ލައިފްސްޓައިލް

ސޯދުބެއަށް 90 އަހަރު: ވަރަށް ލޯބިވެޔޭ ބުނީ މި ފޮޓޯއިން

ރައުފަތު، އޭނާގެ ބައްޕަގެ ބޯ ކޮށަނީ --- ފޮޓޯ:ރައުފަތު

ބަހުގެ އުސްތާޒް އަބްދުﷲ ސޯދިގު (ސޯދުބެ) އެ އިންނެވީ ހަގު ދަރިކަލުން ރައުފަތުގެ އަތުން ބޯކޮށަން ހ. އާމުލީގެ ގޯތިތެރޭގައި އިށީނދެވަޑައިގެންނެވެ. ސޯދުބެއަށް އިއްޔެ 90 އަހަރު ފުރުމާ ދިމާކޮށް ރައުފަތު މި ފޮޓޯ ހިއްސާކުރެއްވީ އެ ފޮޓޯ ވަރަށް ހާއްސަވީމަ އެވެ.

ބޯކޮށައިދޭ ތަންތަން ގެ ކައިރީގައި ހުއްޓަސް ގޭގައި އެކަން ކުރަން ފެށީ ކޮވިޑް19 ގެ ދުވަސްވަރު ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ. އެކަމަކު އޭގެ ފަހުން އެކަން އާދައަކަށްވީ އެވެ.

"ފޮޓޯއަކުން 'ވަރަށް ލޯބިވޭ' ބުނެވޭނީ މިވަރަށް ތާއެވެ." ރައުފަތު ފޮޓޯގެ ކެޕްޝަނުގައި ލިޔުއްވި އެވެ.

ސޯދުބެއަށް 90 އަހަރު ފުރުމާ ގުޅިގެން ރައުފަތު އެކްސްގައި ކުރެއްވި ޕޯސްޓް

ކޮމާކޯޅިއެއްގައި "ވަރަށް ލޯބިވޭ" ބުނެފައި އެ އޮތީ ވެސް އެ ބަސް ސޯދުބެއަށް މިހާރު ވަރަށް ހާއްސަވީމަ އެވެ. އެއީ މިހާރު ސޯދުބޭގެ ޓެގް ލައިނަކަށް ވެއްޖެ އެވެ.

އަބަދުވެސް ހިނިތުންވުމާއި ލޯތްބާ އެކު، ސަމާސާ މިޒާޖެއް ގެންގުޅުއްވާ ސޯދުބެ މި ފަހުން ރަހުމަތްތެރިންނާއި ކުރީގެ ދަރިވަރުންނާ ބައްދަލުކުރައްވާއިރު ވެސް "ވަރަށް ލޯބިވޭ" އެވެ.

"ހަނދާންވާ ގޮތުން 2018 ނޫނީ 2019 ހިސާބުން ފެށިގެން ކޮންމެ ބައެއްގެ ގާތުގައި ވެސް، ލޯބިވާ ވާހަކަ ޖެހިލުންނުވެ ވިދާޅުވާން ބައްޕަ ބުނުއްވާނެ ... އާންމުކޮށް އަޅުގަނޑުމެން ވަރަށް ޖެހިލުންވާނެ މީހެއް ގާތުގައި ލޯބިވާ ވާހަކަ އެގޮތަށް ބުނަން. އެކަމަކު މިހާރު ބައްޕަ ގާތަށް މިހާރު ޒިޔާރާތް ކުރައްވާ ރަހުމަތްތެރިންނާއި، ކުރީގެ ދަރިވަރުން ވެސް ބުނުއްވާނެ ހަމަ އެހެން. ކުރިއަށްއޮތް ތާންގައި ބައްޕަގެ ބްރޭންޑެއް ނޫނީ ތަރިކައަކަށް ވެގެން މި ދަނީ،" ރައުފަތު ވިދާޅުވި އެވެ.

ސޯދުބެ އަނބިކަނބަލުން މުނީރާއާ އެކު --- ފޮޓޯ:ރައުފަތު ސޯދިގް

ސޯދުބެ ވަނީ ދިވެހި ބަހާއި އަދަބިއްޔާތަށް ބައި ގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފަ އެވެ. މިކަމުގެ އަގު ވަޒަންކޮށް 2019 ވަނަ އަހަރު ސޯދުބެއަށް ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ (ނ.ޢ.ޢ.ވ) ލަގަބު އަރުވާފަ އެވެ. ސޯދުބެއަކީ ދިވެހި އެތައް ހާސް ދަރިވަރުންތަކެއްގެ އުސްތާޒެވެ. އަދި ދިވެހި އަދަބިއްޔާތުގައި އަގުނުކެރެވޭނެ ފަދަ މޮޅު އުފެއްދުންތަކެއް ދޫކުރެއްވި ކުޅަދާނަ އަދީބެކެވެ. މިހާތަނަށް އައިއިރު 50 އަށްވުރެ ގިނަ ފޮތް ވަނީ ލިޔުއްވައިފަ އެވެ. ދުވަހަކު އަހައި ފޫހިނުވާނެ ހިތްގައިމު އެތައް ލަވަޔަކާއި، ފުން އަސަރުތަކެއް ކުރުވާ ޅެންތަކެއް ވަނީ ލިޔުއްވައިފަ އެވެ.

Fahun libunee izzaiy, maa kurin loabi libijje!

Fahun libunee izzaiy, maa kurin loabi libijje!

The most trusted news source in the Maldives

Mihaaru

ސޯދުބެގެ ހިދުމަތްތަކާއި ގުޅޭގޮތުން "މިހާރު" ގައި ޝާއިއު ކުރެވުނު ރިޕޯޓެއް--

ކޮވިޑް19ގެ ފަހުން ސޯދުބެ ސިއްހީ ހާލަތު އައީ ދެރަވަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެެން ހޮސްޕިޓަލުގައި ވެސް ފަރުވާ ދިނެވެ. ރައުފަތު ވިދާޅުވި ގޮތުގައި އެ އުމުރުގައި ވެސް އެ ހިނިތުންވުމާއި، ކުލުނާއި ލޯބި އާއިލާއަށާއި ރަހުމަތްތެރިންނަށް އަދި ކުރީގެ ދަރިވަރުންނަށް ސޯދުބެ ދެއްވަ އެވެ.

"އުމުރާ އެކު ވެސް ބަލިކޮށް އުޅުއްވަނީ. އެކަމަކު އަދިވެސް އެ މިޒާޖަކަށް އެއްވެސް ބަދަލެއް ނާންނާތީ ވަރަށް އުފާވޭ. އެއީ އާންމުކޮށް ބައްޕަގެ އެންމެ ގާތް ދަރިވަރުންނާއި، ކުރިން އެކުގައި މަސައްކަތްކުރެއްވި ބައެއް އެކިއެކި ބޭފުޅުން އެހެން ޒިޔާރަތްކުރައްވާއިރު ވެސް އެ ގުޅުމާއި ކުލުނު ފެނި އަސްލު ވަރަށް އުފާވޭ. އުމުރުގެ ސަބަބުން ބައެއް ބަދަލުތަކެއް ހުއްޓަސް، ބައްޕައާ އެކު އަދިވެސް މި ވަގުތުތައް ހިއްސާކުރަން ލިބުމަކީ ވަރަށްބޮޑު ނަސީބެއް،" ރައުފަތު ވިދާޅުވި އެވެ.

މިދިޔަ އޮކްޓޯބަރު މަހު ސޯދުބެގެ ފިޒިއޮތެރަޕިސްޓް ވިގްނެޝް (ކ) އާ އެކު ކޭކެއް ފަޅަނީ -- ފޮޓޯ: ރައުފަތު ސޯދިގް

ރައުފަތު ވިދާޅުވީ ސޯދުބެގެ މަސައްކަތްތައް އާކައިވްކޮށް ރައްކާކުރުމަށްޓަކައި މިހާރު ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެތެރެއިން، ޅެންވެރިންގެ ދުވަހަށް "ޅެން ބަހުރުވަ 3" ނެރުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. މިއީ ފާއިތުވި 15 އަހަރު ސޯދުބެ ލިޔެ ޝާއިއުނުކޮށް ހުރި ޅެންތަކާއި ލަަވަތައް އެއްކުރެވި ޝާއިއުކުރާ ފޮތެކެވެ. މި މަސައްކަތުގައި އެކެޑަމީގެ މުވައްޒަފުންނާއި، ސެކްރެޓަރީންގެ އެހީތެރިކަން ރައުފަތު ޝުކުރާ އެކު ފާހަގަކުރި އެވެ.

ހަަމައެޔާ އެކު، ސޯދުބެ ލިޔުއްވާފައިވާ މަޒުމޫނުތައް ވެސް އެއްކޮށް، ފޮތެއްގެ ސިފައިގައި މި އަހަރު ނެރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މިއީ ދިވެހި ބަހާއި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރައްވާ ހަސަން ޝާކިރު މުހައްމަދު އިސްވެ ކުރައްވާ މަސައްކަތެކެވެ.

ރައުފަތު ވިދާޅުވާ ގޮތުން ސޯދުބެ ވަރަށް ގިނައިން ވިދާޅުވާ އެއް ވާހަކައެއް އޮވެ އެވެ. އެއީ ދިވެހި ބަހުގެ ހަރުބަހާއި މުސްކުޅި ބަހާއި މަޖާޒާއި މިސާލު ބަސްތައް މިޒަމާނުގައި ކިޔައިއުޅޭ ބުނުންތަކާ އެއްކޮށް ފޮތަކަށް ހެދުމުގެ ވާހަކަ އެވެ.

ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ސޯދިގު (ސޯދުބެ) -- ފޮޓޯ: ރައުފަތު ސޯދިގް

"އެންމެ ގިނައިން ކުރައްވާ އެއް މަޝްވަރާއަކީ ހަރުބަހާއި މުސްކުޅިބަހުގެ އާ އިސްލާހެއް ނެރުމުގެ ވާހަކަ. އެއީ (މިހާރު މި ބޭނުންކުރާ ހަރުބަހާ މުސްކުޅި ބަހަކީ) އެދުވަސްވަރު އާންމުކޮށް ބޭނުންކޮށް އުޅުނު އެކަހަލަ ބުނުންތާ. އެކަމަކު މިހާރު ވެސް ހަމަ އާންމުންގެ މެދުގައި ކިޔައި އުޅޭ އެކި ބަސްތަކާއި ބުނުންތަކާއި ނޯޓުކޮށްފައި ރަދީފުގައި ހުރި ބައެއް އެއްޗެހި ވެސް އެއްކޮށްލައިގެން އާ އެއްޗެއް އުފައްދަވަން ވަރަށް ހިތްވަރުދެއްވާ." ރައުފަތު ވިދާޅުވި އެވެ.

4 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 2%
icon angry icon angry 8%
icon wow icon wow 2%
icon inlove icon inlove 77%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިމިނާ

12 January 2025

ސޯދުބެއަށް ފުރިހަމަ ސިއްޙަތަކަށް އެދެން. شفاكﷲ. ކިޔަމަންތެރި ބަސްއަހާކުއްޖެއް.

The name is already taken The name is available. Register?

ޢަފީފް

12 January 2025

މާތްﷲ ސޯދުބެފުރިހަމަ ޞިއްޙަތެއްގައި ލަހަށްޓަވާށި! އާމީން

The name is already taken The name is available. Register?

ކޮރަލް

12 January 2025

ދިވެހި ތާރީހުން ގެއްލިގެން ނުދާނެ ނަމެކެވެ. އެއީ ސޯދުބެ އެވެ.

The name is already taken The name is available. Register?

ދަރިވަރުން

12 January 2025

ސޯދުބެއަށް އުފާވެރިކަން އިތުރުކުރައްވާށި. އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454