ދާހިއްލުމުން ވެސް ފައިދާތަކެއް

ދާހިއްލުމުން ތާޒާކަން ގެއްލޭތީ އާއި ގައިން ނުބަސް ވަސް ދުވާފާނެތީ ކަންބޮޑުވާ މީހުން ބައިވަރެވެ. ނަމަވެސް މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. ހާއްސަކޮށް، ކަސްރަތުކުރާ ކުރާ ވަގުތުތަކުގައި ބަލަންވީ ވެސް ވީހާ ވެސް ދާހިއްލާ ގޮތަށް ކަންތައް ކުރަް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.


ދާހިއްލުމަކީ މީހާގެ ސިއްހަތަށް އެތައް ގޮތަކުން ފައިދާ ކުރާ ކަމެކެވެ. އެހެންވެ ދާހިއްލައިފާނެތީ ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތެވެ. ދާހިއްލިޔަސް ސާފުތާހިރުކަން ދެވޭ ނަމަ އަމުދުން މިކަމާ ފިކުރު ބޮޑުވާންޖެހޭ ސަބަބެއް ނެތެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ހަށިގަނޑުން ވީހާ ވެސް ގިނައިން ދާހިއްލުމަކީ މީހާގެ މޫޑަށް ހެޔޮ ބަދަލުތަކެއް ގެނުވާ ކަމެކެވެ. ހާއްސަކޮށް، އިންޓެންސް ކަސްރަތެއްކުރާ ނަމަ ގައިން ހިއްލާ ދަލާއެކު، ހަށިގަނޑުން ގިނަ އަދަދަކަށް އެންޑޯފިންސް ހޯމޯން ބޭރުކޮށްދޭނެ އެވެ. އޭގެ ނަތީޖާ އަކީ އުފާވެރިކަން ގެނުވައިދީ މީހާގެ މޫޑް ރަނގަޅުކޮށް ދިނުމެވެ.

ބޮލުން ދާހިއްލާ ނަމަ އެއީ އިސްތަށިގަނޑު ވަރުގަދަވުމަށް ބާރުއަޅާ ކަމެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ބޮލުން ދާހިއްލުމުން ހެއާ ފޮލިކްލްސްތައް ބަންދުކޮށްދޭނެ އެވެ. މިކަމުގެ ސަބަބުން އިސްތަށިފެޅުން އިތުރުކޮށްދޭނެ އެވެ. އެކަމަކު ބޮލުން މާ ބޮޑަަށް ދާ ހިއްލުމަކީ މައްސަލައަކަށް ވެދާނެ އެވެ. އެހެންވެ ޝޭމްޕޫ ލައިގެން ބޯ ރަނގަޅަށް ދޮންނަން ޖެހޭނެ އެވެ.

ދާހިއްލުމަކީ ލޭ ދައުރުވުމަށް ވެސް މަގުފަހިކޮށްދޭނެ ކަމެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ މަސައްކަތްތައް ހަމަޔަކަށް އަޅުވައިދޭން މަގުފަހިވެ އެވެ. އަދި މިކަމުގެ ސަބަބުން ބޭރުފުށަށް ލިބޭ ފައިދާތަކުގެ ތެރޭގައި ގައިގެ ހަންގަނޑު މަޑުވެ، އުޖާލާކަން ގެނެސްދިނުން ހިމެނެ އެވެ.

ދާހިއްލުމަކީ ގުދުރަތީ ގޮތުން ހަށިގަނޑު ސާފުކޮށްދޭނެ ކަމެކެވެ. ދާހިއްލުމުން ހަންގަނޑުގައި ހުންނަ ލޯވަޅުތައް ހުޅުވި، ހަންގަނޑުގައި ހުންނަ ޖަރާސީމުތަކާއި ހަޑިތައް ބޭރުވާން މަގުފަހިވެ އެވެ. މިއީ ހާއްސަަކޮށް މޫނުމަތި އުޖާލާވާން ބާރު އަޅާނެ ކަމެކެވެ. އެކަމަކު މިސާލަކަށް ވޯކައުޓަކަށް ފަހު، ރަނގަޅަށް ފޭސް ވޮޝްއެއް ލައިގެން ރަނގަޅަށް ދޮންނަން ވާނެ އެވެ.