އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ އިރުމަތީ ގުދުސްގެ ސިލްވާން އަވަށުގައި، އިމާރާތްކުރުމުގެ ގާނޫނާ ހިސާފަށް ހަދާފައި ހުރި ތަންތަން ކަމަށް ބުނެ ހަތް ގެއެއް އިޒްރޭލުން ތަޅާލައިފި އެވެ.
ގުދުސްގައި އިޒްރޭލުން ކޮންޓްރޯލް ކުރާ ސިޓީ ހޯލުން ނެރުނު ބަޔާނެއްގައި ބުނީ ސިލްވާންގެ އަލް ބުސްތާން އަވަށުގައި ގާނޫނާ ހިލާފަށް ހަދާފައިވާ އިމާރާތްތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ގެދޮރު ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭ އެކްޓިވިސްޓް ފަޚްރީ އަބޫ ދިއާބް ވަނީ މަދުވެގެން ހަތް ގެއެއް ތަޅާލާފައިވާކަން ތަގީންކޮށްދީފަ އެވެ.
ގުދުސްގެ ސިޓީ ހޯލުން ނެރުނު ބަޔާނެއްގައި ވަނީ އެ އިމާރާތްތައް ތަޅާލީ ކޯޓު އަމުރަކަށް ކަމަށެވެ. އަދި މި ގެތައް ހުރީ ގާނޫނާ ހިލާފަށް ކަމަށް ބުނާ ވާހަކަ ފަލަސްތީނުން ގަބޫލެއް ނުކުރެ އެވެ.
ފަލަސްތީނުގެ އެކްޓިވިސްޓުން ވަނީ މި ގެތައް ތަޅާލުމުގެ ނިޔަތާ މެދު ސުވާލު އުފައްދައިފަ އެވެ.
އިރުމަތީ ގުދުސްގައި އިޒްރޭލުގެ 230،000 އެއްހާ މީހުން ދިރިއުޅެމުންދާ ކަމަށް އިޒްރޭލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޕީސް ނައު އިން ބުނެފައިވެ އެވެ. އަދި އިތުރު 3،000 މީހުން ދިރިއުޅެނީ އިރުމަތީ ގުދުސްގެ ސަރަހައްދުގައި ވާ ފަލަސްތީނުގެ އަވަށްތަކުގަ އެވެ.