ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ފިތުރު އީދަށް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ފަށައި ރޯދައަށް ހުޅުވާލަން މަސައްކަތްކުރި ނަމަވެސް ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހުމުން އެ ތާރީހަށް ނުހުޅުވުނީ އެވެ.
މިނިސްޓަރު ވިދާޅުވި ވީރާނާ ވަމުންދިޔަ ފެންއަރުވާ ވަޑާން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް މަރާމާތުކޮށް، ކުޑަ އީދަށް އަލުން ހުޅުވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމްހޫރީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ މޮނިއުމަންޓަކާ އެކު ހިތްގައިމު ގޮތަކަށް ތައްޔާރު ކުރި މި ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން އެމްޓީސީސީން ހެދި ތަނެކެވެ.
އެކި ކުލަތަކުން ދިއްލޭ ގޮތަށް ފެންއަރުވާ ވަޑާން ހެދީ އާންމުންނަށް ވެސް އެތަނުގެ ތެރެއަށް ވަދެވޭ ގޮތަށެވެ.
އެ ފެންއަރުވާ ވަޑާން ޖުމްހޫރީ މައިދާނުގައި ބެހެއްޓީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވަނިކޮށެވެ. މިދިޔަ ސަރުކާރުން އެ ތަނެއް ނުބަލަހައްޓަ އެވެ. މޭޔަރު ކަމުގައި މުއިއްޒު ވަނީ ޖުމްހޫރީ މައިދާނުގައި އަލުން ވިނަ އިންދައި ފެހިކޮށްފަ އެވެ.