ބަނޑުގައި ވައި ހެދި ބަނޑަށް ބާރުވުން ނުވަތަ ބްލޯޓުު ވުމަކީ ގިނަ ބަޔަކަށް ދޭތެރެ ދޭތެރެއިން ދިމާވާ ކަމެކެވެ. މިއީ އާންމު ކަމަކަށް ވިޔަސް މިކަމުގެ ސަބަބުން ބަނޑަށް އުނދަގޫވެ މަސައްކަތަށް ބުރޫ އަރާ ގޮތް ވެ އެވެ. އެހެންވީމާ މިކަމަށް ފަސޭހަ ހައްލުތަކެއް ބޭނުންވެ އެވެ.

އެކި ސަބަބު ތަކާ ހުރެ ބްލޯޓު ވެދާނެ އެވެ.

ބްލޯޓުވުން ކުޑަކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ ކަމަށް އިންޑިއާގެ ނިއުޓްރޯލޮޖިސްޓު ބަކްތީ ކަޕޫރު ބުނެފައިވެ އެވެ.

"ދޭތެރެއަކުން ބްލޯޓު ވުމަކީ އާންމު ކަމެއް. އެކަމަކު އަބަދު އެކަންތައްތައް ކުރިމަތިވާ ނަމަ އެއީ މައްސަލައެއް،" އޭނާ ބުނެފައިވެ އެވެ.

އެހެންވީމާ ބްލޯޓުވުމަށް އަވަސް ހައްލެއް ހޯދުމަށް ކުރެވިދާނެ ހަ ކަމެއްް ބަކްތީ ކިޔައިދީފައިވެ އެވެ.

1. ޕޮޓޭސިއަމް ގިނަ އަދަދަކަށް ހިމެނޭ އެއްޗެހި ކާނާގެ ތެރޭގައި އާންމުކޮށް ބޭނުންކުރުން. މިސާލަކަށް، ދޮންކެޔޮ

2. ގިނަ އަދަދަކަށް ހަކުރު ހިމެނޭ އެއްޗެއްސާއި ގްލުޓެން ހިމެނޭ އެއްޗެހި ބޭނުންކުރުން ވަކި މުއްދަތަކަށް މެދުކަނޑާލުން

3. ކާއިރު ވީހާ ވެސް މަޑުމަޑުން ކެއުމަށް އާދަކުރުން

4. ކޮންމެ ފަހަރަކު ކައި ނިމިގެން ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓު އިށީނދެލައިގެން ހަމަޖެހިލައިގެން އިނުން

5. ޕްރޯބަޔޯޓިކް އެއް ގެންގުޅުން. ޕްރޯބަޔޯޓިކް އަކީ ހަށިގަނޑަށް ފައިދާހުރި ބެކްޓީރިއާ ފޯރުކޮށްދިނުމަށް ބޭނުންކުރާ ބޭހެއް.

6. އިށީނުމަށްފަހު އެތެރެއަށް ފުންކޮށް ނޭވާލައި ބޭރުކޮށްލުން. ގާތްގަނޑަކަށް ހަތަރު ވަރަކަށް ފަހަރު މިގޮތަށް ކަންތައް ކުރޭ.

ބަކްތީ ބުނެފައިވަނީ މި ހުރިހާ ކަމަކީ ވެސް ކުއްލި ހައްލު ކަމަށެވެ. އެކަމަކު މައްސަލަ އިތުރަށް ގޯސްވާ ނަމަ ޑޮކްޓަރަކަށް ދައްކަން އިރުޝާދު ދީފައިވެ އެވެ.