ވާޗުއަލް ރޭހެއްގައި މަކަރު ހެދުމުން ބޮޑު ޖޫރިމަނާއެއް

ޖަރުމަނުގައި ކުރިއަށް ގެންދާ ވާޗުއަލް ރޭހެއް ކަމަށްވާ "ރޭސް އެޓް ހޯމް ޗެލެންޖް ސީރީޒް" ގައި، ފޯމިއުލާ އީ ގައި ވާދަކުރާ ޑެނިއެލް އެބްޓް އޭނާގެ ނަމުގައި އެހެން މީހަކު ބައިވެރިކުރުވި މައްސަލައެއް ފަޅާއަރައި މުބާރާތުން ޑިސްކޮލިފައިކޮށް، ކުރި ކުށުގެ އަދަބެއްގެ ގޮތުގައި ޗެރިޓީއަކަށް 10,957 ޑޮލަރު ދައްކަން ޖެހިއްޖެ އެވެ.


މިކަމާ ގުޅިގެން ޑެނިއަލް މިހާރު ވަނީ މާފަށް ވެސް އެދިފަ އެވެ.

އޭނާ ބުނީ އެކަން ކުރެވުނީ އެހާ ސީރިއަސްކޮށް އެކަމާ ދޭތެރޭ ކުރިން ވިސްނައިނުލެވުމުން ކަމަށާއި ފޯމިއުލާ އީގައި ހިއްސާވާ މީހެއްގެ ހައިސިއްޔަތުން ކުރެވުނު ކަންތަކާ ދޭތެރޭ ލަދު ގަނެ ހިތާމަކުރާ ކަމަށެވެ. އަދި ޕްރޮފެޝަނަލް ރޭސާއެއްގެ ގޮތުގައި ހުރެ ކުރެވުނު އެ އަމަލަކީ ކުޅިވަރުގެ ރޫހާ ވެސް ހިލާފުކަމެއް ގަބޫލުކުރާ ކަމަށް ބުންޏެވެ.

އޮންލައިން މުބާރާތުގައި ޑެނިއަލްގެ ގޮތުގައި ވާދަކޮށް ހޮނިހިރު ދުވަހުގެ ރޭ އިވެންޓްގައި ތިން ވަނަ މަގާމު ހޯދީ ލޯރެންސް ހޯރިންގް ކިޔާ މީހިކު މެދުވެރިކޮށެވެ. އޭއެ ދުވަހުގެ ފައިނަލް މެޗްގައި ވާދަކުރީ އިނގިރޭސިވިލާތުގެ އޮލިވާ ރޯލަންޑާއި ބެލްޖިއަމްގެ ކުރީގެ އެފް1 ގެ ބައިވެރިޔާ ސްޓޮފެލް ވެންޑޫނެވެ.

އެ ކުޅުންތެރިންނާ ވާދަކުރީ ސީދާ ޑެނިއަލް ނޫންކަން ފަޅާއެރީ އެކަމާ ދޭތެރޭ އޮލިވާ އާއި މުބާރާތުގައި ވާދަކުރި ފްރާންސްގެ ކުޅުންތެރިޔާ ޖިއާން އެރިކް-ވާން އަށް ޝައްކުވެގެން މުބާރާތް އިންތިޒާކުރި ފަރާތުގެ ސަމާލުކަމަށް އެކަން ގެނެސް، ވީޑިއޯ އޮންކޮށް ބެލުމުންނެވެ.

އޭރު ގޭމް ކުޅެން އިނީ ޑެނިއަލްގެ ބަދަލުގައި ލޮރެންޒެވެ.

"ރޭސް އެޓް ހޯމް ޗެލެންޖް ސީރީޒް" އަކީ ކޮރޯނާވައިރަހާ ދިމާކޮށް ހާލުގައި ޖެހޭ ކުޑަކުދިންނަށް އެހިވާން ފަންޑް ހޯދުމުގެ ގޮތުން ޔުނިސެފްގެ ސަޕޯޓާ އެކު ކުރިއަށް ގެންދާ މުބާރާތެކެވެ.