އޯރިއޯގެ 110 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ނެރޭ ބިސްކޯދު.
14 ޖެނުއަރީ 2022 - 06:12
ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު ބިސްކޯދެއް ކަމަށްވާ އެމެރިކާގެ އޯރިއޯ އަށް މި އަހަރު 110 އަހަރު ފުރޭތީ އެކަމާ ގުޅުވައިގެން އަނެއްކާ ވެސް މުޅިން އާ ރަހައެއްގެ ބިސްކޯދެއް ނެރެން ތައްޔާރު ވެއްޖެ އެވެ.
އަންނަ މާޗް މަހުގެ 6 ގައި 110 އަހަރު ފުރޭ ކުންފުނިން ބުނި ގޮތުގައި އެ ބްރޭންޑްގެ ހާއްސަ އަހަރާ ދިމާކޮށް މި ފަހަރު ނެރެން ނިންމާފައިވާ ސެލެބްރޭޝަން ވެސް ސިފަކޮށްދޭ ގޮތަށް ސްޕްރިންކްލްސް ވެސް ހިމެނޭ "ޗޮކްލެޓް ކޮންފެޓީ ކޭކް" އެވެ.
މީގެ ޕެކްގައި "އޯރިއޯ 110 ބާތުޑޭ" ލިޔެފައިވާ އިރު، ޕެކް އިންނާނީ ވިދާ ކުލަތަކުން، އުފާވެރިކަން ވެސް ގެނުވައިދޭ ގޮތަށެވެ. މިއީ 2012 ގައި 100 އަހަރު ފުރުމާ ދިމާކޮށް އޯރިއޯ އިން އާ ރަހައެއް ނެރުނު ފަހުން، އެ ބްރޭންޑްގެ އާ ރަހެއް ހާއްސަ ދުވަހަކާ ގުޅުވާފައި އަނެއްކާ ވެސް ކަސްޓަމަރުންނަށް ގެނެސްދޭ ފުރަތަމަ ފަހަރެވެ.
އޯރިއޯގެ 110 ވަނަ އަހަރަށް ހާއްސަކޮށްގެން ނެރޭ ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ނެރޭ "ޗޮކްލެޓް ކޮންފެޓީ ކޭކް" ގެ ޕްރީ-އޯޑަރަށް ހުޅުވާލީ މި މަހު 11 ގަ އެވެ. އަދި އާންމުކޮށް ވިއްކަން ފަށާނީ މި މަހު 31 އިން ފެށިގެންނެވެ.
އޯރިއޯގެ އެމެރިކާގެ ބްރޭންޑް މެނޭޖަރު ސިޑްނީ ކްރަންޒްމަން ވިދާޅުވި ގޮތުގައި ފާއިތުވި ދިގު ތާރީހުގައި އޯރިއޯ ވަނީ އާންމުންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދައިފަ އެވެ. އަދި އެ ބްރޭންޑްގެ ބިސްކޯދަކީ މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ އެއްޗަކަށް ވުމަކީ އޯރިއޯގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ކުންފުންޏަށް 110 އަހަރުވުމަކީ ވެސް ހަމަ ހާއްސަކޮށް ފާހަގަކުރަން ޖެހޭނެ އަދި އޯރިއޯ އަށް ލޯބިކުރާ މީހުންނަށް އުފާވެރިކަން ގެނެސްދޭ ކަހަލަ ކަމެއް ކުރުމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކޭތީ އާ ރަހައެއް މި ގެނެސްދެނީ،" ސިޑްނީ ވިދާޅުވި އެވެ.
އޯރިއޯ އަށް 110 އަހަރު ފުރޭނީ މާޗް 6 ގައި.
އޭނާ ވިދާޅުވި ގޮތުގައި އޯރިއޯ އަށް ލިބޭ އެންމެ ބޮޑު އުފަލީ އެ ބްރޭންޑަކީ ހުރިހާ އުމުރެއްގެ ބައެއްގެ މެދުގައި ވެސް މަގުބޫލު އެެއްޗަކަށް ވުމެވެ. އެހެންވެ އެކަން ދަމަހައްޓަން ކުރެވޭ މަސައްކަތްތައް އަބަދު ވެސް ވަރަށް ހާއްސަވާނެ ކަމަށް ވިދާޅުވި އެވެ.
މޮންޑެލޭޒް އިންޓަނޭޝަނަލްގެ ދަށުން ނެރޭ އޯރިއޯ އުފަންވީ މާޗް 6، 1912 ގަ އެވެ. އޯރިއޯގެ ޓެގް ލައިންތަކުގެ ތެރޭގައި "ވޮންޑަފިލްޑް"، "މިލްކްސް ފެވަރިޓް ކުކީ" އަދި "އޮންލީ އޯރިއޯ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy