ލ. ގަމުގެ ބޮޑުފެންގަނޑު ސަރަހައްދުގައި އިންފޮމޭޝަން ސެންޓަރެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން މިއަދު އިއުލާނުކޮށްފި އެވެ.

އެ ތަނުގައި އިންފޮމޭޝަން ސެންޓަރެއް އެޅުމަށް ގަމު ކައުންސިލުން ފުރަތަމަ އިއުލާނު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އެ އިއުނާނު ބާތިލްކޮށް މިއަދު ކުރި އިއުލާނެއްގައި ވަނީ އެކަމަށް ޝައުގުވެރިވާ ނަމަ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބިޑް ޑޮކިއުމަންޓް ގަތުމަށް ފަހު ބީލަމުގައި ރަޖިސްޓްރީވުމަށް އެދިފަ އެވެ.

ބިޑުގައި ބައިވެރިވުމަށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

ކައުންސިލުން ބުނީ އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެންދާ މީހުންނަށް ބައިވެރި ނުވެވޭނެ ކަމަށެވެ.

އިންފޮމޭޝަން ސެންޓަރަކީ މައުލޫމާތު ފޯރުކޮށްދިނުމާއި އައިޓީ ހިދުމަތްތައް ނުވަތަ ޓެކްނޮލިޖީ ފަދަ ހާއްސަ ދާއިރާތަކުގެ އެހީތެރިކަން އެއްތަނަކުން ލިބޭގޮތަށް ގާއިމުކޮށްފައިވާ މަރުކަޒެވެ. ރާއްޖޭގައި މިފަދަ ސެންޓަރުތައް ޑިޖިޓަލް ކުރިއެރުމާއި އައިޓީ އިންކިއުބޭޓަރުތަކުގެ ގޮތުގައި ފުވައްމުލައް ފަދަ ތަންތަނުގައި މިހާރު ވެސް ގާއިމްކޮށްފައިވެ އެވެ.

ގަމު ބޮޑު ފެންގަނޑަކީ ލ. އަތޮޅަށް ޒިޔާރާތް ކުރާ އެތައް ބައެއްގެ މަންޒިލެކެވެ. މި ފެންގަނޑަށް އެރުމަށާއި ފޮޓޯ ނަގައި ހެދުމަށް ކޮންމެ ދުވަހަކުވެސް އެތަކެއް މީހުންނެއް ޒިޔާރަތްކުރެ އެެވެ.