އީލޯން މަސްކްގެ ސޯޝަލް މީޑިއާ އެޕް "އެކްސް" އިން، އެ އެޕްގެ ޕެއިޑް ޕްރީމިއަމް އަދި ޕްރީމިއަމް+ ޓިއާތަކުގެ އެމެރިކާގެ ސަބްސްކްރައިބަރުންނަށް "އެކްސް މަނީ" ބޭންކިން ހިދުމަތް ހޯމަ ދުވަހު ދޭން ފަށައިފި އެވެ.
މިއީ މި އެޕްލިކޭޝަން "އެވްރީތިންގް އެޕް" އަކަށް ނުވަތަ ހުރިހާ ކަމެއް ކުރެވޭ އެޕަކަށް ބަދަލުކުރުމަށް ބިލިއަނަރު މަސްކް ގެންގުޅުއްވާ ތަސައްވުރުގެ ބައެކެވެ.
އެކްސް އިން ޖޫން މަހުގެ ފަހުކޮޅުން ފެށިގެން، އެންމެ މަތީ ޓިއާގެ މަދު ސަބްސްކްރައިބަރުންކޮޅަކަށް ޓެސްޓުކުރުމުގެ ގޮތުން ދޫކޮށްލާފައިވާ މި ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ އެންމެންނަށް ދޭން ފަށައިފަ އެވެ.
"އެކްސް މަނީ" މެދުވެރިކޮށް، އެކްސް އެޕުން ނުނިކުމެ، ފައިސާ ޖަމާކުރުމާއި އެކަކު އަނެކަކަށް ފައިސާ ފޮނުވުމާއި، ބިލްތަކަށް ފައިސާ ދެއްކުމާއި، ވަޔަ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުމުގެ އިތުރުން ޗެކް މެއިލް ކުރެވޭނެ އެވެ.
ފައިސާގެ ރައްކާތެރިކަން ކަށަވަރުކޮށްދެނީ އެތައް އެޕްތަކަކުން ބޭނުންކުރާ ނިއު ޖާޒީގެ ބޭންކެއް ކަމަށްވާ "ކްރޮސް ރިވަ ބޭންކު" ގެ ފައިނޭންޝަލް-ޓެކްނޮލޮޖީގެ އެހީގަ އެވެ. އަދި މި ފައިސާއަކީ ފެޑެރަލް ޑިޕޮޒިޓް އިންޝުއަރެންސް ކޯޕަރޭޝަން (އެފްޑީއައިސީ) މެދުވެރިކޮށް 250,000 ޑޮލަރާ ހަމައަށް އިންޝުއަރެންސްކޮށްފައިވާ ފައިސާއެކެވެ.
އެކްސް އެޕް، ޗައިނާގެ "ވީޗެޓް" އާ އެއްގޮތްކުރަން ބޭނުންވާކަމަށް މަސްކް ވިދާޅުވަމުން ގެންދަވާތާ އެތައް އަހަރެއް ވެއްޖެ އެވެ.
ވީޗެޓަކީ މެސެޖުކުރުމާއި، ވިޔަފާރިކުރުމާއި، އަދި ފައިސާގެ މުއާމަލާތްތައް އެއް އެޕްލިކޭޝަނަކުން ކުރެވޭ، ޗައިނާގެ ކޮންސިއުމަރުންގެ ފައިސާގެ މުއާމަލާތްތަކުގެ މައި ވަސީލަތެވެ.
"އެކްސް މަނީ" އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޖަމާކުރާ ފައިސާއަށް އަހަރަކު 6 ޕަސެންޓާ ހަމައަށް އެނުއަލް ޕަސެންޓޭޖް ޔީލްޑް (ފައިދާ) ލިބޭނެ ކަމަށެވެ.
މިއީ އެމެރިކާގެ އެންމެ ވާދަވެރި ހައި-ޔީލްޑް ސޭވިންގްސް އެކައުންޓްތަކުން ލިބޭ 4 - 5 ޕަސެންޓާ ދެމެދުގެ މިންވަރަށްވުރެ މާ މަތީ އަދަދެކެވެ. އަދި ބޮޑެތި އާންމު ބޭންކުތަކުން ދޭ، ސުމަކާ ހިސާބުގައި އުޅޭ ރޭޓްތަކަށްވުރެ އެތައް ގުނައެއް މަތީ އަދަދެކެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ޕްރީމިއަމް+ ސަބްސްކްރައިބަރުންނަށް ސީދާ އެންމެ މަތީ ރޭޓު ލިބޭނެ އެވެ. ނަމަވެސް، ޕްރީމިއަމް ބޭނުންކުރާ ފަރާތްތަކުން އެ ރޭޓު ހޯދުމަށް ޑައިރެކްޓް-ޑިޕޮޒިޓްގެ ޝަރުތުތައް ފުރިހަމަކުރަންޖެހޭނެ އެވެ.
ކްރޮސް ރިވަ އިން މި ހިދުމަތް ތައާރަފުކުރުން ސިފަކޮށްފައިވަނީ ސޯޝަލް ނެޓްވޯކެއްގެ މައްޗަށް ބިނާކޮށް އެމެރިކާގައި އުފެއްދި، ސަރުކާރުގެ އިންޝުއަރެންސް ލިބިފައިވާ ފުރަތަމަ ބޭންކިން ޕްލެޓްފޯމުގެ ގޮތުގަ އެވެ.
މި ހިދުމަތާ އެކު އެކްސް މެދުވެރިކޮށް، އެ އެޕްގެ މިލިއަނުން ގުނޭ އާބާދީގެ ބޭނުންހިފައި، ޕޭޕަލްގެ "ވެންމޯ"، ބްލޮކްގެ "ކޭޝް އެޕް" އަދި "ސޯފައި" ފަދަ މިހާރު ވެސް ގާއިމުވެފައިވާ ޕޭމަންޓް އެޕްތަކާ ވާދަކުރުމުގެ ފުރުސަތު އެކްސްއަށް ލިބޭނެ އެވެ.
މި ހިދުމަތް ތައާރަފުކުރުމުގެ ކުރިން، ވޮޝިންޓަންގެ ސިޔާސީ މަސްރަހުގައި މިކަމަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.
އޭޕްރިލް 14 ގައި ފޮނުއްވި ސިޓީއެއްގައި، ސެނެޓުގެ ބޭންކިން ކޮމިޓީގެ އެންމެ އިސް ޑިމޮކްރެޓް، ސެނެޓަރު އެލިޒަބެތު ވޮރެން ވަނީ، އެފަދަ ބޮޑު ފައިދާއެއް ދިނުމަށް "އެކްސް މަނީ" އިން ފައިސާ ހޯދާނީ ކިހިނެއްތޯ މަސްކްއާ ސުވާލުކުރައްވައިފަ އެވެ.
އަދި ލޯނު ދޫކުރުމުގެ އުސޫލުތަކާ ގުޅިގެން މީގެ ކުރިން އެފްޑީއައިސީ އިން ކްރޮސް ރިވައާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް އޭނާ ވަނީ ވާހަކަ ދައްކަވައިފަ އެވެ. -- އޭއެފްޕީ