މީގެ ދެ އަހަރެއްހާ ދުވަސް ދުވަސްކުރިން، ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލްއާ ކައިވެނި ބައްލަވައިގަތް އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީގެ ދެކަނބަލުން ޝާހީ އާއިލާގެ ރަސްމީ ޒިންމާތަކުން އެކަހެރިވެވަޑައިގަންނަވާކަން އިއުލާނުކުރައްވައިފި އެވެ.

ދެކަނބަލުންފެ ރަސްމީ އިންސްޓަގްރާމްގައި އާންމުކުރެއްވި ބަޔާނުގައި ވަނީ ޝާހީ އާއިލާގެ "ސީނިއާ" ބޭފުޅުންގެ ގިންތިން އެ ބޭފުޅުން ފެއަށް ޖެހިވަޑައިގަންނަވަން ނިންމެވީ އެތައް ދުވަހެއްގެ މަޝްވަރާތަކަކަށް ފަހުގައި ކަމަށެވެ.

މިއީ "މާލީ ގޮތުން ދެ މީހުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތްކުރުމަށްޓަކައި ނިންމި ނިންމުމެއް" ކަމަށް ބަޔާނުގައިވެ އެވެ. "އެކަމަކު ރާނީ އެލިޒަބަތަށް ދޭން ޖެހޭ ހުރިހާ ސަޕޯޓެއް ދޭނަން."

އޭގައި ފާހަގަކުރައްވާފައިވާ ގޮތުގައި ޝާހީ އާއިލާގެ ރަސްމީ ޒިންމާތަކާ އެކަހެރިވަވަޑައިގަތުމަށް ފަހު ހެރީ އާއި މޭގަންގެ ދިރިއުޅުން ދެން ބިނާކުރައްވާނީ އިނގިރޭސިވިލާތާއި މޭގަންގެ އުފަން ގައުމު އުތުރު އެމެރިކާގައި ދެ ބޭފުޅުން ކުރައްވާ މަސައްކަތްތަކުގަ އެވެ.

"އަދި އަހަރެމެންގެ މަސައްކަތްތައް ބައްޓަންވެގެން ދާނެ ގޮތާ ބެހޭ ވާހަކަތައް ފަހުން ހިއްސާކުރާނަން،" ބަޔާނުގައިވެ އެވެ.

ޕްރިންސް ހެރީގެ މި ނިންމެވުމާ ގުޅިގެން މީޑިއާތަކުގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެމުންދާ އިރު، ޝާހީ އާއިލާ އިން ވަނީ ނިންމުމާ ދޭތެރޭ ހިތްހަމަނުޖެހޭކަން ދޭހަވާ ކަހަލަ އިބާރާތާކުން ވާހަކަ ދައްކައިފަ އެވެ. ޝާހީ އާއިލާގެ ކަންކަން ދިރާސާކުރާ މީހުން ބުނަނީ ހެރީގެ ނިންމެވުމަކީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގެ ނަތީޖާ ކަމަށް، އާއިލާ އިން ދެއްކި ވާހަކައިން އެނގޭ ކަމަށެވެ.

ޝާހީ އާއިލާ އިން ނެރުނު ކުރު ބަޔާނެއްގައި ވަނީ ހެރީގެ ދެކަނބަކުންގެ އެ ނިންމެވުމާ މެދު މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެކަމަކު އެކަން އަދި އޮތީ ވަރަށް ކުރީ މަރުހަލާއެއްގައި ކަމަށެވެ.

ޕްރިންސް ހެރީގެ ދެކަނބަލުންގެ ނިންމެވުމާ ބެހޭ ގޮތުން ޝާހީ އާއިލާގެ ތަރުޖަމާން ވިދާޅުވީ ދެ ކަނބަލުންގެ މިސްރާބު މުޅިން އެހެން ދިމާއަކަށް ބަދަލުކުރެއްވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު މިއީ ތަންކޮޅެއް "ކޮމްޕްލިކޭޓެޑް އިޝޫ" އަކަށް ވާތީ ކަންކަން ހަމައަކަށް އެޅެން ވަގުތު ނަގާނެ ކަމަށް ވިދާޅުވި އެވެ.

ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ މެއި 19، 2018 ގަ އެވެ. ދެކަނބަލުންނަށް ދަރިކަލަކު ލިބިވަޑައިގަތީ މެއި 6، 2019 ގަ އެވެ. ކައިވެނި ބައްލަވައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ހެރީ ވަނީ ބޭބޭފުޅު ޕްރިންސް ވިލިއަމާ އެކު ދިރިއުޅުއްވަމުން ގެންދެވި ކެންސިންޓަން ޕެލަސް ދޫކުރައްވައި މިހާރު ދިރިއުޅުއްވާ ވިންޑްޒާގެ ފްރޮގްމޯ ކޮޓެޖްގަ އެވެ.