މީގެ 500 އަހަރު ކުރިން މަރުވި ކަމަށް ބެލެވޭ ފިރިހެނެއްގެ ކަށިގަނޑު ލަންޑަންގެ ކޯރެއްގެ އަޑިން ފެނުނު އިރު އޭނާ އަރައިގެން ހުރި ލެދާ ބޫޓު އެއްކޮށް ހަލާކު ނުވެ ހުރުމަކީ ޝައުގުވެރި ކަމަކަށް ވެއްޖެ އެވެ.
ލަންޑަންގެ ދެކުނުގެ ބާމޮންޑްސީގައި ތޭމްސް ކޯރުން މި ގަބުރު ނެގީ އެ ކޯރުގެ ތެރެއަށް އެޅޭ ނަޖިހާއި ވާރޭ ފެން ނަގައި ރައްކާކުރަން ހަދަމުން އަންނަ 5.4 ބިލިއަން ޑޮލަރުގެ ޓަނަލްގެ މަސައްކަތުގައި އުޅޭ އާކިއޮލޮޖިސްޓުންނެވެ. މަރުވެފައި އޮތް މީހާ އަރައިގެން ހުރި ބޫޓު ކޮންމެވެސް ވަރަކަށް ސަލާމަތުން ހުރި ތަން ފެނިފައި، އެކަން އިތުރަށް ތަހުގީގުކުރަން އެ ޓީމުން ޝައުގުވެރިވި އެވެ.
މި ޕްރޮޖެކްޓުގައި އިސްކޮށް އުޅޭ މޯލާ ހެޑްލޭންޑް ކުންފުނިން ބުނާގޮތުގައި ލެދާއަކީ 15 ވަނަ ގަރުނު ހިސާބުގައި ވަރަށް އަގުބޮޑު އެއްޗަކަށް ވާތީ އެފަދަ އަގުހުރި އެއްޗަކާ އެކު މީހަކު ވަޅުލަފާނެ ކަމަކަށް ނުބެލެވެ އެވެ. އެހަންކަމުން ބޮޑަށް ގާތީ ވަގުތު ޖެހުމުގެ ކުރިން ކޮންމެވެސް އެހެން ގޮތަކުން އެ މީހާ މަރުވެފައި ވުން ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
އެކަމަކު އެ ކުންފުނިން ބުނީ އޭނާ މަރުވީ 15 ވަނަ ގަރުނުގެ ފަހުކޮޅު ނުވަތަ 16 ވަނަ ގަރުނުގެ ކުރީކޮޅު ކަމަށް ބެލެވޭ އިރު، އެ ޒަމާނުގައި ތޭމްސް ކޯރުގެ އައްސޭރިފަށް ވަރަށް ނުރައްކާތެރި ވާނެ ކަމަށެވެ. އާކިއޮލޮޖިސްޓުން ލަފާކުރާ ގޮތުގައި އޭނާ ވާނީ މަސްވެރިއަކަށް، ނުވަތަ އަގުހުރި އެއްޗެއް ފެނޭތޯ ކޯރު ކައިރީ ޗަކަގަނޑަށް އެރި އުޅުނު މީހަކަށް، ނުވަތަ ދަތުރުވެރިއަކަށެވެ.
މޯލާ ހެޑްލޭންޑްގެ ފައިންޑްސް ސްޕެޝަލިސްޓް ބެތު ރިޗަޑްސަން ވިދާޅުވިގޮތުގައި އެ ބޫޓު ދިރާސާކޮށްގެން އެ މީހުންނަށް، މީގެ 500 ވަރަކަށް އަހަރު ކުރިން އުޅުނު މީހެއްގެ ދިރިއުޅުން ކޮންމެވެސް ވަރަކަށް ދެނެގަނެވުމަކީ ނުހަނު ޝައުގުވެރި ކަމެކެވެ. އެގޮތުން، އާމްދަނީ ހޯދަން އެ މީހާ ކޮށްފައި ވަނީ އުނދަގޫ އަދި ނުރައްކާތެރި މަސައްކަތެއް ކަމާއި އޭނާ މަރުވީ ކިހިނެއްކަން ލަފާކޮށްލަން އެނގިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. ބޫޓު ހަދާފައި ވަނީ ހިނގަން އުނދަގޫ ތަންތަނުގައި އުޅެން ފަސޭހަވާނެ ގޮތަށެވެ.
އޭނާގެ ކަށިތައް ދިރާސާކުރުމަށް ފަހު މޯލާ ހެޑްލޭންޑް އިން ލަފާކުރާ ގޮތުގައި އެއީ 35 އަހަރަށް ވުރެ ހަގު އުމުރެއްގައި މަރުވެފައިވާ މީހެކެވެ. އަދި މަސްވެރިން ދެ ދަތްޕިލަ ދޭތެރެ އަށް ވާ ލައިގެން އުޅުން ފަދަ، އާދަވެގެން ކުރާ ކަހަލަ ކަމަކަށް އޭނާގެ ދަތްތައް ބޭނުންކޮށްފައިވާ ކަމުގެ ނިޝާންތައް ހުއްޓެވެ.--ސީއެންއެން