މިއީ ކޮންމެ ކަމެއް ވެސް ފިތަކަށް ފިތާލައިގެން ފުއްދާލެވެން އޮތް ޒަމާނެކެވެ. ހަށިގަނޑަށް މާބޮޑަށް ފިނިވިޔަސް، ހޫނުވިޔަސް ހައްލު އޮތީ އަތުކުރީގައެވެ. އެމްބަވޭވް އަކީ އަތުކުރީ އަޅާ އެއާކޯނެކޭ ކިޔަމާ ހިނގާށެވެ.
މާހައުލުގައި ހުރި ފިނިހޫނުމިނުން އުނދަގޫވާ ނަމަ، ނާރުތަކަށް ފޮނުވައިދޭ މެސެޖަކުން، އަމިއްލަ ހަށިގަނޑުގެ ފިނިހޫނުމިން ބަދަލުކުރުމުގެ ގާބިލުކަން މި ކަމަރަށް ލިބިފައިވެއެވެ. މާބޮޑަށް ފިނިވާ ނަމަ ހޫނުކޮށްލަން ފިތާނީ ރަތްކުލައިގެ ފިތަށެވެ. ހޫނުވާ ނަމަ ފިތާނީ ނޫކުލައިގެ ފިތަށެވެ. ފިނިކުރަން އަދި ހޫނުކުރަން ވެސް މިންގަނޑުތަކެއް ހުރެއެވެ. އެމީހަކު އިޚުތިޔާރުކުރާ މިންގަނޑެއްގައި ބެހެއްޓިދާނެއެވެ.
އެމްބަވެއާއިން ހަށިގަނޑުގެ ފިނިހޫނުމިނާ ކުޅެނީ އަތުގެ ކުޑަހުޅަށް ފިނިފެން ނުވަތަ ހޫނުފެން އޮއްސާލީމާ އިހުސާސްކުރެވޭ ގޮތަށެވެ. ކުޑަހުޅަކީ ހުރިހާ ނާރުތަކެއްގެ ކޮޅު، ހަމުގެ ދަށުން އެންމެ ބޮޑަށް ތިލަވާ ހިސާބެވެ. އެއީ ގައިގެ އެންމެ ނާޒުކު ހިސާބުވެސްމެއެވެ. އެމްބަވޭވް އުފެއްދި ކުންފުނިން ބުނާ ގޮތުގައި މި ކަމަރުން ފިނިކޮށްދޭއިރު ކުރެވޭނީ ގައިގައި ގަނޑުފެންކޮޅެއް ޖައްސާލީމާ ކުރެވޭ އިހުސާސެވެ. ހޫނުކޮށްލާއިރު ހީވާނީ އަލިފާންގަނޑަކާ ދިމާއަށް އަތްދިއްކޮށްގެން ހުރެވޭހެންނެވެ.
އެމްބަވޭވް އަކީ ހަށިގަނޑަށް ބޭނުންވާ ފިނިކަމާއި ހޫނުކަން، ފިތަކަށް ފިތާލައިގެން ވަގުތުން ވަގުތަށް ހޯދައިދޭ އެކުވެރިޔެކެވެ. މީގެ ކަމަރު ވިއްކަންހުރީ 299 ޑޮލަރަށެވެ.