ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 2) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ އެއްބަފާ ބޭބެ ކިމް ޖޮން-ނަމް މަރާލި މައްސަލާގައި ހެކި ބަސް ހޯދުމަށް އިންޑޮނީޝިއާގެ ދެ އަންހެނަކު ހޯދުމުގެ މަސައްކަތް މެލޭޝިއާ ފުލުހުން ފަށައިފި އެވެ.
މެލޭޝިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ ފުލުހުން ހޯދަމުން ދަނީ ރައިސާ ރިންޑާ ސަލްމާ، 24، އާއި ޑެސީ މެރިސިންތާ، 33، ނަމަކަށް ކިޔާ ދެ މީހުން ކަމަށެވެ.
މަކޫއޯ އަށް ފުރަން ގޮސް ހުއްޓާ ކިމް ޖޮން-ނަމް މެލޭޝިއާ އެއާޕޯޓުގައި މަރާލީ ފެބްރުއަރީ 2017 ގަ އެވެ. އޭނާ މަރާލީ މޫނު މަތީގައި ވިހަ ފޮތިގަނޑެއް އަޅައިގެންނެވެ. ކިމްގެ މަރުގެ މައްސަލާގައި މިހާރު ދަނީ ދެ އަންހެނަކަށް ދައުވާ ކުރަމުންނެވެ. އެއީ އިންޑޮނީޝިއާގެ ސިއްތި އައިސިޔާހް އާއި ވިއެޓްނާމުގެ ދޯން ތި ހޫންގް އެވެ. ކިމް މަރާލި ކަމަށް އެ މީހުންގެ މައްޗަށް ސާބިތު ވެއްޖެ ނަމަ މަރުގެ ހުކުމް އަންނާނެ އެވެ.
އެ ދެ މީހުންގެ ވަކީލުން ބުނެފައި ވަނީ ކިމްގެ މޫނު މަތީގައި ފޮތިގަނޑެއް އެޅީ މަޖަލަކަށް ކަމަށެވެ. އަދި އެއާޕޯޓާއި ހޮޓާތަކާއި ޝޮޕިން މޯލުތަކުގައި އެ ފަދަ މަޖާކަންތައް ކުރުމަށް އެ މީހުންނަށް ކޮންމެވެސް ފަރާތަކުން ފައިސާ ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ކިމް މަރާލުމުގައި އެއްވެސް ރޯލެއް ނޯންނާނެ ކަމަށް ނޯތު ކޮރެއާ އިން ބުނެފައިވެ އެވެ. އެކަމަކު ކިމް މަރާލި ދުވަހު މެލޭޝިއާ އިން ފުރައިގެން ދިޔަ ނޯތު ކޮރެއާގެ ހަތަރު ފިރިހެނަކު ހޯދުމަށް މެލޭޝިއާ އިން ވަނީ ރެޑް ނޯޓިސް ނެރެފަ އެވެ.