އެމެރިކާގެ މަޝްހޫރު ސޯޝަލައިޓް އަދި ޒުވާން ބިލިއަނަރު ކައިލީ ޖެނާ އާއި އޭނާ ރައްޓެހިވެގެން އުޅޭ ލަވަކިޔުންތެރިޔާ ޓްރެވިސް ސްކޮޓް ކައިވެނި ކުރަން ތައްޔާރު ކަމަށް ބުނެފި އެވެ.

ކައިލީ އާއި ޓްރެވިސް އަކީ އެކި ފަހަރުގެ މަތިން ރައްޓެހިވުމަށް ފަހު ރުޅިވެ އަދި އަލުން ގުޅިފައިވާ ޖޯޑެކެވެ. އެ ދެ މީހުން އެކަކު އަނެކަކު ދެކެވާ ލޯތްބެއްގެ ބޮޑުކަމުން ދުރުނުވެނީ ކަމަށް ދެމީހުން ވެސް ބުނެ އެވެ.

ނަމަވެސް، މިހާރު އެ ގުޅުމާ މެދު ވަރަށް ސީރިއަސް ކަމަށް ބުންޏެވެ.

ހޮލީވުޑް ރިޕޯޓާ އަށް ދިން އިންޓަވިއުއެއްގައި ކައިލީ ބުނީ ކައިވެނިކޮށްގެން ހަޔާތެއް ފަށާ ނަމަ، އެކަން ކުރަން ބޭނުންވަނީ ޓްރެވިސްއާ އެކުގައި ކަމަށެވެ. އަދި މިހާރު ކައިވެންޏަށް ވަރަށް ތައްޔާރުގައި ހުރި ކަމަށް ވެސް ބުންޏެވެ.

ސަމާސާ ރާގަކަށް ކައިލީ ބުނީ މިހާރު އިންތިޒާރު ކުރަނީ ޓްރެވިސް ޕްރޮޕޯސް ކުރަން ދެން ކަމަށެވެ. އަދި އެއަށް ފަހު ހަމަ ވަގުތުން ކައިވެނިކުރަންވީ ކަމަށް އޭނާ ބުންޏެވެ.

ކައިލީ އާއި ޓްރެވިސްގެ ދެ ކުދިން ވެސް މިހާރު ތިބެ އެވެ. މިދިޔަ ފެބްރުއަރީ މަހުގައި އެ ދެ މީހުންނަށް ވަނީ ފިރިހެން ކުއްޖެއް ލިބިފަ އެވެ.