ޔުނިލީވާ އިން އައިސްކްރީމް އިޝްތިހާރުކުރުން ހުއްޓާލަނީ

ކުޑަކުދިން އާދަޔާހިލާފަށް ފަލަވާތީ އެކަމާ ދެކޮޅަށް އިނގިރޭސިވިލާތުގެ މަޝްހޫރު ކުންފުނި ޔުނިލީވާ އިން އައިސްކްރީމް ފަދަ ފޮނި އެއްޗެހި ކުޑަކުދިންނަށް ހާއްސަކޮށްގެން އިޝްތިހާރު ނުކުރަން ނިންމައިފި އެވެ.


ޔުނިލީވާގެ ޓްވިސްޓާ އައިސްކްރީމާއި ޕޮޕްސިކަލް އައިސް ލޮލީ ފަދަ އެއްޗިއްސަކީ ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗިއްސެވެ. އަދި ކުދިންގެ ސަމާލުކަން މިފަދަ އުފެއްދުންތަކަށް ހޯދުމުގެ ގޮތުން ޔުނިލެވާ އަކީ މަޝްހޫރު މީސްމީހުންނާއި ކުދިންގެ މެދުގައި މަގުބޫލު ކާޓޫން ކެރެކްޓާތައް ވެސް ބޭނުންކޮށްގެން އުފެއްދުންތައް ވަރަށް ބޮޑަށް އިޝްތިހާރު ވެސް ކުރަމުން އަންނަ ކުންފުންޏެވެ.

ނަމަވެސް ކުޑަކުދިން އާދަޔާހިލާފަށް ފަލަވެ، އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވަމުންދާތީ، ކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކުރާ ފޮނި އެއްޗެހި އިޝްތިހާރުނުކުރަން ނިންމީ އެވެ. ޔުނިލީވާ އިން ބުނިގޮތުގައި މި އަހަރުގެ ފަހުކޮޅުން ފެށިގެން އެ އުސޫލަށް ރަސްމީކޮށް އަމަލުކުރަން ފަށާނެ އެވެ. އެގޮތުން 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން އުފައްދާ އެއްޗެހި ކުރިއަށް އޮތް ތަނުގައި ސޯޝަލް މީޑިއާގައި ވެސް އިޝްތިހާރުނުކުރާނެ ކަމަށް ބުންޏެވެ.

ޔުނިލީވާގެ މި ނިންމުކާ އެކު ކުންފުނީގެ ދަށުން ވިއްކާ މަޝްހޫރު ވޯލްސް ބްރޭންޑްގެ އައިސްކްރީމްތަކަކީ އެންމެ ފުރަތަމަ އިޝްތިހާރުކުރުން ހުއްޓައިލާނެ އުފެއްދުންތަކެވެ. އަދި މިހާރު އުފައްދާ މި ބްރޭންޑްގެ އައިސްކްރީމްތަކުގައި ހަކުރު އެކުލެވޭ މިންވަރު ދަށްކުރާނެ އެވެ. އެގޮތުން ކޮންމެ އުފެއްދުމެއްގައި 12 ގްރާމަށް ވުރެ އިތުރަށް ހަކުރު ބޭނުންނުކުރުމާއި ވިއްކާ އުފެއްދުންތަކުގެ ޕޯޝަންތަކުން ލިއްބައިދޭ ކެލޮރީ 110 އަށް ވުރެ އިތުރުނުވާނެ ގޮތަށް އުފެއްދުންތައް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

ކުޑަކުދިންގެ މެދުގައި މަޝްހޫރު ވޯލްސްގެ އުފެއްދުންތަކުގެ ތެރޭގައި މެކްސް އާއި ޕެޑެލް ޕޮޕް އަދި ޓްވިސްޓާ ހިމެނެ އެވެ.

"މިއީ ވަރަށް ބޮޑު ބަދަލަކަށް އަހަރެން ފަށާ ވަރަށް ޒިންމާދާރު މަސައްކަތެއް. މިއާއެކު ކުދިންގެ ސިއްހަތަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ އުންމީދު ބޮޑު." ޔުނިލީވާގެ ގްލޯބަލް އައިސްކްރީމްގެ އެކްޒެކެޓިވް ވައިސް ޕްރެޒިޑަންޓް މެޓް ކްލޯޒް ވިދާޅުވި އެވެ.