ވައި އެންމެ ނުސާފު ގައުމަކީ ބަންގްލަދޭޝް

އެއާ ކޮލިޓީ ނުވަތަ ވައިގެ ސާފުކަން އެންމެ ދަށް ގައުމަކީ ބަންގްލަދޭޝް ކަމަށް އެއާވިޝުއަލް އިން ބުނެފި އެވެ.


ގައުމުތަކުގެ 3،000 އަށް ވުރެ ގިނަ ސިޓީގެ ވައިގެ ސާފުކަން ދެނެގަތުމަށް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ދިރާސާ ރިޕޯޓްގެ ނަތީޖާ އަށް ބަލާއިރު، ވައި ނުސާފު ގައުމުތައް އެންމެ ގިނައީ ދެކުނު އޭޝިއާ އާއި މެދުއިރުމަތީގަ އެވެ.

އެގޮތުން ވައި އެންމެ ތަޣައްޔަރު 10 ގައުމުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ޕާކިސްތާން، އިންޑިއާ، އަފްގާނިސްތާން، ބަހްރެއިން، މޮންގޯލިއާ، ކުވައިތު، ނޭޕާލް، ޔޫއޭއީ އަދި ނައިޖީރިއާ އެވެ.

އެއާވިޝުއަލް ރިޕޯޓް ދައްކާ ގޮތުން ވައި އެންމެ ތަޣައްޔަރު ސިޓީތައް އެންމެ ގިނައީ އިންޑިއާގަ އެވެ. އެގޮތުން ވައި އެންމެ ނުސާފު ވެރިކަންކުރާ ސިޓީއަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އެވެ.

ވައި އެންމެ ތަޣައްޔަރު 10 ސިޓީތަކުގެ ތެރޭގައި ދެން ހިމެނެނީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އާއި އެ ގައުމުގެ އިންޗޮންގެ އިތުރުން ނޭޕާލްގެ ކަތަމަންޑޫ، ޗައިނާގެ ޝަންހާއީ، އުޒްބެކިސްތާންގެ ޓަޝްކެންޓް، އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީ، ޕާކިސްތާނުގެ ލާހޯރް އަދި ދެކުނު ކޮރެއާގެ ބުސާނެވެ.

ވައިގެ ކޮލިޓީ ހަތް މިންގަނޑަކުން މިނާއިރު "ގުޑް" ނުވަތަ ރައްކާތެރި މިންގަނޑަށް ފެތޭ 10 ގައުމުގެ ކުރީގައި އުޅެނީ އައިސްލޭންޑް، ފިންލޭންޑް، އޮސްޓްރޭލިއާ، އެސްޓޯނިއާ، ސްވިޑްން، ނޯވޭ، ނިއުޒިލެންޑް، ކެނެޑާ، އެމެރިކާ އަދި ޕޯޗްގަލް އެވެ.

އެއާވިޝުއަލް ރިޕޯޓްގެ ނަތީޖާ ދައްކާ ގޮތުން ވައިގެ ނުސާފުކަމާ ހުރެ ދިމާވާ ސިއްހީ މައްސަލަތަކުގައި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މަރުވާ މީހުންގެ އަދަދު 7 މިލިއަނަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ވައިގެ ނުސާފުވުމުގެ މައްސަލާގައި ގައުމުތަކަށް އިގުތިސާދީ ގޮތުން ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، މިކަމުން ގައުމުތަކަށް ލިބޭ ގެއްލުން އަހަރަކު 225 ބިލިއަން ޑޮލަރަށް އަރަ އެވެ.