ކުއާލަ ލަމްޕޫރު (މާޗް 11) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރޭގައި ހިމެނޭ އިންޑޮނީޝިއާގެ ސިތީ އާސިޔާހްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސް އޭނާ މިނިވަންކޮށްފި އެވެ.
ކުއާލަ ލަމްޕޫރު އެއާޕޯޓުގައި 2017 ވަނަ އަހަރު ކިމް މަރާލީ ވީއެކްސް ނާވް އެޖެންޓެއް އޭނާގެ މޫނުގައި ހާކައިގެންނެވެ. އެކަން ކޮށްފައި ވަނީ ސިއްތި އާސިޔާހުގެ އިތުރުން ވިއެޓްނާމުގެ ދޯން ތި ހުއޮންގް އެވެ. އެ ދެމީހުން ވެސް ބުނެފައި ވަނީ ކިމްގެ މޫނުގައި ފޮތިގަނޑެއް އެޅީ މަޖަލަކަށް ކަމަށެވެ.
އާސިޔާހްގެ މައްޗަށް އުފުލި ދައުވާ ދޫކޮށްލި ސަބަބެއް މެލޭޝިއާގެ ޕްރޮސެކިއުޓަރުން ހާމަކޮށްފައެއް ނުވެ އެވެ. ޕްރޮސެކިއުޓަރުގެ ހުށަހެޅުމަށް ފަނޑިޔާރު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
މި މައްސަލާގައި އާސިޔާހް ކުށްވެރިވި ނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އަންނާނެ އެވެ.
"އަހަރެން ވަރަށް އުފާވެއްޖެ. މިއީ ވެދާނެ ކަމެއް ކަމަށް ގަބޫލެއް ނުކުރަން،" ކޯޓުން ނުކުންނަމުން އާސިޔާހް ބުންޏެވެ.
އޮފިޝަލުން ބުނާ ގޮތުގައި ވިއެޓްނާމުގެ ދޯ ތި ހުއޮންގަށް ވުރެ އާސިޔާހުގެ މައްޗަށް ހުރި ހެކި މަދެވެ.
ފެބްރުއަރީ 13، 2017 ގައި ކިމް މަރާލީ މަކާއޫ އަށް ފުރަން ގޮސް ކުއާލަ ލަމްޕޫރު އެއާޕޯޓުގައި ހުއްޓަ އެވެ. އެ ދެ އަންހެނުން ކިމްގެ މޫނުގައި ފޮތިގަނޑު އަޅާ މަންޒަރު ސީސީޓީވީން ފުޓޭޖުން ފެނެ އެވެ. ކިމް މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.
ކޯޓުގެ ހުކުމަށް ފަހު އާސިޔާހު އިންޑޮނީޝިއާ އަށް ދިޔުމަށް މިހާރު ހުރަހެއް ނެތެވެ. އިންޑޮނީޝިއާ ސަފީރު ވިދާޅުވީ އޭނާ މިއަދުގެ ވަގުތެއްގައި ގައުމުން ފުރުވާލަން މަސައްކަތް ކުރާ ކަމަށެވެ.