ސެލެބްރިޓީ އިންފްލުއެންސާ، އާނއެކެވެ! މި ރާއްޖޭގައި ސެލެބްރިޓީ އިންފްލުއެންސަރުން އުޅޭ ނަމަ މަރިޔަމް-ޝަފިއްޔާ-ސްޓައިންހިލްބާ އަކީ 'ކްއީން ބީ' އެވެ. އެކަމަކު އެ ވާހަކައެއް ނޫނެވެ. ހުޅުމާލޭ އާއި މާލެއާ ދެމެދު ރިކޯޑް އަގަކަށް 'ޓެކްސީ ރައިޑެއް' ކޮށްލަން ބޭނުން ނަމަ ޝަފިއްޔާ މި އުޅެނީ އެ ފުރުސަތު ހުޅުވާލައިގެންނެވެ. ޓެކްސީ ރައިޑެއްގެ އަގާއި ޒުވާބު ޔުކްރެއިން ހަނގުރާމާގައި އަނދާހާ ހިސާބަށް އަރައިގެން ގޮސްފައިވާއިރު މިއީ ޔަގީނަށް ވެސް ޖީބަށް ލުއި ދަތުރަކަށް ހިތް އެދޭ އެންމެނަށް ވެސް ވަރަށް އުފާވެރި ހަބަރެކެވެ.
އެކަމަކު ފިރިހެން ކުދިން ހަނދާން ނައްތާލާށެވެ! ޝަފިއްޔާގެ ސްކޫޕީގެ ފަހަތު ސީޓު މި ވަގުތަށް ރިޒާވުކޮށްފައި ވަނީ އަންހެން ކުދިންނަށް އެކަންޏެވެ. ދެން މިހެން ބުނީމަ މިކަންތައް މާ ބޮޑު ކަމަކަށް ހަދާނެ ކަމެއް ނެތެވެ.
އިއްޔެ ވެސް އޭނާ ތިން ދަތުރު ނެގި އެވެ. މިދިޔަ ހުކުރު ދުވަހު ފެށި ގޮތަށް ޝަފިއްޔާ އުޅެނީ ހަމަ ނޭވާނުލެވިގެންނޭ ވެސް ބުނެވިދާނެ އެވެ. ޝަންގްރިލާ ހޮޓެލް ޖެން މޯލްޑިވްސްގެ ޑައިރެކްޓަ އޮފް ސޭލްސްގެ ވަޒީފާ އަދާކުރަމުން ދެން އެންމެނަށް ޓެކްސީކޮށެއް ނުދެވިދާނެ އެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުން ހާވާ ހަޑީގައި އަންހެން ކުދިންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ސިޔާސާތަކާއި ހިޔާލެއްގެ ދަށުން ޝަފިއްޔާ ފަށައިގެން މި އުޅޭ "15ރ. އަށް ރައިޑެއް" ކެމްޕޭނުގައި އޭނާ އެ އުޅެނީ ހަމަވީވަރަކުން ދަތުރުކޮށްދިނުމުގަ އެވެ.
"ދަތުރަށް ރިކްއެސްޓް ވަރަށް އެބަ ލިބޭ. އެކަމަކު އޮފީހުގައި އެވަރަށް ބިޒީވީމަ ހުރިހާ ދަތުރެއް ނުނެގޭ،" ދަތުރުކޮށް ދެނީ ހަމައެކަނި ހުޅުމާލެ އާއި މާލެއާ ދެމެދުގައި ކަމަށް ބުނެ ކިޔައިދެމުން ޝަފިއްޔާ ބުންޏެވެ.
އޭނާ 15ރ. ނަގަނީ ކޮޅަކަށެވެ. އެކަމަކު އެއްގޮތަކަށް ވެސް މިއީ 15ރ. ބޭނުންވެގެން ކުރާ ދަތުރުތަކެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް، ޖީބަށް ލުއި ދަތުރު ހޯދުމުގެ އުނދަގޫ ބޮޑުވެފައިވާ މި ދަނޑިވަޅު އެ ފުރުސަތު އަންހެނެއްގެ ހައިސިއްޔަތުން އަނެއް ހީވާގި، މަސައްކަތްތެރި އަންހެނާ އަށް ހޯދައިދިނުމަށް ހުސްކުރާ ޕެޓްރޯލެވެ.
"އެއް މަސް ވަންދެން މި ގޮތަށް ދަތުރުކޮށްދޭނަން،" ޝަފިއްޔާ ބުންޏެވެ.
ގާރރރރލްސް އެވެ! އަވަހަށް ގުޅަންވީ އެވެ! އިޝްތިހާރެއް ނަމަ މީގައި ނަމްބަރު ވެސް ޖެހީހެވެ. އެކަމަކު ސޯޝަލް މީޑިއާގައި އުޅޭ މީހަކަށް މަރިޔަމް ޝަފިއްޔާ ސްޓައިންހިލްބާ ހޯދުން ވާނީ ހަމަ ފެންމެޓަޔަށެވެ.