ޓްވިޓާގެ އާ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ގެ މަގާމާ ހަވާލުވުމަށް ފަހު ބިލިއަނަރު އީލޮން މަސްކު ވަނީ ހަރަދުކުޑަކުރުމުގެ ނަމުގައި ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި މިހާރު އެކްޓިވްކޮށް ތިބީ 2،300 މުވައްޒަފުންކަމަށް އީލޮން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
އޭނާ އެ ޓްވީޓު ކޮށްފައިވަނީ 1،300 އަށް ޓްވިޓާގެ އެކްޓިވް މުވައްޒަފުންގެ އަދަދު މަދުކޮށްފައިވާ ކަމަށް ސީއެންބީސީ އިން ކުރި ރިޕޯޓެއް ދޮގުކުރަމުންނެވެ.
ރޮއިޓާސްގެ ހަބަރެއްގައި ބުނެފައިވަނީ ޓްވިޓާގެ ފުލްޓައިމް އިންޖިނޭރުން ވެސް މިހާރު 550 އަށް ވުރެ މަދު ކަމަށެވެ.
މަސްކް ފުރަތަމަ މަގާމާ ހަވާލުވި އިރު، މަގްބޫލް ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ހުރީ ގާތްގަނޑަކަށް 7،500 ގަ އެވެ. މަސްކް ވަނީ ކުންފުނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ.
"ޓެސްލާ" އަދި "ސްޕޭސް އެކްސް"ގެ ވެސް ފަހަތުގައިވާ އީލޮން، 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު ވަނީ ވަރަށް ގިނަ ބަދަލުތައް ގެނެސްފަ އެވެ. ފުރަތަމަ ކަމަކަށް، ކުންފުނީގެ ބޯޑުގެ އިސް ބަޔަކު މަގާމުން ވަކިކުރުމަށް ފަހު، މުވައްޒަފުންތަކެއް ވެސް ވަކިކުރި އެވެ. އެއަށް ފަހު ޓްވިޓާ ވެރިފައި ކުރަން ފައިސާ ނަގާ ގޮތް ހަދައި، އެ ޕްލެޓްފޯމުގެ ގިނަ ސިޔާސަތުތައް ވެސް ވަނީ ބަދަލުކޮށްފަ އެވެ.