ގެއްލުނު ކައިވެނީގެ އަނގޮޓި ފެންނާކަމުގެ އުންމީދު ކަނޑާލައިގެން ހުރި އިނގިރޭސިވިލާތުގެ އަންހެނަކަށް ބައި ގަރުނު ފަހުން އަނގޮޓި ލިބި، ބޮޑު އުފާވެރިކަމެއް ލިބިއްޖެ އެވެ.

މި އަނގޮޓީ ފެނުނީ މެޓަލް ޑިޓެކްޓަރެއްގެ އެހީގައި ހޯދަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަނގޮޓި ފެނުނީ އޭގެ ވެރިމީހާ ޕެގީ މެކްސްވީން، 86، ދިރިއުޅެމުން އަންނަ ގޭގެ ގޯތިތެރެއިންނެވެ. އަނގޮޓި ގެއްލުނީ މީގެ 50 އަހަރު ކުރިން އޭނާ ގޯތިތެރޭގައި ހައްދާފައި ހުރި އަލުވި ކޮންނަނިކޮށެވެ.

ގެއްލުނު އަނގޮޓީ މެޓަލް ޑިޓެކްޓަރެއްގެ އެހީގައި ހޯދައި ދިނީ އޭގެ އެހީގައ އެފަދަ އެއްޗެހި ހޯދައިދޭ މީހެއް ކަމަށްވާ ޑޮނަލްޑް މެކްފީ ކިޔާ މީހެކެވެ. އޭނާ ވަނީ ޕެގީ އަނގޮޓީ ހޯދަން ތިން ދުވަހު ކުރި މަސައްކަތުގެ ތެރޭގައި ގޯތި ތެރޭގައި ހުރި އެފަދަ އެތައް އެއްޗެހިތަކެއް ވެސް ތިލަކޮށްފަ އެވެ.

މި ވާހަކަ މެކްފީގެ ފޭސްބުކްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭނާ ބުނި ގޮތުގައި ޕެގީގެ އަނގޮޓީ ފެނުނީ ގޯތިތެރޭގެ 5،000 އަކަމީޓަރުގެ ސަރަހައްދެއް މެޓަލް ޑިޓެކްޓަރުގެ އެހީގައި ޗެކްކުރި ފަހުންނެވެ.

ލޯބީގެ ރަމްޒެއްގެ ގޮތުގައި ދެކޭ ކައިވެނީގެ އަނގޮޓި ބައި ގަރުނު ފަހުން ޕެގީ އަށް ލިބުނު އިރު، އޭނަގެ ފިރިމީހާ ޖޯން މެކްސްވީން ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފަ އެވެ. އެ ދެ މީހުން ކައިވެނިކުރީ 1958 ގަ އެވެ.

"އަނގޮޓި ދެން ފެނިދާނެކަމުގެ އުންމީދު މުޅިން ދޫކޮށްލައިގެން ހުއްޓައި އެ ފެނުމަކީ ހަގީގަތުގައި ވެސް އެތަކެއް ހަނދާންތަކެއް އާކޮށްދިން ވަރަށް ބޮޑު އުފަލެއް. އަދި މިއީ ވަރަށް ޖަޒުބާތީ ކަމެއް،" ޕެގީ ބުންޏެވެ. "އޭރު އަނގޮޓި ގެއްލުނު ފަހުން އަހަރެން ދެ ދުވަސް ވަންދެން ފެނޭތޯ ވަރަށް މަސައްކަތް ކުރިން. ދެން ނުފެނުނީމަ އެކަން އެއްކޮށް ހުއްޓާލީ."

އޭނާ ބުނީ އަނގޮޓީ ގެއްލުމުން ފިރިމީހާ އާ އަނގޮޓިއް ގަނެދިނުމާ ހަމައަށް އުޅުނީ މަންމަގެ ކައިވެނީގެ އަނގޮޓި އަޅައިގެންނެވެ.