ޓްވިޓާގައި މީހުން ވެރިފައިކޮށްދޭ ގޮތް އެއްކޮށް ބަދަލުކުރައްވާނެ ކަމަށް ޓްވިޓާގެ އާ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

"ވެރިފައިކޮށްދޭ ގޮތް އެއްކޮށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް،" ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ގެންނަ ބަދަލުތަކާ ބެހޭ ގޮތުން މަސްކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނައިރު، ކަމުގެ މައުލޫމާތު އެނގޭ ދެ މީހަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެރިފައިކޮށް "ބްލޫ ބެޖް" ލިިބިފައިވާ މީހުންގެ އަތުން ފީއެއް ނެގުމަށް ވެސް އަންނަނީ މަޝްވަރާކުރަމުންނެވެ.

މި ހުށަހެޅުން ފާސްވެއްޖެ ނަމަ، ވެރިފައިކުރަން ބޭނުން ނަމަ، ޖެހޭނީ މަހަކު 4.99 ޑޮލަރު ދައްކަންޖެހޭ "ޓްވިޓާ ބްލޫ" އަށް ސަބްސްކްރައިބް ކުރަން ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން މަސްކް އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށްވެ އެވެ. މި ހުށަހެޅުން ކުރިއަށް ނުގެންގޮސްފާނެ ކަމަށާއި އެކަމަކު ވެރިފައިކުރުމުގެ ބައެއްގެ ގޮތުގައި "ޓްވިޓަ ބްލޫ" އަށް ސަބްސްކްރައިބްކުރުން ހިމެނުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް ވަނީ ބުނެފަ އެވެ.

ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ "ވާޖް" ނޫހުން ބުނި ގޮތުގައި ޓްވިޓާ ވެރިފައިކުރުމަށް ޓްވިޓަ ބްލޫއަށް ސަބްސްކްރައިބްކުރަން ޖެހޭ ގޮތް ހެދުމުގެ އިތުރުން އޭގެ ސަބްސްކްރިޕްޝަން 4.99 ޑޮލަރުން 19.99 ޑޮލަރަށް ބޮޑުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ޓްވިޓާ ބްލޫ އަކީ މިދިޔަ އަހަރު ލޯންޗްކުރި، ޕްރިމިއަމް ފީޗާއެކެވެ.