ސެމްސަންގުން 350 ބިލިއަން ޑޮލަރުގެ އިންވެސްޓްކޮށް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިތުރު 80،000 ވަޒީފާ އުފައްދަން ރާވަމުން އަންނަ ކަމަށް ބުނެފި އެވެ.

ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އެ ކުންފުނީގެ ސަޕްލައި ޗެއިންތަކަށް ގޮންޖެހުންތައް ކުރިމަތިވެފައި ވިޔަސް، ދެކުނު ކޮރެއާގެ އެ ކުންފުނިން ބުނީ އެ ފައިސާ އިންވެސްޓްކުރާނީ، ޗިޕް އުފެއްދުމާއި ބަޔޮފާމަސޫޓިކަލްސް އުފައްދުމުގެ ވިޔަފާރި އިތުރަށް ވަރުގަދަކުރަން ކަމަށެވެ.

އެ ކުންފުނިން ބުނީ އެ އިންވެސްޓްމަންޓަށް 285 މިލިއަން ޑޮލަރު ފަންޑު ކުރާނީ ދެކުނު ކޮރެއާ އިން ކަމަށެވެ. ބާކީ ފަންޑިން ހޯދާނީ ކޮންތާކުން ކަމެއް އަދި ނުބުނެ އެވެ.

އެ އިންވެސްޓްމަންޓްގެ ސަބަބުން 80،000 އާ ވަޒީފާ އުފެދޭނެއިރު، އަހަރަކު 16،000 ވަޒީފާ އުފެދޭނެ ކަމަށް ބުންޏެވެ. އެ ކުންފުނީގެ އަމާޒަކީ 2023 ނިމުމުގެ ކުރިން 40،000 ވަޒީފާ އުފެއްދުމެވެ.

އޭގެން ގިނަ ވަޒީފާތައް ދެކުނު ކޮރެއާ އިން ލިބުނަސް، ދުނިޔޭގެ އެހެން ހިސާބުތަކުގައި ހުރި އެ ކުންފުނީގެ ރިސާޗު އެންޑް ޑިވެލޮޕްމަންޓް ސެންޓަރުން ވެސް ވަޒީފާތައް ލިބޭނެ އެވެ. އޭގެ ތެރޭގައި، އިނގިރޭސިވިލާތާއި އެމެރިކާ އާއި ކެނެޑާ އަދި ފިލިޕިންސް ވެސް ހިމެނެ އެވެ.

ސެމްސަންގް އެންމެ މަޝްހޫރީ އިލެކްޓްރޯނިކްސް އުފެއްދުމަކަށް ކަމަށްވާއިރު، އެ ކުންފުނީގެ ސްމާޓްފޯނާއި ޓީވީ އަކީ އެންމެ މާކެޓް ބޮޑު އުފެއްދުންތަކެވެ.