މިސް އިންޑިއާގެ ތާޖު އުފުލާލި 21 އަހަރުގެ ސިނީ.
05 ޖުލައި 2022 - 07:01
އިންޑިއާގެ މިއަހަރުގެ ރީތީގެ ރާނީގެ ތާޖު، ކަރްނަޓާކާގެ ޒުވާން ސިނީ ޝެޓީ ހޯދައިފި އެވެ.
އިއްޔެ އޮތް ގްރޭންޑް ފިނާލޭގައި ސިނީ މުބާރާތް ކާމިޔާބުކުރިއިރު އޭނާއާ އެންމެ ގާތުން ދެން ވާދަކުރީ ރާޖިސްތާނަށް ނިސްބަތްވާ ރުބަލް ޝެކާވަތެވެ. އަދި ތިން ވަނަ ހޯދާފައި ވަނީ އުއްތަރު ޕްރެދޭޝްގެ ޝިނާތާ ޗޯހަން އެވެ.
މަނުޝީގެ ބޮލުގައި މިސް އިންޑިއާގެ ތާޖު އަޅުވައިދީފައި ވަނީ މިދިޔަ އަހަރު އެ މުބާރާތް ކާމިޔާބުކުރި މަނަސާ ވަރަނަސީ އެވެ.
އުމުރުން 21 އަހަރުގެ ސިނީ، މި އަހަރުގެ މިސް އިންޑިއާގެ ތާޖު އުފުލާލިއިރު، އެ ހަރަކާތުގެ ޖޫރީންގެ ޕެނަލްގައި ހިމެނެނީ ބޮލީވުޑްގެ ބަތަލާ ނެހާ ދޫޕިއާ އާއި މަލައިކާ އަރޯރާ އަދި ޑިޒައިނާ، ރޯހިތު ގާންދީ އާއި އެކްޓަރު ރަކުލް ކަންނާ އަދި ކޮރެއޯގްރާފަރު ޝިއާމަކް ދަވާރާއި ކުރީގެ ކްރިކެޓް ތަރި މިތާލީ ރާޖެވެ.
މިސް އިންޑިއާ އަކީ އިންޑިއާގެ އެކި ސަރަހައްދުތަކުގައި އޮޑިޝަންތައް ބާއްވައި، އެކި އިންޓަވިއުތަކުން ޝޯޓްލިސްޓް ކުރާ ތަރިންގެ ލިސްޓަކުން ހޮވޭ ތަރިއެކެވެ. މި ފަހަރު ސިނީ މުބާރާތް ކާމިޔާބުކުރީ އިންޑިއާގެ 31 ސްޓޭޓަކުން އެ މުބާރާތަށް ހޮވުނު ބައިވެރިންގެ ތެރެއިންނެވެ.
މިސް އިންޑިއާ ކާމިޔާބުކުރުމުން މިސް ވޯލްޑްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މިފަހަރު މިސް ވޯލްޑްގައި އިންޑިއާ ތަމްސީލުކުރާނީ ސިނީ އެވެ.
މީގެ ކުރިން އިންޑިއާގެ ބައެއް ތަރިން ވަނީ މިސް ވޯލްޑާއި މިސް ޔުނިވާސްގެ ތާޖު ވެސް އުފުލާލައިފަ އެވެ.
މުމްބާއީ އަށް އުފަން ސިނީ އަކީ އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާއިން ޑިގްރީ އަށް ކިޔަވާފައިވާ ޒުވާނެކެވެ. އޭނާ މިހާރު އަންނަނީ ޗާޓާޑް ފައިނޭންޝަލް އެނަލިސްޓް ކޯހެއް ފުރިހަމަ ކުރަމުންނެވެ. އޭނާ އަކީ އިންޑިއާގެ ސަގާފީ ނެށުމުގައި ހިމެނޭ ކްލޭސިކް ޑާންސަށް ވެސް ޓްރެއިންވެފައިވާ ތަރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޖކދނކޖ
12 July 2022
އަހަރެމެން ވެސް އަސްލު ގެއްލޭ ވަރަށް މޫނުގަ ކުލަ ހޭކީމަ ތިހެން ހުންނާނީ
ށަވިޔަނި
05 July 2022
ހިންދީ ސިނަމާއިން ޖާގަލިބުނީ.