މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދޭން ގާނޫނީ އޮނިގަނޑުގެ ތެރެއަށް ފެއްތުމަށް އެމްޑީޕީން ހުށަހަޅާފައިވާ ދެ ބިލެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވަޒީފާ އަދާކުރާ މީހުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މުހިންމު ހައްގުތައް ކަށަވަރުކޮށްދޭނެ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް އިންޑަސްޓްރިއަލް ރިލޭޝަންސްގެ ނަމުގައި ބިލެއް ހުށަހެޅުއްވީ މިދިޔަ މާޗް މަހު އެވެ.
ސަރުކާރުން ހުށަހަޅާފައިވާ އެ ބިލުގެ ދަށުން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހަޅުތާލުކުރުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ ހައްގާއި ޓްރޭޑް ޔޫނިއަން ހެދުމުގެ މިނިވަންކަން ލިއްބައިދެވޭނެ އެވެ.
މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ މެދުގައި ކަލެކްޓިވް ބާގެއިނިން އެއްބަސްވުންތަކަށް ވާސިލުވުމުގެ މެކޭނިޒަމް ގާއިމްކުރުމާއި ވަޒިފާގެ މާހައުލުގައި އުފެދޭ މައްސަލަތައް ހައްލުކުރުމުގައި ތަރައްގީ ވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާ އެއްހަމައެއްގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.
މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު ވެސް ފާސްކުރި
އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލުގެ އިތުރުން މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބިލު ވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މި ބިލުގައި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންނަށް ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމުގެ އުސޫލުތަކާއި، މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ސިއްހީ ނުރައްކާތަކާއި ގެއްލުންތަކުން މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން، މަސައްކަތްތެރިންގެ ސިއްހަތާއި ސަލާމަތާ ގުޅޭގޮތުން ނިންމާ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ބަސް ބުނުމުގެ ފުރުސަތު ވަނީ ހޯދައިދީފަ އެވެ. އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގެ ސަބަބުން ލިބޭ އަނިޔާތަކާއި ގެއްލުންތައް ރިޕޯޓުކޮށް، މައްސަލަ ބެލޭނެ ނިޒާމަކާއި ބަދަލު ދެވޭނެ ނިޒާމެއް ގާއިމުކުރުމުގެ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ.
މި ބިލު މަޖިލީހުން އެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާގުންނެވެ.