ލަވައެއް ހިޓެއް: ފޫޖީ ހަމަ ނަށަނީ

"ނަށާލާ" އަކީ ޑީޓިއުން ބޭންޑުން މިހާތަނަށް ގެނެސްދިން ލަވަތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދިޔަ އަދި އެމީހުންގެ ލަވަތަކަށް ބަލާއިރު އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔަ ލަވަ ވެސްމެ އެވެ. އެކަމަކު ބޭންޑްގެ ލީޑު ވޯކަލިސްޓް ފޫޖީގެ މި ސޯލޯ ވާޝަން އަކީ މީގެ އޮރިޖިނަލަށް ވުރެ ވެސް ހާއްސަ ލަވައެކޭ ބުނެވިދާނެ އެވެ.


އެކަމަކު "ފޫކޮޅު ތަޅުވާލާ"ފައި މި ލަވައަކަށް ނަށަން ފެށުމުގެ ކުރިން ޑީޓިއުން ބޭންޑްގެ ފޮނި ތައާރަފެެއް ވެސް ދޭނަމެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ބޭންޑް އުފެދުނީ 2006 ވަނަ އަހަރު އެވެ. ފޫޖީއާ އެކު ބޭންޑްގެ އެހެން މެމްބަރުންނަކީ ފެޒޫ އާއި ފާތި އަދި އައްޔަ އާއި އައްމަޑޭ އެވެ.

މި ފަސް މެމްބަރުންގެ ހުނަރުވެރިކަން ގުޅިގެން ގެތިގެންދާ ހިތްގައިމު ލަވަތައް ބެހިގެންދަނީ ޖޭޒް، އިލެކްޓްރިކް އަދި ފަންކާއި ރެގޭ އާއި ބްލޫސްގެ ހަމަތަކަށެވެ. މި ފޯރިއެއް އެމީހުން މެދުކެނޑުމެއްނެތި އެކުގައި ނަގަމުން އަންނަތާ މިހާރު 10 އަހަރުވީ އެވެ.

ބޭންޑްގެ ފުރަތަމަ އަލްބަމް "ވަން ޑައުން" ނެރެފައިވަނީ އެޕްރީލް 5، 2014ގަ އެވެ. "ނަށާލާ" އަކީ މި އަލްބަމްގެ އެންމެ ހިތްގައިމު އެއް ލަވަ އެވެ.