"ދޯ" ގެ ހަ ވަނަ އަދަދު މޫދަށް

"ދޯ" ގެ ހަ ވަނަ އަދަދާ އެކު މި އެރެނީ މޫދަށެވެ. "ދަތުރު" ތީމްގައި ނެރުނު އަދަދަށް ފަހު މިފަހަރުގެ ތީމަކީ "މޫދު" އެވެ.


ވިލިމާލޭ ވޯޓާ ސްޕޯޓްސް ސަރަހައްދުގައި މޫދު ކުޅިވަރުތަކާ އެކު އިއްޔެ ބޭއްވި އިވެންޓެއްގައި "ދޯ" ނެރެދިނީ މިފަހަރުގެ އަދަދުގެ ބޭރުގަނޑުގައި ފީޗާކޮށްފައިވާ ޒާރާ އާއި އަޖޭގެ ދެމަފިރިން އަދި ރާއްޖެ ވަށައި ކަޓަމަރާނެއްގައި ބުރު ޖެހި ގައްބެ އާއި ރާޅާއެޅުމުގައި ދެވަނައެއް ނެތް ކުޑަ އައްޔަ އާއި މޯލްވިއަން އައިޑަލްގެ ދެ ވަނަ ސީޒަނުން މަޝްހޫރުކަން ހޯދި ޒަކިއްޓެ އެވެ.

ރާޅާއެޅުމާއި ފީނުމާއި ފެތުމާއި މަސްވެރިކަން ފަދަ މޫދާ ގުޅުން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޒުވާން މޫނުތަކުގެ ޝައުގުވެރި ވާހަކަތައް މިފަހަރުގެ އަދަދުން ކިޔައިލާށެވެ. ބައެއް މީހުންނަށް މޫދުން ނޭރިގެން އުޅެނީ ކީއްވެގެން މި އެނގެނީ އެ މީހުން މި ކިޔައިދޭ ވާހަކަތަކުންނެވެ. އެކަމަކު ކަނޑުމަތި އެޅުމުގެ ވާހަކައެއް ވެސް ހިމަނާފައި ވާނެ އެވެ. އެއީ ކިހިނެއްވާ ކަމެއްހެއްޔެވެ؟

މިފަހަރުގެ އަދަދު ވެސް ބުކްޝޮޕްތަކުންނާއި ބައެއް ކެފޭތަކާއި ސެލޫންތަކުން ވެސް ހިލޭ ލިބެން ހުންނާނެ އެވެ.