ކުއާލަ ލަމްޕޫރު (މާޗް 14) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރޭގައި ހިމެނޭ ވިއެޓްނާމުގެ ދޯން ތި ހުއޮންގް މިނިވަން ކުރަން މެލޭޝިއާ އިން ދެކޮޅު ހަދައިފި އެވެ.
މި މައްސަލާގައި ދެން ތުހުމަތު ކުރެވޭ އިންޑޮނީޝިއާގެ ސިތީ އާސިޔާހްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސް އޭނާ ވަނީ މިދިޔަ ހަފުތާގައި މިނިވަންކޮށްފަ އެވެ.
ހުއޮންގް މިނިވަން ކުރޭތޯ ވިއެޓްނާމުން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. އުމުރުން 30 އަހަރުގެ ހުއޮންގް އަށް ކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އަންނާނެ އެވެ.
ހުއޮންގެ ވަކީލުން ބުނެފައި ވަނީ އާސިޔާހް ދޫކޮށްލި ފަހުން ހުއޮންގަށް ނުވެސް ނިދޭ ކަމަށެވެ.
ކުއާލަ ލަމްޕޫރު އެއާޕޯޓުގައި 2017 ވަނަ އަހަރު ކިމް މަރާލީ ވީއެކްސް ނާވް އެޖެންޓެއް އޭނާގެ މޫނުގައި ހާކައިގެންނެވެ. ސިއްތި އާސިޔާހު އާއި ހުއޮންގް ވެސް ބުނެފައި ވަނީ ކިމްގެ މޫނުގައި ފޮތިގަނޑެއް އެޅީ މަޖަލަކަށް ކަމަށެވެ.
އާސިޔާހްގެ މައްޗަށް އުފުލި ދައުވާ ދޫކޮށްލި ސަބަބެއް މެލޭޝިއާގެ ޕްރޮސެކިއުޓަރުން ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލާގައި އާސިޔާހް ކުށްވެރިވި ނަމަ އޭނާގެ މައްޗަށް ވެސް މަރުގެ ހުކުމް އަންނާނެ އެވެ.
ފެބްރުއަރީ 13، 2017 ގައި ކިމް މަރާލީ މަކާއޫ އަށް ފުރަން ގޮސް ކުއާލަ ލަމްޕޫރު އެއާޕޯޓުގައި ހުއްޓަ އެވެ. އެ ދެ އަންހެނުން ކިމްގެ މޫނުގައި ފޮތިގަނޑު އަޅާ މަންޒަރު ސީސީޓީވީން ފުޓޭޖުން ފެނެ އެވެ. ކިމް މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.