ކުއާލަ ލަމްޕޫރު (އެޕްރީލް 1) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މެލޭޝިއާ އެއާޕޯޓުގައި މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުންގެ ތެރޭން ވިއެޓްނާމުގެ ދޯއަން ތި ހުއޮންގް ކުށްވެރިވި ނަމަވެސް މަރުގެ އަދަބުން އޭނާ ސަލާމަތްވެއްޖެ އެވެ.

މެލޭޝިއާގެ ކޯޓަކުން މިއަދު ވަނީ ހުއޮންގްގެ މައްޗަށް ތިން އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އޭނާގެ ހުކުމުގެ މުއްދަތު ގުނަން ފަށާ ގޮތަށް ހަމަޖައްސާފައި ވަނީ ފެބްރުއަރީ 2017 ގައި އޭނާ ހައްޔަރު ކުރި ތާރީޚުން ފެށިގެންނެވެ. އެހެންކަމުން އަންނަ މެއި މަހު ކުރީކޮޅު ހުއޮންގް މިނިވަންވާނެ ކަމަށް އޭނާގެ ވަކީލް ވަނީ ބުނެފަ އެވެ.

ހުއޮންގްގެ ދައުވާ އެޓާނީ ޖެނެރަލް ވަނީ މީހަކު މެރުމުގެ ކުށުގެ ބަދަލުގައި މީހަކަށް ގަސްދަކައި ނުލައި ގެއްލުން ދިނުމުގެ ދައުވާ އަށް ބަދަލުކޮށްފަ އެވެ. އޭނާ ވަނީ އެ ކުށަށް އިއުތިރާފްވެފަ އެވެ. ފަހުން ކުރި ދައުވާގެ އެންމެ ބޮޑު އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ.

ކިމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ހުއޮންގް ކޯޓުން ނެރެގެން ދެންދަނީ. --ފޮޓޯ:އޭއެފްޕީ
ކިމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ހުއޮންގް ކޯޓުން ނެރެގެން ދެންދަނީ. --ފޮޓޯ:އޭއެފްޕީ

ކިމް މަރާލި ކަމަށް ހުއޮންގްގެ މައްޗަށް ސާބިތުވި ނަމަ އޭނާ އަށް މަރުގެ ހުކުމް އަންނާނެ އެވެ.

ކިމް ޖޮން-ނަމް ފެބްރުއަރީ 2017 ގައި މެލޭޝިއާ އެއާޕޯޓުގައި މަރާލީ މަކާއޫ އަށް ފުރަން ގޮސް ހުއްޓައި، އޭނާގެ މޫނުގައި ވިހަ ފޮތިގަނޑެއް އަޅައިގެންނެވެ.

ކިމް މަރާލަން މޫނުމަތީގައި ފޮތިގަނޑު ދެން އެޅި އިންޑޮނީޝިއާގެ ސިތީ އައިސިއާހު މިދިޔަ މަހު ވަނީ ކުއްލި ގޮތަށް މިނިވަންކޮށްފަ އެވެ. އައިސިއާހު ދޫކޮށްލުމުން ހުއޮންގްގެ ވަކީލުން ވެސް ވަނީ އޭނާ ވެސް މިނިވަންކޮށްދިނުމަށް މިިދޔަ މަހު 14 ގައި މެލޭޝިއާގައި އެދިފަ އެވެ. ނަމަވެސް އެ ހުށަހެޅުމަށް މެލޭޝިއާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ.