ލައިފްސްޓައިލް / މީހުން

ޖިންސީ ގޯނާ އާއި މަސްތުގެ ހާލިން އަރައިގަތް ހިތްވަރު

މިވަރުގެ ގަދަފަދަ އަޒުމަކާއި ހިތްވަރަކާ އެކު މުޖުތަމަ އަށް ނުކުމެ ސާބިތުވުމަށް ލީނާ އަށް މެދުވެރިކުރުވި ހަޔާތުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟

ފޮޓޯގައި ލީނާ

މިއީ ލީނާ އަރީބް އާދަމް އެވެ. އޭނާ އަކީ ތިން ކުދިން ގޮވައިގެން ހުޅުމާލޭގެ ހިޔާ ފްލެޓެއްގައި ދިރިއުޅެމުން އަންނަ 'އެކަނިވެރި މައެކެވެ'. އެކަމަކު ސާދަ އަހަރާއި ހަތް އަހަރާއި ފަސް އަހަރުގެ ތިން އަންހެން ކުދިން ގޮވައިގެން އުޅޭ 'އެކަނިވެރި މައެއް'ގެ ގޮތުގައި އޭނާ ސިފަކުރުމަށް ވުރެ ރަނގަޅު ވާނީ 33 އަހަރުވީ ހަޔާތުގައި އޭނާ އަށް ނުލިބުނު ލޯތްބާއި އަޅާލުން، އަމިއްލަ ތިން އަންހެން ދަރިންނަށް ކަށަވަރުކޮށްދޭން ކޮންމެ ދުވަހަކު ވެސް "ބުރަކަށި ބިންދަމުން" ގެންދާ މަންމައެކޭ ބުނިއްޔާ އެވެ. އަދި އެ އަޅާލުމާއި ހަޔާތުގެ ތަމްރީނާއި ތަރުތީބު ކޮންމެ ދުވަހަކުވެސް އިތުރު އެތައް ކުދިންނަކަށް، ސްޕޯޓްސް އެކަޑެމީއެއްގެ ހިޔަލާއި ހިމާޔަތުގައި ދަސްކޮށްދެމުން އަންނަ ކުޅަދާނަ ކޯޗެކޭ ބުނިއްޔާ އެވެ.

ހުޅުމާލޭގައި އޭނާ ހިންގާ 'ވިކްޓްރެސް ސްޕޯޓްސް އެކަޑެމީ" ގައި 60 އަށް ވުރެ ގިނަ އަންހެން ކުދިން މި ވަގުތު އޭނާގެ ބެލުމުގެ ދަށުގައި ތަމްރީން ހަދަމުން އަންނައިރު ލީނާގެ އޮތީ ހަމަ އެންމެ ހުވަފެނެކެވެ. -- އޭނާ އަށް ނުލިބުނު ކުޑައިރުގެ ހަޔާތާއި އުފަލާއި ކާމިޔާބު މި ހުރިހާ އަންހެން ކުދިންނަށް އަމިއްލަ ދެ އަތުން ކަށަވަރުކޮށްދިނުމެވެ.

ވަކިން ހާއްސަކޮށް، އަނިޔާ އާއި ޖިންސީ ގޯނާގެ ނުބައި ވެށިން މި ހުރިހާ ކުދިން ސަލާމަތްކޮށް އުމުރު ދުވަހަށް ވެސް އެކުދިންގެ އައްޑަނައަކަށްވެ ދެމިހުރުމެވެ. އެކަމަކު މިވަރުގެ ގަދަފަދަ އަޒުމަކާއި ހިތްވަރަކާ އެކު މުޖުތަމަ އަށް ނުކުމެ ސާބިތުވުމަށް ލީނާ އަށް މެދުވެރިކުރުވި ހަޔާތުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟

ލީނާ --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެ ހިތްދަތި ހަޔާތުގެ ކޮންމެ ދިމާލަކުން ފެށިޔަސް އެއީ ސިފަކޮށް، ލިޔަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. މިއަދު ކަޅު ފަތިހާ ހޭލައިގެން އަމިއްލަ ތިން އަންހެން ދަރިންނަށް ކާންދީ، ކިޔަވައިދީ، މާޝަލް އާޓްސް އިން ސެލްފް ޑިފެންސްގެ އުކުޅުތައް އެ ކުދިންނަށް ދަސްކޮށްދެމުން ބާރުވެރި، ފަހުރުވެރި އަންހެން ޖީލެއް އުފެއްދުމުގެ ބިންގަލުގައި ރާވައި ބޮޑުކުރަމުން ދިޔަ ނަމަވެސް މީގެ 28 އަހަރު ކުރިން ލީނާ އަށް މި ފިލާވަޅާއި ތަމްރީނާއި އަޅާލުމާއި ލޯތްބާއި ހިމާޔަތް ފޯރުކޮށްދިން ހަމަ އެއްވެސް މީހެއް ނެތެވެ.

"އުމުރުން 19 އަހަރުގައި އަޅުގަނޑަށް ލިބުނީ އަޅުގަނޑުގެ ފުރަތަމަ ދަރިފުޅު. އަންހެން ކުއްޖަކަށް އެ ކުއްޖާވުމަކީ އަޅުގަނޑުގެ ލައިފަށް އައި ޓާނިން ޕޮއިންޓް. އަދި އެ ދަރިފުޅު ލިބުނު ހިސާބުން ފެށިގެން އަޅުގަނޑު ބަދަލުވީ ވަރަށް އޯވާޕްރޮޓެކްޓިވް މަންމައަކަށް،" ކުރުކޮށް ނޭވާލަމުން ލީނާ ކިޔައިދިނެވެ.

"އެއަށް ފަހު ދެން ވެސް ލިބުނީ ދެ އަންހެން ކުދިން. އެހިސާބުން އަޅުގަނޑުގެ ކޮނޑުގައި އިތުރު ޒިންމާތަކެއް އެޅިއްޖެކަން ޔަގީންވެއްޖެ. އެ ހިސާބުން ދޮށީ އަންހެން ދަރިފުޅު މާޝަލް އާޓްސް ކްލާސްތަކަށް ފޮނުވަން ފަށައިފިން."

"އެއީ ސެލްފްޑިފެންސް ދަސްކޮށްދޭން އެ ކުއްޖާ އަށް."

އެހެން ބުނެފައި ލީނާ އަށް ގަދަ އަށް ރޮވިއްޖެ އެވެ. އޭނާގެ އަޑު އެއްކޮށް ކެނޑިއްޖެ އެވެ.

ގިސްލަގިސްލާފައި ދެން އަލުން ވާހަކަ ދައްކަން ފެށުނީ އިރުގަނޑެއް ފަހުންނެވެ.

ލީނާ އޭނާގެ އެކަޑެމީގައި ކުދިންނަށް ތަމްރީނާއި އިރުޝާދު ދެނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އަޅުގަނޑުގެ ހުރިހާ ކުދިން ވެސް ތިބޭނީ ފުލީ ސެލްފް ޑިފެންސް އަށް ތަމްރީންކޮށްފައި. ގަވާއިދުން ކްލާސްތަކަށް ދާނެ. ފަސް އަހަރުގެ ދަރިފުޅަށް ވެސް ދަސްކޮށްދެން ސެލްފް ޑިފެންސް."

ލީނާގެ ބައްޕަގެ ޖިންސީ މުޑުދާރު ވަކިތަކުން އޭނާ ޝިކާރަކޮށް ވައްޓާލިއިރު ލީނާ އަށް އެންމެ ފަސް އަހަރެވެ.

ކިޔައިދޭން އުނދަގޫ ވާހަކަތައް ދޫކޮށްލަން އެދުމުން ލީނާ ބުނީ މިހެންނެވެ.

"އަޅުގަނޑު މި ވާހަކަ ކިޔައިދޭން ބޭނުންވާ ސަބަބަކީ ކިތަންމެ އަޑިއަށް، ފުނަށް ގެނބިގެން ދިޔަޔަސް، ހިތްހަމަޖެހުމުގެ އެ ނޭވާ އަލުން ލެވޭ ހިސާބަކަށް ކޮންމެ މީހަކަށް ވެސް އާދެވިދާނެއޭ. ދުވަހަކު ވެސް އުއްމީދު ކަނޑާނުލައްޗޭ ބުނަންވެގެން."

"އަޅުގަނޑު ބޭނުންވީ އެކަނި ކުރިއަށް ދިއުމުގެ ބަދަލުގައި އަޅުގަނޑާ އެކުގައި އަޅުގަނޑު ކަހަލަ އިތުރު އެތައް ބަޔަކަށް ބާރު ދީގެން އެ މީހުން ގޮވައިގެން ކުރިއަށްދާން. ކުޑައިރު އަޅުގަނޑަށް ނުލިބުނު އާއިލާ، ކުޑައިރު އަޅުގަނޑުގެ ފަހަތުގައި ނެތް ޓީމު އަމިއްލަ އަށް އުފައްދައިގެން އެ ޓީމު ގޮވައިގެން މިއަދު ކުރިއަށް ދާން،" ލީނާ ކިޔައިދިނެވެ.

"މި ޓީމަކީ މިއަދު އަޅުގަނޑުގެ ނެތް އެ އާއިލާ. އަޅުގަނޑުގެ ހިތްހަމަޖެހުން. އަދި ކޮންމެ ކަމެއް ޖެހުނަސް އެންމެ ފުރަތަމަ އެހީވާނެ މީހުން."

ލީނާ އޭނާގެ ހޭންޑް ބޯލް އެކަޑެމީގައި ތަމްރީންތަކަށް ތައްޔާރުވަނީ: އޭނާ އަކީ ސެޓިފައިޑް ހޭންޑް ބޯލް ކޯޗެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެއަށް ފަހު ހަޔާތުގެ އެންމެ އަނދިރި ސަފުހާތަކާ ހަމަ އަށް އޭނާ ގަނޑުތައް އުކައި ހުސްކޮށްލި އެވެ. މިއީ އޭނާ އަށް އެހީވާނެ އެއްވެސް މީހަކު ނެތް ދުވަސްތަކެއްގެ ވާހަކައެވެ. އަދި އެންމެ ގާތުގައި، އެންމެ ފުރިހަމަ އަށް އޭނާ ހިމާޔަތްކުރާނެ ކަމަށް ހީކުރެވުނު ބައްޕަގެ ޖިންސީ އެދުމުގައި ލީނާ ޝިކާރަކޮށް ވައްޓާލި ދުވަސްތަކެވެ.

"އުމުރުން ފަސް އަހަރުގައި އަޅުގަނޑު ހިތަކަށް ނާރާނެ ދޯ އެއްވެސް މީހަކު އަޅުގަނޑަކަށް އަނިޔާއެއް، ގޯނާއެއް ކޮށްފާނެއެކޭ. އަދި ވަކިން ހާއްސަކޮށް އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް އެގޮތަށް ގޯނާކޮށްފާނެއެކޭ،" ލީނާ ކިޔައިދިނެވެ.

"ރުޅި އައީމަ ވަރަށް ރުޅިގަދަވާނެ ބައްޕަ. ބެލްޓުން ވެސް ގައިގައި ތަޅައިގެންފާނެ. ހަނދާންވޭ އެއް ދުވަހަކު ބައްޕަ ނިދާފައި އޮއްވާ އަޅުގަނޑާއި ކޮއްކޮ ގޭގައި ކުޅެން ތިއްބައި އަޑުގަދަވެގެން ބައްޕަ ރުޅިގަދަވެގެން އެއައިގޮތަށް އައިސް އަޅުގަނޑު ނަގައި ފާރަށް ޖަހާލީ."

"ބައެއް ފަހަރު ފިހިގަނޑު ބިންދައިގެންދާވަރަށް އަޅުގަނޑުގެ ގައިގައި ތަޅާލާނެ. އުމުރުން މިއަދު 33 އަހަރުވީއިރު ވެސް އޭރު ބައްޕަ ދިން އެ އަނިޔާގެ ވޭން އަދިވެސް އަޅުގަނޑުގެ މި ހަށިގަނޑުގައި އެބަ އަޅާ."

މައިބަދައިގައި އެކަންޏެއް ނޫނެވެ. ބޮލާއި ހިތާއި ނަފުސު ވެސް ރޮނީ އެ ވޭނުގަ އެވެ.

ވަރަށް ކުޑައިރު މަންމަ އާއި ބައްޕަ ވަރިވުމާ ގުޅިގެން ލީނާ ދިރިއުޅެމުން ގެންދިޔައީ މާލޭގައި އޭނާގެ ބައްޕަގެ ގޭގައެވެ. މަންމައެއް ހުއްޓަސް މަންމައެއްގެ ލޯތްބެއް ނުލިބުމުން ލީނާ ހީކުރީ ބައްޕައެއްގެ ލޯބި އޭނާ އަށް ލިބޭނެ ކަމަށެވެ.

ލީނާ --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"މަންމައެއް ހުއްޓަސް މަންމައެއް ނެތް ދުވަހަކު ވެސް ކައިރީގައެއް. މާމަ އަޅުގަނޑު ބެލީ. ގޭގައި ބައްޕަ އުޅޭނެ. އެކަމަކު ބައްޕަ އަބަދުވެސް ބޭލީ ރުޅިގަނޑު. ކުރީ އަނިޔާ. އެހެންވީމަ ބައްޕަ ދެކެ އޭރު އަދި ވަރަށް ބިރުގަންނާނެ،" ލީނާ ކިޔައިދިނެވެ.

"އެހެންވީމަ ކިތަންމެ އަނިޔާއެއް ކުރިޔަސް ބައްޕަ ކޮންމެ ކަމެއް ކުރަން އެންގިޔަސް އެކަމެއް ކުރަނީ. ނުކޮށްފިއްޔާ ވެސް އަނިޔާކުރާނެތީ."

"ދެން އެއް ދުވަހަކު އަޅުގަނޑަށް ގޮވާލާފައި ބައްޕަ އަޅުގަނޑު ގެންދިޔައީ ކޮޓަރިއަށް. ދެން އަޅުގަނޑަށް ދައްކަނީ ޕޯން. ދެން އެ ފިލްމުތައް ދައްކައިގެން އަޅުގަނޑާ ބެހޭނީ ބައްޕަ. ހީ ވިލް ޑޫ ތިންގްސް ޓު މީ."

ލީނާގެ މުޅި އަޑުގައި ތުރުތުރުލައިގަތެވެ.

"ބައްޕަ އަޅުގަނޑަށް އިންޒާރު ދީފައި އޮންނާނީ އެ ވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނެފިއްޔާމު އަޅުގަނޑު މަރާލާނެ ކަމުގެ. އެހެންވީމަ ކިހާ ބިރެއް ގަންނާނެ އަދި. އޭރު އަޅުގަނޑަށް ފަސް އަހަރު."

އެ ބައްޕަގެ ވަކިތަކުގައި ފަސް އަހަރު ވަންދެން ލީނާ އެކި ދުވަސްމަތިން އެކި ގޮތްގޮތަށް 'މަރައި ކުދިކުދި' ކުރިއެވެ. އެއް އިރެއްގައި ކްލާހުގެ ޓޮޕް ތްރީގައި ހިމެނުނު ކުއްޖާ އެންމެފަހުން ފުލަށް ވެއްޓުނީ އެވެ. މީހުންނާ އެކަހެރިވެ، މީހުންނާ ވާހަކަ ދެއްކުން ހުއްޓާލީ އެވެ.

ބައްޕަގެ ފަރާތުން ލިބެމުން ދިޔައީ 'ލޯބީގެ ފިރުމުންތަކެއް' ނޫންކަން ލީނާ އަށް ފުރިހަމަ އަށް އިހުސާސްވެ ހަމަ ބުއްދިއަކަށް އޭނާ ގެންގޮސްދިނީ ކަލާފާނުގެ ގްރޭޑް ފަހެއްގައި ކިޔަވަމުން ދަނިކޮށް އެއް ދުވަހަކު ނަގައިދިން 'ސެކްސް އެޑިއުކޭޝަން' ގެ ކްލާސްތަކަކުންނެވެ.

"އެހިސާބުން އެނގެން ފެށީ ބައްޕަ އަޅުގަނޑާ އެކު ކުރަމުން ދިޔައީ އަސްލު ކީއްކަން ވެސް. ދެން އިތުރަށް ބިރު ގަންނަންފެށީ،" ލީނާ ބުންޏެވެ.

ނަމަވެސް އެ ދުވަހު އޭނާ ގެއަކަށް ނުދެއެވެ. އޭނާ ދިޔައީ ކްލާސް ޓީޗަރުގެ ގާތަށެވެ.

"ޓީޗަރަށް ކިޔައިދިނީ ބައްޕަގެ ވާހަކަ. ޓީޗަރު ހަމަ ވަގުތުން އަޅުގަނޑަށް އެހީތެރިވެދިން. ފުލުހުންނަށް ރިޕޯޓްކޮށްގެން އެންމެފަހުން ބައްޕަ ހައްޔަރުކޮށްގެން ގެންދިޔައީ."

ލީނާ --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެކަމަކު މިހައި ހިސާބުން ލީނާގެ ހަޔާތަށް އެރި "ފުރޭތަ"އިން އޭނާ ސަލާމަތްވީ ކަމަށް ހީކުރެވުނަސް މިއީ އަދި އެންމެ ޗެޕްޓަރެއްގެ ކުރު ހުލާސާ އެވެ. ހުކުމް ތަންފީޒުކުރުމަށް ފަހު އެނބުރި އައިސް ވެސް، ލީނާ ބުނީ އެ ބައްޕަގެ އެދުމާއި ވަކިން އޭނާ ސަލާމަތެއް ނުވި ކަމަށެވެ.

"ޖަލުގައި ދެ އަހަރު އޮވެފައި އަދަބު ލުއިކޮށް ރަށަކަށް އަރުވާލީ. ފަސް އަހަރުގެ އެ ހުކުމުން ސަލާމަތްވެގެން ބައްޕަ އެނބުރި އައިއިރު އަޅުގަނޑު އުޅެނީ ގްރޭޑް 10ގައި. އެހިސާބުން ދެން އަނެއްކާ ވެސް ނިދޭ ގޮތެއްނުވި."

އެންމެފަހުން ލީނާ ދިޔައީ އޭނާގެ މަންމަގެ ހިމާޔަތަށެވެ. އެކަމަކު މަންމަ އަބަދުވެސް ބާރު އެޅީ ވަޒީފާގަނޑެއް ހޯދައިގެން "ނުކުމެގެން ދިއުމަށެވެ." ރައްޓެހިންނާ އެކު ބޭރަށް ނުކުމެ މަސްތުގެ ހަލަބޮލި ފުސް ދުނިޔެއަކަށް އޭނާ ވެއްޓިގެން ދިޔަ ހިސާބަކީ އެއީ އެވެ.

"މަންމަ ކައިރިއަށް ބަދަލުވިއިރު އަޅުގަނޑު އުއްމީދުކުރީ މަންމަގެ ލޯތްބާއި އަޅާލުން ލިބޭނެއޭ. އެކަމަކު އެހެނެއް ނޫން. އަހަރެން ދިރިހުރިތޯ ނުވަތަ މަރުވެއްޖެތޯ ވެސް ބަލަން ބޭނުންނުވާ މީހެއް މަންމަ އަކީ،" ރޮމުން ލީނާ ކިޔައިދިނެވެ.

"އަހަރެން ކެމްބްރިޖު އޯލެވެލް ހަދަން ޖެހުނު އަހަރު ލާރި ވެސް ނުދިން. މަންމަ ލާރި ނުދިނީމަ ސްކޫލުން އޯލެވެލް ނަހަދައި ކިޔެވުން ހުއްޓާލަން ޖެހުނީ. ބައްޕަ އެކަންޏެއް ނޫން އަނިޔާކުރީ. މަންމަވެސް ހަމަ އަހަރެން ދިރިހުއްޓާ ވަޅުލީ."

އެ ދިރިއުޅުމުން އަރައިނުގަނެވިގެން އުޅެނިކޮށް 2004 ވަނަ އަހަރުގެ ސުނާމީގެ ބޮޑު ރާޅެއްގައި ޖަހައިގެން ގެންދިޔަ ގޮތަށް ދިރިއުޅުން އަނެއްކާވެސް އެފުށްމިފުށަށް ޖަހާލި ހިސާބުން ހަމަ މަގު ހޯދުމުގެ މުޅިން އައު ދަތުރަކަށް ރިޔާކޮށަން އޭނާ އަށް މަޖުބޫރުވި އެވެ.

ލީނާ --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ރިސޯޓުގައި ޑިއުޓީގައި ހުއްޓައި ސުނާމީ އެރީ. އެ ރިސޯޓް ބަންދުކުރިއިރު އެންމެ ފުރަތަމަ ވަޒީފާ ގެއްލުނު އެކަކު އަޅުގަނޑަކީ. އެކަމަކު ފަހުން އެހެން ރިސޯޓްތަކުގައި މަސައްކަތްކުރަމުން ގޮސް ގެސްޓް ސާވިސް ސުޕަވައިޒަރަކަށް އުޅެނިކޮށް މީހަކާ އިނދެގެން އަލަތު ދަރިފުޅު ލިބިއްޖެ،" ލީނާ ކިޔައިދިނެވެ.

"ދެން އެ ކައިވެނި ރޫޅުނީމަ ދަރިފުޅު ގޮވައިގެން އެކަނި އުޅެން ޖެހިއްޖެ."

އޭރު، ރަލާއި ހަކުރުގެ މަސްތުން ސަލާމަތްވެ އެއްކޮށް ސާފުވެފައި ހުއްޓަސް ދެން ވެސް އޭނާގެ ގައިގައި އަޅަމުންދިޔަ ވޭނަކީ ބައްޕަ ދިން ޖިންސީ އަނިޔާގެ ތުރާލެވެ. އަދި ހަޔާތަށް އުފަންވި އަންހެން ކުއްޖާ ލީނާ އަމިއްލަ އަށް ތަޖުރިބާކުރަން ޖެހުނު އަނިޔާގައި ޝިކާރަވެދާނެ ކަމުގެ ބިރު އައިސް ހިތަށް ވަން ހިސާބުން ހަޔާތުގެ ހުރިހާ ބުރައެއް ބޮލަށް ލައިގެންވިޔަސް އެ ހުރިހާ ގޮންޖެހުމަކާ ކުރިމަތިލާން އަޒުމު ކަނޑައެޅީ އެވެ.

އެ އަޒުމުގައި ފެށި ދަތުރުގައި އުއްމީދުތަކެއް އާވެއްޖެ އެވެ. އެކަމަކު މިއަދުވެސް އޭނާގެ ހަޔާތް އެންމެ ފުރިހަމަވެފައި އެންމެ އުފާވެރިއެއް ނޫނެވެ. އެކަމަކު އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ އެ ހަޔާތް ފުރިހަމަކޮށް އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދިނުމަށް އޭނާ މަސައްކަތްކުރާ ދުވަހެކެވެ.

"މީހުންނަށް ޑިޕެންޑްނުވެ އަމިއްލަ ފައި މައްޗަށް ތެދުވަން ބޭނުންވީ. އެ ވިސްނުމުގައި އަޅުގަނޑުގެ މި އެކަޑެމީ އާއި ހޭންޑް ބޯލް ކްލަބް ވެސް އުފެއްދީ. އަދި ވަކިން ހާއްސަކޮށް އަޅުގަނޑު ކަހަލަ އެތައް ބަޔަކަށް ހިތްވަރު ހޯދައިދޭން އަޅުގަނޑު ބޭނުންވީ،" ލީނާ ބުނެލި އެވެ.

ލީނާ --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އަޅުގަނޑު ބޭނުންވީ އެކަނި ކުރިއަށް ދިއުމުގެ ބަދަލުގައި އަޅުގަނޑު ފަދައިން އަނިޔާ ލިބިފައިވާ އެހެން މީހުން ވެސް ގޮވައިގެން ކުރިއަށް ދާން. އަޅުގަނޑުގެ ލައިފަކީ އަދި ކުރިއަށް ދިއުމުގެ މި ދަތުރަކީ މިހާރު ޓީމް އެފަޓެއް. އަޅުގަނޑާ އެކު މި ކްލަބްގައި ބައިވަރު އަންހެން ކުދިންނާއި އެ ކުދިންގެ މަންމައިން އެބަތިބި."

"ލައިފަކީ ކޮންމެ ދުވަހަކުވެސް ސްޓްރަގަލްއެއް. އަޅުގަނޑުގެ ލައިފުގައި އެކަންޏެއް ނޫން. ކޮންމެ މީހެއްގެ ލައިފުގައި ވެސް."

"އެހެންވީމަ ބޭނުންވަނީ ސްޕޯޓްސްގެ ތެރެއިން އަންހެނުން ބާރުވެރިކޮށް ކުރިއަރުވަން. އަމިއްލަ ފައިމައްޗަށް ތެދުވާނެ ހިތްވަރު ހޯދައިދޭން."

މިއީ ލީނާގެ ވާހަކަ އެވެ. އޭނާ ކިޔައިދިން ގޮތަށެވެ. ނަމަވެސް އޭނާގެ އާއިލާ އާއި ގާތް މީހުން "މިހާރު" އަށް ކިޔައިދޭ ގޮތުން ނަމަ ލީނާގެ ހަޔާތަކީ އޭނާ މި ކިޔައިދޭހާ ނިކަމެތި ބަދުނަސީބު ހަޔާތެއް ނޫނެވެ. ވަކިން ހާއްސަކޮށް ލީނާ އެންމެފަހުން ކުރި ކައިވެނި ރޫޅިފައިވާ ކަމަށް ލީނާ ތަކުރާރުކޮށް އިންޓަވިއުގައި ބުންޏަސް އޭނާގެ އާއިލާއިން ބުނަނީ އެއީ ދޮގެއް ކަމަށެވެ.

މީގެ އިތުރުން ލީނާގެ ކުޑަ ދެ ކުދިންގެ ބައްޕަ އަކީ ލީނާގެ އެކަޑެމީގެ އިތުރުން އޭނާގެ މުޅި ދިރިއުޅުމަށް ވެސް އެތައް އެތައް ގޮތަކުން ކޮންމެ ދުވަހަކުވެސް ޚަރަދުކޮށް އެހީތެރިވަމުންދާ ފަރާތެކެވެ. އާއިލާ އިން ބުނަނީ ނިކަމެއްޗެއް ކަމަށް ލީނާ ބުންޏަސް އަދި ދެއްކިޔަސް އޭނާ އަކީ ނިކަމެއްޗެއް ނޫން ކަމަށެވެ. އަދި އެއްގޮތަކަށް ވެސް 'އެކަނިވެރިމައެއް' ނޫން ކަމަށެވެ.

ލީނާ ބުނަނީ އިންޓަވިއުގައި އޭނާ އެއްވެސް ކަމެއް އޮޅުވައިނުލާ ކަމަށެވެ. ދޮގެއް ނަހަދާ ކަމަށެވެ.

އެޑިޓަރުގެ ނޯޓް:

މި ލިޔުމުގެ ފަހަތަށް އިތުރުކޮށްފައިވާ މި ތިން ޕެރެގްރާފަކީ ލީނާގެ ވާހަކަ އެންމެ ފުރަތަމަ ޕަބްލިޝްކުރި ގޮތާ ގުޅިގެން އާއިލާ އާއި ގާތް މީހުން ބައެއް ވާހަކަތައް ތަކުރާރުކޮށް ދޮގުކުރަމުން ގެންދާތީ އިތުރުކޮށްފައިވާ އިސްލާހެކެވެ.

25 ކޮމެންޓް, 121 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 26%
icon angry icon angry 12%
icon wow icon wow 6%
icon inlove icon inlove 51%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިތްވަރުގަދަ ލީނާ

11 April 2022

ވަރަށް ހިތާމަކުރަން ލީނާގެ ބައްޕަގެ ފަރާތުން އެކަހަލަ ވިޔާނުދާ ޖިންސީގޯނާ، ލީނާ ލިބުނުކަން. ލީނާގެ ބައްޕަކަހަލަ މީހުންނަކީ ނަފްސާނީ ބަލިތަކުގެ އިތުރުން، ގޮތެއްފޮތެއްނެތި ދުނިޔޭގައި އުޅޭމީހުން. ލީނާ ދަރިންނަށްދޭ ލޯތްބާއި، ގައުމަށްކޮށްދޭ ޚިދުމަތަކީ ނަމޫނާ ޚިދްމަތް.

The name is already taken The name is available. Register?

ލީނާގެ ބަފާ

06 April 2022

ލީނާ ދަންނަ މީހެއްގެ ހައިސިއްޔަތުން ބުނެލަމެވެ. ލީނާ އެކަނިވެރި މައިންގެ ކެޓޮގޮރީ އަަކަށް ނުފެތޭނެ އެވެ. ހަގު 2 ދަރިންގެ ބައްޕަ ބަރާބަރަށް ހަރަދު ކުރެއެވެ. ރީނޯލްޓް ބްރޭނޑް ގެ ކާރަކާ އެއްޗެހި ގަނެދީފައި އޮވެއެވެ. އަދި ދަރިން ބަލަން ވަޒީފާ ދީފައިވާ މެއިޑް އިން ތިބެއެވެ. އެ މީހުނަށް މުސާރަ ވެސް ދެނީ ހަގު ދަރިންގެ ބައްޕަ އައްކު އެވެ.

The name is already taken The name is available. Register?

ޟަޑަނު

16 March 2022

މީނަ ލާ ހެދުންތަށް ހުންނަނީ ގަޔަށް ވައްދާފަ..އެހެންވެ ސިމްޕަތީ ފީލްވެސް ނުވޭ

The name is already taken The name is available. Register?

އަބްޑޫޅް

16 March 2022

އުފެދެމުން ދިޔަ ސުވާލުތަކެއްގެ ޖަވާބު، "އެޑިޓަރުގެ ނޯޓު"ން ސާފުވި. މިފެންވަރުގެ ނޫސްވެރިކަން، މަދުންނަމަވެސް، ފެންނާތީ އުފާކުރަން.

The name is already taken The name is available. Register?

ެއެނޯ

16 March 2022

ލީނާކުޑައިރު ތަހައްމަލު ކުރިކަންތައްތަކަށް ހަމްދަރުދީވަން. އެކަމު މިނޫހުގައި ބަޔާންކޮށްފައިވާ ގޮތަށް 'އެކަނިވެރި މައެކެވެ'މީ އެއްވެސް ގޮތަކަށް ތެދު މައުލޫމާތެއް ނޫނެވެ. މިހާރު ނޫހުން ކުޑަކޮށް ރިސާރޗްކޮށްލިނަމަ އެނގޭނެ ލީނާ ހުޅުމާލޭގެ ހިޔާ ފްލެޓެއްގައި އުޅެމުން ދަނީ ކިހާ ދުވަހަކު ކަމާއި، ލީނާގެ ކުޑަދެ ކުދިންގެ ބައްޕަ ލީނާގެ އެކަޑެމީގެ އިތުރުން އޭނާގެ މުޅި ދިރިއުޅުމަށް ވެސް އެހީތެރިވަމުންދާ މިންވަރާއި، އަސްލު ލީނާގެ ދިރިއުޅުމުގެ ފެންވަރު.

The name is already taken The name is available. Register?

ޢަރުތަ

15 March 2022

މިލިއުމުގަ ލީނާ އެކެޑަމީއެއް އުފައްދާ އެތައްބައިވަރު ކުދިންނަކަށް ތަމްރީން ދޭވާހަކަ އޮތީމަ ސުވާލު އުފެދުނީ، މިދާއިރާއިން ލީނާ ތަމްރީންހޯދީ ހަޔާތުގެ ކޮން ހިސާބަކުން ކޮންތާކުންތޯ ހިމަނާ ނުލީ ކީއްވެގެންބާއޭ!

The name is already taken The name is available. Register?

ބޭބޭ

15 March 2022

ލީނާއަށް ކާބިޔާބު މިންވަރު ކުރައްވާށި! އަދި ކުޑައިރި ލިބިފައިވާ އަނިޔާތަކާއެކު ނަފްސާނީގޮތުން ތަހައްމަލުކުރަމުންތިދާ ކަންކަމުން އަރައިގަނެވޭނެ ރިސީލިއަންސެއް ދެއްވާށި! އާމީން

The name is already taken The name is available. Register?

ގައުމީދޫ001

15 March 2022

މިހާރު ނޫހުން ކުޑަކޮށް ރިސާރޗްކޮށްލިނަމަ ތީގަ ތިހިރަ ގިނަ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއްކަން އެނގޭނެ!

The name is already taken The name is available. Register?

ޝައިނީ

15 March 2022

ލީނާއަށް ލިބުނު އަނިޔާތަކަށް ހަމްދަރުދީވަން. އެކަމަކު ހިތުގައި ސުވާލުތަކެއް އުފެދޭ.. މިހާރު ލީނާގެ އުމުރުން 33 އަހަރު.. 5 އަހަރުގައި ލީނާގެ ބައްޕަގެ ފޯނުން ވިޔާނުދާއެއްޗެހި ދެއްކީ… އެއީ އެހެންވީމަ މީގެ 28 އަހަރު ކުރި… އޭރު ރާއްޖޭގައި ގިނަ މީހުން ގެންގުޅުނީ ބައްތި ފޯނު. އިންޓަރނެޓް މިހާ އާއްމެއް ނޫން… ވަރަށް ސުވާލު އުފެދޭ ވާހަކަތަކެއް އެބަހުރި…. ދިރާސާކުރާ މީހަކު ނިކަން ރަނގަޅަށް ދިރާސާކޮށްލަބަލަ

The name is already taken The name is available. Register?

ދޮންފުތު

15 March 2022

މިލިޔުމުގެ ކޮން ހިސާބެއްގައިތޯ އޮތީ ލީނާއަށް އެފަދަ އެއްޗެއް ދެއްކީ ފޯނަކުންނޭ؟

The name is already taken The name is available. Register?

ސޭޑްވޯރލްޑް

15 March 2022

މަށަށް ބުނެވޭނީ ލީނާ އާއި ދޭތެރޭ ކުޑައިރު ވަރަށް ދެރަކޮށް ކަންތައް ވެފައޭ ތިއޮތީ. ތިކަމުގެ ޒިންމާ ނަގަންޖެހޭ މީހުން ޒިންމާ ނުނަގަން އުޅުނަސް. މިރާއްޖޭގައި ކިތައް ޕޭރަންޓްސް ތޯ އަމިއްލަ ދަރިއާއި މީހަކު ބެހުނީމަވެސް އަދިވެސް އެކަން ފޮރުވަނީ؟ މުޅި ދިރިއުޅުމަށް އެކަމުން ކުރާނެ އަސަރު އެނގިހުރެ ގިނަ ޕޭރަންޓްސް އެކަން ކުރާ މީހާ ދޫކޮށްލަނީ. ގާތްމީހެއް ވީމަ. ދުނިޔޭގެ ލަދަށް. ޙެޔޮ ދަރި އުމުރުދުވަހު ޓްރޮމޮޓައިޒް ވެފަ ހުއްޓަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454