ތިން ޑޮކްޓަރަކު މަރު ސާބިތުކޮށްދިން ފަހުން ނޭވާލާން ފަށައިފި

ސްޕެއިންގެ ޖަލެއްގައި ހުރި ގައިދީއަކު މަރުވެފައިވާކަން ތިން ޑޮކްޓަރަކު ކަށަވަރުކޮށްދީފައި ވަނިކޮށް އޭނާ މަރުނުވާކަން އެތައް ގަޑިއިރެއް ފަހުން އެނގިއްޖެ އެވެ.


ގޮންޒެލޯ މޮންޓޯޔާ ޖިމެނޭޒް ޖަލުގައި މަރުވި ކަމަށް ނިންމި ފަހުން، މަރު ނުވާކަން އެނގުނީ ޕޯސްޓް މޯޓަމް ހަދަން ބާއްވާފައި އޮއްވަ އެވެ. ސްޕޭންގެ މީޑިއާ އިން ބުނި ގޮތުގައި އޭނާ ޖަލުގެ ގޮޅިތެރޭގައި ވެއްޓިފައި އޮއްވާ ފެނުމުން ޖަލުގައި ތިބި ތިން ޑޮކްޓަރުން ވަނީ އޭނާގެ މަރު ސާބިތުކޮށްދީފަ އެވެ. އެހެންވެ ބޮޑީ ބޭގަކަށް ލާފައި ހަށިގަނޑު ހޮސްޕިޓަލުގެ މޯޗަރީއަށް ފޮނުވާލީ އެވެ.

ޖިމެނޭޒްގެ އާއިލާއިން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގައި، އޮޓޮޕްސީ ހަދަން ފަޅާލަން މާކް ކޮށްފައި ހުރި ތަންތަން ވެސް ހުއްޓެވެ. ފޮރެންސިކް އެނަޓޮމިކަލް އިންސްޓިޓިއުޓްގެ އޮފިޝަލުންނަށް އެމީހުން އޮޓޮޕްސީ ހަދަން މޭޒުމަތީގައި ބާއްވާފައި އޮތް 29 އަހަރުގެ މީހާ މަރުނުވާކަން އެނގުނީ އެމީހާ ގުގުރިދަމަން ފެށީމަ އެވެ.

ޖިމެނޭޒް އަވަހަށް ހޮސްޕިޓަލުގެ އައިސީޔޫ އަށް ގެންގޮސް ޓެސްޓްތައް ހަދައި ވެގެން އުޅޭ ގޮތް ބަލަން ފެށި އެވެ. ސްޕެއިންގެ ނޫހުން ބުނެފައިވާ ގޮތުގައި ފަރުވާ ދެމުން ދަނިކޮށް 24 ގަޑިއިރު ފަހުން އޭނާ ހޭ އެރުމާއެކު ފުރަތަމަ ވެސް އެއީ އަނބިމީހާ ކޮބައިތޯ އެވެ.

މިކަން މިގޮތަށް ދިމާވީ ކެޓަލެޕްސީ ކިޔާ ގޮތެއް މެދުވެރިވެގެން ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިގޮތަށް ދިމާވުމުން، މަރުވެފައި ތިބޭ މީހުންގެ ހަށިގަނޑު ފަދައިން ހަށިގަނޑު ހަރުކަށިވެ އެވެ. އަދި އެއްވެސް ކަހަލަ ތަދަކަށް ހަށިގަނޑު ހަރަކާތެއް ނުކުރެ އެވެ. އަދި ނޭވާލުން ކަހަލަ ހަށިގަނޑުގެ ހުރިހާ މަސައްކަތެއް ލަސްވެގެން ދެ އެވެ.

ޖިމެނޭޒަށް ފަރުވާ ދޭ ޑޮކްޓަރުންނަށް ލަފާކުރެވެނީ އޭނާގެ ސިކުނޑިއަށް ގެއްލުން ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ވާހަކަ ދެއްކޭތީ އާއި އަންހެނުން ވެސް ހަނދާން ހުރުން އެއީ ޕޮޒިޓިވް އަލާމާތްތަކެއް ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.

ޖިމެނޭޒްގެ އާއިލާއިން ބުނަނީ އޭނާއަކީ އެޕިލެޕްސީ ނުވަތަ ވެއްޓޭބައްޔަށް ބޭސް ކާ މީހެއް ކަމަށެވެ. އޭނާއަށް މިފަދަ ކަމެއް ދިމާވީ ޖަލުގައި ގަޑިން ގަޑިއަށް ބޭސް ނުކާތީ ކަމަށް އާއިލާއިން ޝައްކު ކުރެ އެވެ.