ލައިފްސްޓައިލް / ދީން

ޚިޟްރުގެފާނު، ކުއްޖަކު ގަތުލުކުރެއްވި ހާދިސާގެ ފިލާވަޅުތައް

ޑރ. ސަޢުދުﷲ ޢަލީ

05 މެއި 2020 - 09:51

2 comments

މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކައިގައި ހިމެނޭ ކޮންމެ ހާދިސާ އަކީ ވެސް އެއިން އެތައް ފިލާވަޅުތަކަކާއި އިބުރަތްތަކެއް ލިއްބައިދޭ ހާދިސާ އެކެވެ. މިގޮތުން މި ލިޔުމުގައި މި ބަލައިލަނީ އެ ދެ ބޭފުޅުންގެ އުނގެނުމާއި އުނގަންނައިދިނުމުގެ ދަތުރުފުޅުގައި ހިނގި އެންމެ މުހިންމު ތިން ހާދިސާގެ ތެރެއިން ދެވަނަ ހާދިސާ ކަމުގައިވާ، ކުއްޖަކު ގަތުލުކޮށްލެއްވި ހާދިސާ އަށެވެ.

ފުރަތަމަ ހާދިސާ އެކޭ އެއްފަދައިން ދަތުރުފުޅުގެ މި ހާދިސާއާ ގުޅޭ ބައިވެސް ފެށިގެން ދިޔައީ މޫސާގެފާނަށް ކެތް ނުކުރެއްވޭނެކަން ހަނދުމަކޮށްދެއްވަމުންނެވެ. އެއީ ކުރީގެ ހާދިސާއާ ގުޅުވައިގެން އިންކާރީ ގޮތެއްގައި ސުވާލު ކުރައްވަމުންނެވެ. (އަލްކަހްފް 72). ހަމައެފަދައިން ކުރީ ފަހަރު ކުރެއްވެވި ޝަރުތު މިފަހަރު ވެސް ދެމިއޮތެވެ. އެއީ ސުވާލު ނުކުރެއްވުމުގެ ޝަރުތެވެ. މިކަން އެނގެނީ މޫސާގެފާނު އެ ޝަރުތަށް ކިޔަމަންވެ ވަޑައިގަންނަވާނެ ކަން ޔަގީންކޮށްދެއްވީމަ އެވެ. މިގޮތުން ކުރީ ހާދިސާގައި ހަނދުމަފުޅުނެތި ދިއުން އެހާބޮޑު ކަމަކަށް ނުހެއްދެވުމަށާއި އެކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް ނުވަތަ އުނދަގުލެއް ނުޖެއްސެވުމަށް މޫސާގެފާނު ވިދާޅުވި އެވެ. (އަލްކަހްފް 73). މީގެ މަފްހޫމަކީ ދަތުރު ކުރިއަށް ގެންގޮސްދެއްވާށެވެ! ތިމަންކަލޭގެފާނު ސުވާލެއް ނުކުރައްވާނަމެވެ.

މި ހާދިސާގެ ވެސް އިތުރު ތަފްސީލު ކީރިތި ޤުރްއާނުގެ އިތުރުން ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުން ލިބެ އެވެ. އެ ތަފްސީލަށް ބަލާއިރު، ދެން އެބޭކަލުން ނަވުން ފައިބައި ވަޑައިގެން އަނެއްކާވެސް ކަނޑުގެ އައްސޭރިއާ ދިމާލުން ހިންގަވަމުން ގެންދެވި އެވެ. މިގޮތަށް ވަޑައިގެންނެވި މަގުމަތީގައި ފިރިހެން ކުދިންތަކެއް ކުޅެން އުޅެނިކޮށް ފެނިވަޑައިގަތެވެ. އެކުދިންނާ ހަމައަށް ވަޑައިގެން އެތަނުން އެއް ކުއްޖެއްގެ ބޮލުގައި ޚިޟްރުގެފާނު ހިއްޕެވި އެވެ. ދެން އެ ކުއްޖާގެ ބޯ ވަކިކޮށްލައްވައި ގަތުލު ކޮށްލެއްވި އެވެ.

"އެކަކުވެސް މަރާފައި ނުވާ، ކުށެއް ނެތް ޠާހިރު ނަފްސެއް ކަލޭގެފާނު ތިޔަ ޤަތުލު ކުރެއްވީތޯ އެވެ؟ ހަމަކަށަވަރުން ކަލޭގެފާނު ތިޔަ ކުރެއްވީ ވަރަށްބޮޑު ނުބައި ކަމެކެވެ." (އަލްކަހްފު 74).

މޫސާގެފާނަށް މިތަން ފެނިވަޑައިގަތުމުން ހަރުކަށި ގޮތުގައި މިކަން އިންކާރު ނުކުރައްވައި ދޫކޮށްލެވޭނެ ހެއްޔެވެ؟ ސުވާލެއް ނުކުރައްވައި މަޑުމައިތިރިކަމާ އެކު ހުންނެވޭނެ ހެއްޔެވެ؟ އެހެނީ ބާލިޣު ވެސް ނުވާ ނުވަތަ ކިރިޔާ އެ އުމުރަށްދާ ވަރުގެ ކުއްޖަކު ކުރިފުޅުމަތީ ޤަތުލުވެގެން ދިޔައީ އެވެ. މި މަންޒަރު ބަލަން ހުރި ކޮންމެ މީހަކަށް ވެސް ފެންނާނީ، އެއްފުރާގެ ކުދިންނާ އެކުގައި ކުޅެން އުޅުނު މި ކުއްޖާގެ ބަރާއަތްތެރި ކަމެވެ. އެއްވެސް ސަބަބެއް ނެތި ވެގެން ދިޔަ ގަތުލުގެ އަނިޔާވެރިކަމެވެ. މޫސާގެފާނަށް ވެސް މިކަން ފެނިވަޑައިގެންދިޔައީ ހަމަ މިގޮތަށެވެ. އެހެންވެ މި ހާދިސާގެ ދަނޑިވަޅުގައި ވެސް، ޚިޟްރުގެފާނު ދެއްވާފައިވާ އިންޒާރާއި ސުވާލު ނުކުރެއްވުމަށް އޮތް ޝަރުޠު އޮތަސް މޫސާގެފާނަށް ހަމަ މަޑުމައިތިރިކަމާ އެކު ނުހުންނެވުނެވެ. އެހެންވެ ވިދާޅުވި އެވެ. "އެކަކުވެސް މަރާފައި ނުވާ، ކުށެއް ނެތް ޠާހިރު ނަފްސެއް ކަލޭގެފާނު ތިޔަ ޤަތުލު ކުރެއްވީތޯ އެވެ؟ ހަމަކަށަވަރުން ކަލޭގެފާނު ތިޔަ ކުރެއްވީ ވަރަށްބޮޑު ނުބައި ކަމެކެވެ." (އަލްކަހްފު 74).

މިގޮތަށް ސުވާލު ކުރެއްވުމުން ދެވަނަ ފަހަރަށް މޫސާގެފާނު ވަޢުދާ ޚިލާފުވެ ވަޑައިގެންނެވުނީ އެވެ. ތެދެކެވެ. މި ހާދިސާގެ ވެސް ފަހަތުގައި މޫސާގެފާނަށް އެނގިވަޑައި ނުގަންނަވާ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެހެންނަމަވެސް އެކަން އެނގިވަޑައިނުގަންނަވާ ނަމަ، ފެނިވަޑައިގެން އެދިޔަ މަންޒަރުން މޫސާގެފާނަށް ކޯފާވެ ވަޑައިގަތުމުގެ އުޒުރު ދެއްކެވެން އެބައޮތެވެ. އެކަމަކު އެކަލޭގެފާނުގެ ޖަޒުބާތުތައް ކޮންޓްރޯލު ކުރައްވައި ހަމައެކަނި މަޑުމައިތިރި އުސްލޫބުން އެކަން އިންކާރު ކުރެއްވެވީ އެވެ. އަނެއްކޮޅުން ޚިޟްރުގެފާނު ވެސް ހަމަ ކުރީ ފަހަރެކޭ އެއްފަދައިން މިފަހަރުވެސް އިތުރު އެހެން އެއްޗެއް ވިދާޅު ނުވެ އެވެ. ވިދާޅުވީ ހަމަ ކުރީ ހާދިސާ އަށް ފަހު ވެސް ވިދާޅުވި ގޮތަށް "ހަމަކަށަވަރުން، ތިމަންކަލޭގެފާނާއި އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯ އެވެ؟" (އަލްކަހްފު 75). ހާދިސާ އާ ބެހޭގޮތުން އޮޅުންފިލުއްވައިދެއްވުމުގެ ކުރިން ސުވާލު ކުރެއްވުނީތީ ކުރީ ފަހަރު އުޒުރު ދެއްކެވިއަސް މިފަހަރު މޫސާގެފާނު އުޒުރެއް ދައްކަވާކަށް މަސައްކަތެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި ވިދާޅުވީ، "މީގެ ފަހުން އެއްވެސް ކަމަކާ މެދު ކަލޭގެފާނާ ތިމަންކަލޭގެފާނު ސުވާލު ކުރައްވައިފި ނަމަ ކަލޭގެފާނާ އެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް ޢުޒުރެއް ލިބިވަޑައިގެންފި އެވެ." (އަލްކަހްފު 76).

"މީގެ ފަހުން އެއްވެސް ކަމަކާ މެދު ކަލޭގެފާނާ ތިމަންކަލޭގެފާނު ސުވާލު ކުރައްވައިފި ނަމަ ކަލޭގެފާނާ އެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް ޢުޒުރެއް ލިބިވަޑައިގެންފި އެވެ." (އަލްކަހްފު 76).

މިގޮތަށް ވިދާޅުވީމާ ދަތުރުގައި ދެން ހިނގާ ހާދިސާއަކަށް ފަހު މޫސާގެފާނަށް ކެތްކުރައްވަން ކުޅަދާނަވެ ވަޑައިނުގަންނަވައިފި ނަމަ އެ ހިސާބުން އުނގެނުމުގެ ދަތުރު ނިމޭނެ އެވެ. އެކަމަކު މިގޮތަށް ކަން ހިނގިޔަސް އަދި އިތުރު އެއް ފިލާވަޅު ދަސްކުރުމުގެ ފުރުސަތެއް އޮތުމުން ޚިޟްރުގެފާނު ދަތުރުފުޅު ކުރިއަށް ގެންދެވި އެވެ. ދަތުރުފުޅުގެ މިހާ ހިސާބުން މި ހާދިސާ ނިމުނަސް މިއާ ގުޅުންހުރި ވަރަށް މުހިންމު ކަމެއް މި އުނގެނުމުގެ ދަތުރުފުޅު ނިމުނުތަނާ ހިނގައިދިޔަ އެވެ. އެއީ، ޚިޟްރުގެފާނު މިގޮތަށް ކަންކުރެއްވި ސަބަބު ބަޔާން ކުރެއްވުމެވެ. މިގޮތުން މި ހާދިސާގެ ތަފްސީރެއްގެ ގޮތުގައި ވިދާޅުވީ، "އަދި އެ ފިރިހެން ކުއްޖާއާ މެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) މުއުމިނުން ކަމުގަ އެވެ. ފަހެ، އެ ދެމީހުން އުރެދި ކާފިރުވާ ދަރަޖަ އަށް އެ ދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެ ކަމަށް ތިމަންކަލޭގެފާނު ބިރުގަތީ އެވެ. ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެމީހުންގެ ވެރި ރަސްކަލާނގެ، އެ ކުއްޖާއަށްވުރެ ހެޔޮ ވެގެންވާ ޞާލިޙު، އަދި އޯގާތެރިކަން ބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެ ދެމީހުންނަށް ދެއްވުމަށެވެ." (އަލްކަހްފު 80، 81).

މި ހާދިސާ އިން ދަސްވާ ބައެއް ފިލާވަޅުތަކަކީ ހަމަ ކުރީގެ ހާދިސާ އިން ވެސް ދަސްވާ ފިލާވަޅުތަކެވެ. މިގޮތުން، އެއްކަމަކީ، ޢިލްމު އުނގެނުމަށްޓަކައި ބުރަ އުފުލަން ޖެހޭނެކަމާއި އެކަމުގައި ކެތްތެރިވާން ޖެހޭނެ ކަމެވެ. ދެވަނަ ކަމަކީ، ވަޢުދާއި އަހުދާއި ޝަރުތުތަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމެކެވެ. ކުރީ ފަހަރު ފަދައިން މިފަހަރު އުޒުރު ނުދެއްކެވިއަސް، ދެން އެކަން ތަކުރާރުވެއްޖެ ނަމަ އިތުރު ފުރުސަތެއް ނުދެއްވިއަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވުމުން އެއިން އެނގިގެން ދަނީ ކުށް ގަބޫލުފުޅު ކުރައްވައި މައާފަށް އެދިވަޑައިގަތްކަމެވެ. ތިންވަނަ ކަމަކީ، އަނިޔާވެރިކަން ނައްތާލުމަށް އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. މިފަހަރުވެސް ހަގީގަތުގައި ވަޢުދުފުޅު ހަނދުމަނެތިވަޑައިގަތީ އަނިޔާވެރިކަން އިންކާރު ކުރެއްވުމަށް ދެއްވި އިސްކަމެއްގެ ސަބަބުންނެވެ.

"އަދި އެ ފިރިހެން ކުއްޖާއާ މެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) މުއުމިނުން ކަމުގަ އެވެ. ފަހެ، އެ ދެމީހުން އުރެދި ކާފިރުވާ ދަރަޖަ އަށް އެ ދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެ ކަމަށް ތިމަންކަލޭގެފާނު ބިރުގަތީ އެވެ. ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެމީހުންގެ ވެރި ރަސްކަލާނގެ، އެ ކުއްޖާއަށްވުރެ ހެޔޮ ވެގެންވާ ޞާލިޙު، އަދި އޯގާތެރިކަން ބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެ ދެމީހުންނަށް ދެއްވުމަށެވެ." (އަލްކަހްފު 80، 81).

ހަތަރުވަނަ ކަމަކީ، ކަންކަން ތަފްސީރުކުރުމުގައި ތަފާތު ރައުޔު ހުއްޓަސް ޒުވާބު ކުރުމާއި ރުޅިއައުމާއި ބޭކާރު ޖަދަލު ކުރުން ފަދަ ކަންކަމުން ދުރުހެލިވުމެވެ. ކުރީ ހާދިސާ އެކޭ އެއްފަދައިން މި ހާދިސާގައި ވެސް ދެ ބޭފުޅުން ދެއްކެވީ ކެތްތެރިކަމެވެ. ފަސްވަނަ ކަމަކީ، ދިރިއުޅުމުގައި ދިމާވަމުންދާ ކަންކަމުގެ ހުރިހާ ހަގީގަތްތައް އަހަރެމެންނަށް ނޭނގޭނެ ކަން ގަބޫލު ކުރުމެވެ. ހަވަނަ ކަމަކީ، ބޮޑު ގެއްލުމުން ސަލާމަތްވުމަށްޓަކައި ކުޑަ ގެއްލުމަކަށް އަރައިގަތުމަކީ ހުއްދަކަމެއް ކަމެވެ. އެކަމަކު މި ހާދިސާގައި ކަން ހިނގި ގޮތަށް ބަލާއިރު ސަމާލުވާން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ އާންމު މިންގަނޑުން ބަލާއިރު މިގޮތަށް ޣައިބުގެ މައްޗަށް ބިނާކޮށް ހުކުމް ނުކުރެވޭނެ ކަމެވެ. ސަބަބަކީ މި ހާދިސާގައި މިކަން ހިނގާފައި މިވަނީ ﷲ ގެ ހިކުމަތްވަންތަ ކަމުން އެކަލާނގެ އިރާދަކުރެއްވި ކަމެއް ތަންފީޒު ކުރެވިގެން ދިއުމަށެވެ. ޚިޟްރުގެފާނަކީ މިކަން ހިނގުމަށް ﷲ މެދުވެރި ކުރެއްވި ސަބަބެވެ. އާންމުކޮށް މިފަދަކަންކަން ހިނގާނީ ކައުނުގައިވާ ޠަބީޢީ ޤާނޫނުތަކުގެ ދަށުން ނުވަތަ އިންސާނުންނަށް ﷲ ދެއްވާފައިވާ އިޚްތިޔާރުގެ ދަށުންނެވެ.

މި ހާދިސާއިން ވަކިން ދަސްވާ ފިލާވަޅުތަކަށް ބަލާއިރު އެއްކަމަކީ، މޫސާގެފާނުގެ ޝަރީޢަތުގައި ވެސް އަދި އިސްލާމީ ޝަރީޢަތުގައި ވެސް ގަތުލު ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމެވެ. އަދި ގަތުލެއް ހުއްދަވާނީ ހަމައެކަނި ޤިޞާޞް ހިފުމުގެ ގޮތުން ކަމެވެ. ޚިޟްރުގެފާނުގެ ޢަމަލުފުޅަކީ ޚާއްޞަ ޝަރީއަތެއް ނުވަތަ ﷲ ގެ އިރާދައެއް ތަންފީޒު ވުމެވެ. ދެވަނަ ކަމަކީ، ޞާލިޙު އަޅުން ﷲ ރައްކާތެރި ކުރައްވާނެ ކަމެވެ. ރައްކާތެރި ކުރައްވާ ގޮތްތައް ބޭރުފުށުން ބަލާއިރު ކިތަންމެ ގޯސްކޮށް ފެނުނަސްމެ އެވެ. ތިންވަނަ ކަމަކީ، ކައުނުގައި މި ހިނގާ ހުރިހާ ކަމެއްގެ ފަހަތުގައި ވެސް ހިކުމަތްތަކެއް ވާނެ ކަމެވެ. އެކަމަކު ﷲ އެއްވެސް މީހަކަށް އަނިޔާވެރިވެ ވޮޑިނުގަންނަވާނެ ކަމެވެ. ހަތަރުވަނަ ކަމަކީ، ހިކުމަތްތައް އަހަރެމެންނަށް ނޭނގުނަސް ކަންކަން ގޯސްކަމަށް ކަނޑައަޅައިގެން ނުވާނެ ކަމެވެ. އޭގެ ބަދަލުގައި ﷲ މޮޅަށް ދެނެވޮޑިގެންވާނެކަން ގަބޫލު ކުރަން ޖެހޭނެ ކަމެވެ. މި ނޫނަސް މިފަދަ އިތުރު ފިލާވަޅުތައް މި ހާދިސާ އިން ވެސް ދަސްކޮށް އިބުރަތް ހޯދިދާނެ އެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 8%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާޖީބެ

05 May 2020

ހަމަކަށަވަރުން އެކުއްޖާއަކީ އެހިސާބަށް އެއްވެސް ކުށެއްނުކޮށް ހުރި އިނަސެންޓްކުއްޖެއް އެއަށް ވުރެ ހެޔޮކުށްޖެއް އެދެމެފިރިންނަށް ދެއްވުމުގެ ކުޅާދާނަފަރާތަކަށް މަރާލެވުނު އެކުއްޖާއަކީ އެޔޮލަފާ ކުއްޖެއްކަމުގައި ލެއްވުން ކުޅަދުންވަންތައެވެ.

The name is already taken The name is available. Register?

ނަން

06 May 2020

ކުޅަދުންވަންތަ ކަމުގެ ދަށުން ﷲ ކުރައްވާނީ، އެކަލާނގެ ސިފަފުޅެއް ނުވަތަ ކަނޑައަޅުއްވާފައިވާ ނިޔާއެއް ނަފީ ނުވާ ކޮންމެ ކަމެއް. އެކަލާނގެ ޒާތުފުޅުގައި މުސްތަޙީލު ކަމެއް ނުވަތަ އެކަލާނގެ ނިޔާ އެއް ނަފީ ވާނެ އެއްވެސް ކަމެއް އިރާދައެއް ނުކުރައްވާނެ. އިންސާނާގެ ޢަމަލުތަކަށް ﷲ ވަނީ އިޚްތިޔާރު ނިޔާ ކުރައްވާފަ. ހެޔޮލަފާ ވުމަށް ހުރިހާ މަގުތަކެއް ފަހި ކުރެއްވީމާ ހެޔޮލަފާވުން އިޚްތިޔާރު ނުކުރާނެ ފަރާތެއް ހެޔޮލަފާ ކުރެއްވީމާ އިޚްތިޔާރު ގެއްލި މަޖްބޫރުކުރެވުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454