ކޮލަމްބޯ (މާޗް 8) - ސްރީ ލަންކާގެ ފައިސާގެ އަގު 15 ޕަސެންޓް ދަށްކޮށް ޑޮލަރަކަށް ޖެހޭ ރުޕީސްގެ އަގަކީ 230 ކަމަށް ހަމަޖައްސައިފި އެވެ.

ލަންކާގެ މަރުކަޒީ ބޭންކުން މި ބަދަލު ގެނައީ ހީނަރުވެފައިވާ އިގްތިސާދު އޮތް ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ފައިސާގެ އަގު ދަށްކޮށް، ޓެކްސް ބޮޑު ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާ ދިންތާ ހަތަރު ދުވަސް ފަހުންނެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ލަންކާ އިން ވަނީ ޑޮލަރަކަށް ޖެހޭ ރުޕީސްގެ އަގު 197 ގައި ޕެގްކޮށްފަ އެވެ.

މަރުކަޒީ ބޭންކުން ބުނީ "ފްލެކްސިބިލިޓީ" ގެނައީ އެކްސްޗޭންޖް ރޭޓް މާކެޓުން ކަނޑަޅަން ފުރުސަތު ދިނުމަށް ކަމަށެވެ. ބޭންކުން ބުނީ ޑޮލަރަކަށް ޖެހޭ އަގު 230 އަށް ވުރެ ދަށަށް ނުދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ނަމަވެސް 197 ގައި އަގު ކަނޑައަޅާފައި ހުރި އިރު ވެސް ކަޅު ބާޒާރުގައި 260 އަށް ވުރެ ބޮޑަށް ފައިސާ މާރުކުރި އެވެ.

ލަންކާގައި ބޭރު ފައިސާގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން ތެޔޮ ގަންނާނެ ފައިސާ ނެތި ދެކުނު އޭޝިއާގެ 22 މިލިއަން މީހުންގެ އާބާދީއެއް އޮތް ގައުމުގެ މީހުން އުޅެން ޖެހިފައި ވަނީ ވަރަށް ހާލުގަ އެވެ. ބައެއް ސަރަހައްދުތަކުން ދުވާލަކު ހަތްގަޑިއިރާ ބަޔަށް ކަރަންޓް ކަނޑާއިރު ވެހިކަލްތަކަށް އަޅަން ތެޔޮ ހޯދަން ވެސް ހަ ގަޑިއިރު ނުވަތަ ހަތް ގަޑިއިރު ކިޔޫގައި މަޑުކުރަން ޖެހެ އެވެ.

މާޗު 2020 އިން ފެށިގެން ލަންކާ އިން ވަނީ ބޭރު ފައިސާ ސޭވްކުރުމަށްޓަކައި، އިމްޕޯޓް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އަސާސީ ބާވަތްތައް ކަމަށްވާ ހަކުރާއި ކިރު އަދި ބޭހުގެ ބާވަތްތަކުގެ ސަޕްލައި ވަރަށް ބޮޑަށް ދަށްވި އެވެ.

ލަންކާގައި ބޭރު ފައިސާގެ ތާށިކަން އެހާބޮޑަށް ކުރިމަތިވީ ކޮވިޑާ ގުޅިގެން ގައުމު ބަންދުކުރަން ޖެހި ޓޫރިޒަމް ހުއްޓުމަކަށް އައުމުންނެވެ.

ލަންކާގެ ބޭރުގެ ދަރަނި 51 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު ދަރަނި ދެއްކުމަށް މި އަހަރު އެކަނި ވެސް ހަތް ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ނަމަވެސް ޖެނުއަރީ މަސް ނިމުނު އިރު ލަންކާގެ އެކްސްޓާނަލް ރިޒާވް ހުރީ 2.07 ބިލިއަން ޑޮލަރުގަ އެވެ. މިއީ އެއް މަހުގެ އިމްޕޯޓަށްވާ ވަރެވެ.