"ހަންގާ ގޭމްސް" ގެ ލިޔުންތެރިޔާ ސުޒޭން ކޮލިންސް.
20 ޖޫން 2019 - 06:40
ސުޒާން ކޮލިންސް، ތިން ބަޔަކަށް ގެނެސްދިން ކާމިޔާބު ވާހަކަ "ދަ ހަންގާ ގޭމްސް" އަށް ފިލްމުތައް ވެސް ހަދައި، ބޮޑު ތަރުހީބެއް ހޯދާފައި ވަނިކޮށް، މި ސީރީޒްގެ އާ ވާހަކައެއް ނެރެން ތައްޔާރުވެއްޖެ އެވެ.
ކުރީގެ ވާހަކަތަކުގައި ކިޔައިދިން ހާދިސާތަކުގެ 64 އަހަރު ކުރިން ޕަނެމްގެ ދުނިޔޭގައި ހިނގާ ކަންތައްތަކެއްގެ މައްޗަށް ގެނެސްދޭ ވާހަކަ ނެރެން ނިންމާފައި ވަނީ އަންނަ އަހަރުގެ މެއި 19ގަ އެވެ. އެކަމަކު ވާހަކައިގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.
ޕަބްލިޝިން ހައުސް ސްކޮލާސްޓިކްގެ ތައްގަނޑުގައި ނެރޭ ވާހަކައާ ބެހޭ ގޮތުން ކޮލިންސް ބުނީ އާ ވާހަކަ ވެގެން ދާނީ ކިޔުންތެރިން ނޭވާ ހިފަހައްޓައިލަން ޖެހޭ ކަހަލަ އެތައް ހާދިސާތަކެއް ކިޔައި ދޭނެ ވަރަށް ޝައުގުވެރި ވާހަކައަކަށް ކަމަށެވެ.
Exciting news, Hunger Games fans: A prequel novel set 64 years before the events of The Hunger Games is coming May 2020! Read more here: https://t.co/nA7wAYX4Fz pic.twitter.com/3JdeCTcAQp
— Scholastic (@Scholastic) June 17, 2019
"ޕެނެމްގެ ދުނިޔޭގެ ތެރެއަށް އިތުރަށް ކިޔުންތެރިން ގެންގޮސް ދޭނެ. އަދި ކުރިން ތަޖުރިބާ ނުކުރާ ކަހަލަ ކަންކަން މީގެ ތެރޭގައި އުޅޭނެ،" އޭނާ ބުންޏެވެ.
ހަންގާ ގޭމްސްގެ ތިން ވާހަކައިގެ ތެރެއިން ފުރަތަމަ ބައި "ދަ ހަންގާ ގޭމްސް" 2008 ގައި ނެރުމަށް ފަހު، ދެވަނަ ބައި "ކެޗިން ފަޔާ" ނެރުނީ 2009 ގަ އެވެ. އަދި ތިން ވަނަ ބައި "މޮކިންޖޭ" ނެރުނީ 2010 ގަ އެވެ. މި ތިން ވާހަކައިގެ 100 މިލިއަނަށް ވުރެ ގިނަ ކޮޕީ ވިކިފައިވާ އިރު، 50 ބަހަކުން ތަރުޖަމާކޮށްގެން ނެރުނެވެ.
"ހަންގާ ގޭމްސް" ގެ ވާހަކަތަކަށް ބިނާކޮށް ހަތަރު ފިލްމެއް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އެއީ ފުރަތަމަ ދެ ވާހަކަ އަށް 2012 އާއި 2013 ގައި ގެނެސް ދިން ދެ ފިލްމާއި ތިން ވަނަ ވާހަކަ އަށް 2014 އާއި 2015 ގައި ގެނެސް ދެ ފިލްމެވެ.
May the odds be ever in your favor. We can hardly wait for Suzanne's next book to be published! https://t.co/yRY2Y2ZVED
— Lionsgate Movies (@Lionsgate) June 17, 2019
ޖެނިފާ ލޯރެންސް ބަތަލާގެ ރޯލް ކުޅުނު އެ ފިލްމުތަކަށް ބޮކްސް އޮފީހުގައި 2.970 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
"ހަންގާ ގޭމްސް" ޕްރިކްއެލް ވާހަކަ ނެރެން ތައްޔާރުވަމުން އަންނަ އިރު، އެއަށް ވެސް ފިލްމެއް ގެނެސް ދިނުމުގެ ފުރުސަތު ބޮޑެވެ.
މިކަމާ ބެހޭ ގޮތުން ލަޔަންސްގޭޓް މޯޝަން ޕިކްޗާ ގްރޫޕްގެ ޗެއާމަން ޖޯ ޑްރޭކް ހޮލީވުޑް ރިޕޯޓާ އަށް ބުނީ ވާހަކައިގެ ރައިޓްސް ހޯދުމާ ގުޅޭ ގޮތުން ކޮލިންސްއާ މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy