އޮސްޓްރޭލިއާ މާލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އޭއެމްއެފްއޭ) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "މާލްދީވްސް ޖޫނިއާ ލައިފްގާޑް ޕްރޮގްރާމް" އަންނަ ހޮނިހިރު ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

"ވޯޓާ ޕެޓްރޯލް އޮސްޓްރޭލިއާ" އާ ގުޅިގެން ކުރިއަށް ގެންދާ މި ލައިފްގާޑިން ޕްރޮގްރާމް ފުރަތަމަ ބާއްވާނީ ކ. ތުލުސްދޫގަ އެވެ. ހޮނިހިރު ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ ރަށުގައި އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ އެވެ.

އޭގެ ފަހުން އަންނަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ޕްރޮގްރާމް ކުރިއަށް ގެންދާނީ ފުވައްމުލަކުގަ އެވެ. 

ކޮންމެ ރަށަކުން ވެސް ފުރަތަމަ ޕްރޮގްރާމްގައި 24 ބައިވެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ.

އޭއެމްއެފްއޭ ބުނިގޮތުގައި މި ޕްރޮގްރާމްގެ ކަރިކިއުލަމް އެކުލަވާފައި ވަނީ މައިގަނޑު ފަސް ބައެއްގެ މައްޗަށެވެ. އެއީ މޫދުގެ ހާލަތު ދެނެގަތުމާއި އޮއިވަރާއި ރާޅުތަކުގެ ނުރައްކާތައް ދެނެގަތުމުގެ އިތުރުން، ރެސްކިއު ބޯޑު ބޭނުންކޮށްގެން މީހުން ސަލާމަތްކުރުމުގެ އަމަލީ ތަމްރީނުތަކެވެ. އަދި ފަސްޓް އެއިޑާއި ސީޕީއާރު، ލީޑާޝިޕް ހުނަރުތަކުގެ އިތުރުން ކަނޑުގެ މާހައުލު ރައްކާތެރިކުރުމާ ބެހޭ މަޢުލޫމާތު ވެސް އުނގަންނައިދޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. 

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އޮސްޓްރޭލިއާ މާލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނާ އެކު ސްޓްރެޓެޖިކް ޕާޓްނަރުންތަކެއް ބައިވެރި އެވެ.

ޕްލެޓިނަމް ޕާޓްނަރަކީ ސީ ސްޕޯޓްސް އެވެ. ގޯލްޑް ޕާޓާނަރަކީ ކައިމޫ، ސިލްވާ ޕާޓްނަރުންނަކީ ބީއެމްއެލް އާއި ދިރާގެވެ. ހައިޑްރޭޝަން ޕާޓްނަރަކީ ބޮނަކުއާ އެވެ. އަދި އައިލެންޑް ބަޒާރު ވަނީ މާޗަންޑައިޒް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.  ޑޮމެސްޓިކް އެއާލައިން ޕާޓަނަރަކީ މޯލްޑިވިއަން އެވެ. މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ. 

ކޮންޒަވޭޝަން ޕާޓްނަރަކީ ރީފްސްކޭޕާސް އެވެ. ސަޕޯޓިން ޕާޓްނަރުންނަކީ މާސެލިއާ މޯލްޑިވްސް އާއި ސިމްޑީ ގްރޫޕެވެ. 

އޭއެމްއެފްއޭގެ އޮފިޝަލް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން މި ޕްރޮގްރާމް މުޅި ރާއްޖެ އަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.