ލިވަޕޫލް އަތުން ވެސް ވަނީ 4-3 އިން މޮޅުވެފަ އެވެ. މި ދެ މެޗުގައި ވެސް ވިލްޝަޔާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ލީގުގެ އަށް ވަނައިގައި މި ވަގުތު ބޯންމައުތު އޮތްއިރު އެ ޓީމަށް ވަނީ 16 މެޗުން 21 ޕޮއިންޓް ލިބިފަ އެވެ. ހޯވް ބުނީ މި ސީޒަނުގައި ބޯންމައުތުގެ ކާމިޔާބީ ފަހަތުގައި ވިލްޝަޔާގެ ދައުރު ބޮޑު ކަމަށް ބުނެފަ އެވެ.
"ވިލްޝަޔާ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިޔެއްކަން އަހަންނަށް ކުރިން ވެސް އެނގޭ. ޗެމްޕިއަންސް ލީގުގައި އެއް ފަހަރެއްގައި ބާސެލޯނާއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗެއް އަހަރެން ބެލިން. އެ މެޗުގައި ވިލްޝަޔާ ދެއްކި މޮޅު ކުޅުމުން އަހަރެންނަށް ޔަގީންވި އޭނާ އަކީ ކޮންމެ ޓީމެއްގައި ވެސް ތަފާތު ދެއްކޭނެ ކުޅުންތެރިޔެއްކަން،" ހޯވް ބުންޏެވެ.
މި ސީޒަން ފެށުމުގެ ކުރިން އާސެނަލް ދޫކޮށް ވިލްޝަޔާ ބޯންމައުތަށް ބަދަލުވީ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ވިލްޝަޔާ ބޯންމައުތަށް ބަދަލުވީ މަޝްހޫރު ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބިފައިވަނިކޮށެވެ.
ވިލްޝަޔާ އާސެނަލް ދޫކޮށްލީ އޭނާގެ މަގާމަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް އެ ކްލަބާ ގުޅުމުން ކުޅުމުގެ ފުރުސަތު ގިނައިން ހޯދުމުގެ ގޮތުންނެވެ.
އަނިޔާގެ ސަބަބުން ފާއިތުވި ދެ ވަރަކަށް އަހަރު ވިލްޝަޔާ ފެނުނީ މަދު މެޗަކުންނެވެ. އެހެން ނަމަވެސް މި ސީޒަނުގައި ބޯންމައުތުގެ ގިނަ މެޗުތަކެއްގައި އޭނާ ވަނީ ކުޅެފަ އެވެ. މިދިޔަ ދެ ސީޒަނުގައި ލީގުގައި އާސެނަލަށް ކުޅުނު ވަރަށް ވުރެ ގިނައިން ވިލްޝަޔާ ވަނީ މިހާރު ވެސް ބޯންމައުތަށް ކުޅެފަ އެވެ.